ރައީސް މުލީއާގޭގައި ދިރިއުޅުއްވަން ފެއްޓެވުން: "ތީމުގޭގައި ދިރިއުޅެން ނުނިންމީ ރައީސް މައުމޫން އެގޭގައި އުޅުއްވައިފައި ވާތީ އެއް ނޫ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހަމަޖެއްސި ރަސްމީ ގެކޮޅު "މުލީއާގެ" އަށް އެމަނިކުފާނު އާއިލާއާއެކު ބަދަލުވެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަބަލުން ލައިލާ އަލީ ރޭ މުލީއާގެ އަށް ވަޑައިގަތުމުން އެމްއެންޑީއެފް އިން ރިޔާސީ ކުރުނީހެއް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މުލީއާގެ އަށް ވަދެވަޑައިގެންނެވުމަށް ދެންނެވީ ޗީފްއޮފް ޑިފެންސް ފޯސް ބުރިގޭޑިއަރު މޫސާ އަލީ ޖަލީލެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން މުލީއާގެ އަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމާއި ގުޅިގެން މުލީއާގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާ ދަނޑިވަޅެއްގައި ތީމުގޭ ފަދަ ހަރަދު ބޮޑު ތަނެއްގައި ދިރިއުޅުއްވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ތީމުގޭގައި ދިރިއުޅުން އެއީ އަޅުގަނޑުމެންގެ ވައުދުތަކާ، ސިޔާސަތުތަކާ މުޅިން އެއްގޮތް ކަމެއް ނޫން. ތީމުގޭގައި ދިރިނޫޅެން ނިންމީ ކުރީގެ ރައީސް މައުމޫން އެގޭގައި އުޅުއްވައިފައި ވާތީއެއް ނޫން. ތީމުގޭގައި ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުރުންވާނީ ވަރަށް ހަރަދު ބޮޑުކަމަކަށް. އެތަން ހިންގުމުގެ އާންމު ހަރަދު މި ގެ ހިންގުމުގެ އާންމު ހަރަދަށްވުރެ، 18 ގުނަ ބޮޑު،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި 1995 ގައި ތީމުގެ ހަމަޖެއްސެވީ ދެންނެވުމަކުން ކަމަށާ، މުލީއާގެ ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ގެކޮޅެއްގެ ގޮތުގައި އަލުން ހަމަޖެހިގެން ދިޔައީވެސް ރައީސްގެ ދެންނެވުމެއްގެ ދަށުން ކަމަށެވެ.
ރޭ މުލީއާގޭގައި އޮތް ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަން ކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވާހަކަ ދެއްކެވިއެވެ. މިނިސްޓަރުގެ ވާހަކައިގައި ސަލާމަތީ ސަބަބުތަކަށްޓަކައި، ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދެވި އަނބިކަބަލުންގެ ގެއިން މުލީއާގެ އަށް ބަދަލުވެ ވަޑައިގެންނެވުމަށް ތަރުކާރުކޮށް ދެންނެވި ކަމަށާ، އެކަން ގަބޫލު ކުރެއްވުމުން ސިފައިންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. ހަސަން ސައީދު މިމަހުގެ 5 ވަނަ ދުވަހު ވިދާޅުވެފައިވަނީ ރައީސް އަމިއްލަފުޅަށް މުލީއާގެ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމަކީ ގާނޫނާ ހިލާފަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ބަންޑާރަ ނައިބު ސަރުކާރުގެ މީޑިއާގައި އިއްޔެ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުލީއާގެ އަށް ވަޑައިގެންނެވުމަކީ ގާނޫނާ ހިލާފު ނިންމެވުމެއް ނޫންކަމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި މުލީއާގެ އަކީ 300 އަހަރުގެ ދިގު ތާރީހަކާ ގުޅިފައިވުމުގެ އިތުރުން މީގެ ކުރިން ރާއްޖޭގައި ރައީސްކަން ކުރެއްވި ތިން ރައީސުންވެސް ރަސްމީގެކޮޅުގެ ގޮތުގައި ބޭނުން ކުރައްވައިފައިވާ ކުރީގެ ހެންވޭރު ގަނޑުވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ