ރައީސް ވަހީދަށް ރިޔާސީ ބަޔާން އިއްވެން ޖެހޭނެ: އައިޕީޔޫ

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ ބޭއްވެން ޖެހޭނެ ކަމަށާއި އަދި ރައީސް މުހައްމަދު ވަހީދަށް ރިޔާސީ ބަޔާން ދެއްވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އައިޕީޔޫގެ މަންދޫބު މާޓިން ޗުންގޮންގް ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާގައި ޗުންގޮންގް "ހަވީރަ"ށް ވިދާޅުވީ ދެ ބައި މީހުން މަޝްވަރާ އަށް ގެންދަން މަސައްކަތްކުރައްވައިގެން މިހާރު ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވާހަކަދެއްކުން ނޫން ހައްލެއް ފެނިވަޑައިނުގަންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލިސް ހުޅުވައިގެން މަޖިލީހުގެ ތެރެއިން ކަންކަން ހައްލުކުރަން ރައީސް ވަހީދު ވިދާޅުވެފައިވާ އިރު އެއީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޗުންގޮންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ކަންތައް ނިންމަން ޖެހޭނީ ދިވެހިން އަމިއްލަ އަށް ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
މުޒާހަރާގައި ހަމަނުޖެހުން ހިނގާތީ އާއި މަޖިލިސް ހުޅުވުމަށް ހުރަސް އެޅެމުންދާތީ ކަންބޮޑުވާ ކަމަށް އެމެރިކާ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އަވަސް އިންތިޚާބެއް ބޭއްވުމަށްޓަކައި މަޝްވަރާތަކަށް ދިއުމަށް ހުރިހާ ފަރާތަކުން ކޮށްފައިވާ މަސައްކަތަށް އެމެރިކާ އިން މަރުހަބާ ކިޔާފައިވާނެ ކަމަށެވެ.
"މަޖިލިސް ހުޅުވޭ އިރު، ރޯޑްމެޕްގައި އެއްބަސްވެފައިވާ ފަދައިން، ސުލްހަވެރި ގޮތުގައި ގުޅިގެން މަސައްކަތްކޮށްގެން ހައްލެއް ހޯދުމަށާއި ހަމަނުޖެހުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާ އިން ހުރިހާ ފަރާތްތަކަކަށް ބާރު އަޅަމެވެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ. "މި ކަމުގައި ރާއްޖެ އަށް އެހީތެރިވެދިނުން އެމެރިކާ އިން ކުރިއަށް ގެންދާނެ އެވެ. އަދި އިންތިޚާބަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދޭން އެމެރިކާ އޮތީ ތައްޔާރަށެވެ. ހުރިހާ ދިވެހިންގެ މަސްލަހަތަށް ވިސްނައިގެން، ގުޅިގެން އަދި ބިނާކުރަނިވި ގޮތެއްގައި އެއްބަސްވުމަކާ ހަމައަށް ދިއުމަށް މަސައްކަތްކުރުމަށް ޕާޓީތަކަށް ގޮވާލަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ