ދިވެހި ފުލުހުންނަށް ހަތިޔާރު ދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ގޮވާލައްވައިފިއެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ތަމްސީލް ކުރައްވަމުން ގެންދަވާ މުހައްމަދު އިސްމާއީލް މިގޮތަށް ގޮވާލައްވާފައިވަނީ މާފުށީ ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް، 23، އާއި ހެންވޭރު ހާޖަރާގެ އަބްދުﷲ ލުތުފީ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ދަނޑިވަޅެއްގައިއެވެ.
ފުލުހުން އިއްޔެ ވަނީ ޖަލުން ފިލައިގެން އުޅޭ ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު (26އ) މާލޭގައި ހުންނަ “ޓަޓިއާންސް ކެފޭ” ތެރޭގައި ހުއްޓާ އަތުލައިގެންފައެވެ. ފުލުހުން ހިންގި ކުއްލި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރިއިރު ހުރީ ސިފަ ބަދަލުކޮށްގެންނެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު ވިދާޅުވީ ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރާ ކަމަށާއި ފުލުހުންނަށް ހަތިޔާރު ދިނުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ދިވެހި ފުލުހުންނަށް ޝުކުރިއްޔާ، ޝުކުރިއްޔާ ސީޕީ ހުސެއިން ވަހީދު، ދިވެހި ފުލުހުންނަށް ހަތިޔާރު ދިނުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއް." މެންބަރު ވިދާޅުވިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު މިހެން ވިދާޅުވިއިރު ފުލުހުން މިހާރު ބޭނުންކުރަމުން އަންނަނީ ލެސް ލީތަލް ހަތިޔާރެވެ. އެއީ މުގުރާއި ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ ފަދަ ހަތިޔާރެވެ. އަދި ބަޑި ފަދަ ނުރައްކާތެރި ހަތިޔާރުތައް ގެންގުޅެމުން ދަނީ ދިވެހި ސިފައިންނެވެ.
މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ މިއަދުގެ ދިވެހި ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ކުރީގެ ސަރުކާރުތަކުން ޖަލުގައި ތިބި ކުށްވެރިން މަގުތަކަށް ދޫކޮށް ޖަލުގެ ހާލަތު ރިސޯޓަކަށް ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ.
ފުލުހުންނަށް ހަތިޔާރު ދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ