ޕީޕީއެމްގެ މެނިފެސްޓޯ ވަރަށް އަވަހަށް ހާމަކުރާނަން: މައުމޫން

ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމުން ކަމަށާއި އެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ މެނިފެސްޓޯ ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލްބީޗުގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ކުރިމަގާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށާއި އެ ޕާޓީ އަކީ ފަހަތަށް ބަލާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ މުސްތަގުބަލަށް ކަމަށެވެ. އެ ޕާޓީން ފަހަތަށް ބަލާނީ އިބްރަތެއް ހާސިލްކުރުމަށް އެކަނި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕާޓީން އިންތިހާބު ކާމިޔާބުކުރަނީ، ވެރިކަމުގެ ދަހިވެތިކަމުގައި ނުވަތަ ނާޖާއިޒު ފައިދާތަކެއް ހޯދުމަކަށް ނޫން ކަމަށެވެ.
"އެއީ ހަމައެކަނި ދިވެހި ރައްޔިތުންނާއި ގައުމަށްޓަކައި. ދިވެހި ރައްޔިތުންނަށް ތަނަވަސްކަން ގެނެސްދީ، އިގްތިސާދީ ހާލަތު ރަނގަޅުކޮށް ރައްޔިތުންގެ ޖީބުތައް މިހާރަށް ވުރެ ތަނަސްވަސްކޮށްދިނުމަށްޓަކައި. އިތުރު ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ ތައުލީމާއި ސިއްހަތު މިހާރަށް ވުރެ ފުޅާކުރުމަށްޓަކައި، ދިވެހި އަންހެނުންނަށް ހައްގު މަގާމް ހޯދައިދިނުމަށްޓަކައި، ދިވެހި ގައުމާއި ދީނާއި ސަގާފަތް ކުރިއެރުވުމަށްޓަކައި،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަންތައްތައް ފުރިހަމަކޮށްދިނުމަށް ޕީޕީއެމްގެ ހުރިހާ ވިސްނުމެއް ގެންގުޅޭނީ މުސްތަގުބަލަށް ކަންކަން ރާވައި ރައްޔިތުންނަށް އުފާ ފާގަތިކަމާއި ތަނަވަސްކަން ގެނެސްދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށެވެ. އެ ހުރިހާ ކަންކަމަށް އަލިއަޅުވާލައި އާއްމުންނާ ހަމައަށް ނެރޭ މެނިފެސްޓޯގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ވެސް ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބަޔަކު ހުރަސްއަޅަމުން ދިޔަ ކަމަށާއި ނަމަވެސް މަޖިލީސް ހުޅުވުނީ ރައީސް ވަހީދުގެ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު، ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ، އެމަނިކުފާނަށް މައުމޫން މަރުހަބާ ވިދާޅުވި އެވެ. އަދި ގައުމާއި ރައްޔިތުންގެ ފައިދާ އަށް ރައީސް ވަހީދު ކުރައްވާ މަސައްކަތްޕުޅަށް ޕީޕީއެމުން އަބަދުވެސް ތާއީދުކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަންނަމުން ދިޔަ އެމްޑީޕީގެ ސަރުކާރު ޒިންމާދާރުކުރުވާފައި ވަނީ ރައްޔިތުންގެ ގިނަ ބައެއްގެ ބައިވެރިވުމާ އެކުގަ އެވެ. އަދި ގާނޫނީ އިމުން ބޭރުގައި ކަންކަން ހިންގި ސަރުކާރާ ދެކޮޅަށް އިހުތިޖާޖްކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ގާނޫނު އަސާސީ ދަމަހައްޓައި ނެގެހެއްޓުމަށް ސިފައިންނާއި ފުލުހުން ވެސް ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ވިދާޅުވެ ސަލާމަތީ ބާރުތަކުގެ މަސައްކަތަށް ވެސް އެމަނިކުފާނު ތައުރީފް ކުރެއްވި އެވެ.
"ހަގީގަތުގައި ސަލާމަތީ ބާރުތަކުން އަބަދުވެސް މަސައްކަތްކޮށްފައި ވަނީ ރައްޔިތުންގެ ދިފާއުގައި. ނޮވެމްބަރު 3 ގައި އުދުވާނީ ހަމަލާގައި ވެސް ރާއްޖެ އަށް މާތްﷲގެ ވާގިފުޅާއެކު ނަސްރު ލިބި ސަލާމަތްކަމުގެ ޖައްވަކަށް ނޭވާ ލެވުނީ ދިވެހި ސިފައިންގެ މަސައްކަތުން. އެ ނޫން ކަންތައްތަކުގައި ވެސް ދިވެހި ފުލުހުންނާ ސިފައިން ދައްކުވައިދީފައި ވަނީ އެ ބޭކަލުންނަކީ ގައުމުގެ އައްޑަނަ ކަމުގައި. ރައްޔިތުންނަށް ދިމާވާ ކޮންމެ ނުރައްކަލަކުން ސަލާމަތްކޮށްދިން ބަޔަކީ ދިވެހި ފުލުހުންނާއި ސިފައިން،" މައުމޫން ވިދާޅުވި އެވެ.
ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ހިދުމަތުގައި ދެމިތިބެ، ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނު އަސާސީ ނެގެހެއްޓުމަށް މައުމޫން އިލްތިމާސްކުރެއްވި އެވެ.
މައުމޫންގެ ވާހަކަފުޅުގައި، ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކުރުމުގެ މުހިއްމު ކަމަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލަ މަސްލަހަތަށް ވުރެ، ޕާޓީގެ މަސްލަހަތު އިސްކޮށް، އަދި ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރެއްވި، އެ ދާއިރާ އަށް ކުރިމަތިލައްވައި ފަހުން ވާދަނުކުރަން ނިންމެވި މުހައްމަދު ވަހީދު އިބްރާހިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ގައުމުގެ މަސްލަހަތަށް ވަހީދު ނިންމެވި ނިންމެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހަދިޔާއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ