މޫސުން ގޯސްވުމުން އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައި

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.
އެ މަރުކަޒުން ބުނީ ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް އާބާތުރަ ފިލުވުމަށް އެ މަރުކަޒުން ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން، ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ހަތަރު ފެންވަޅެއް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއާ އެކީ އެެއްބަސްވެފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް މިހާރުވެސް ތައްޔާރުވެފައިވާ ކަމަށެވެ.
އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފެށުމަށް ނިންމިކަމުގައި ވިޔަސް މޫސުން ގޯސްވުމާގުޅިގެން އެމަސައްކަތް ކުރެވޭ ގޮތް ނުވާކަން އެމަރުކަޒުން ފާހަގަކުރެއެވެ.
އެހެންކަމުން މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަފިލުވައި، ރީތިކުރުމުގެ މަސައްކަތް ފަށާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެއެވެ.
މާލޭ ހުކުރު މިސްކިތަކީ 300 އަހަރުވާން ގާތްވެެފައިވާ އާސާރީ ތަނެކެވެ. މިތަން ހަދާފައިވަނީ ހިރިގަލާއި އުވަ ބޭނުންކޮށްގެން ކަމަށްވާއިރު، މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީ އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް މުންނާރަށް ލިބިދާނެ ކަމެއް ކަމަށް އެމަރުކަޒުން ބުނެއެވެ.
މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އެހެންކަމުން މިހާތަނަށް އެތަނުގައި ޖަހަމުން އައީ އުވަކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.
މުންނާރަކީ އަގުނުކުރެވޭފަދަ ތަރިއަަކަށްވާތީ އެތަން ރައްކާތެރިކޮށް ޒަމާންތަކަށް ދެމިގެންދާނެހެން އެތަން ބެލެހެއްޓުމަށް އެމަރުކަޒުން ދަނީ މަސައްކަތް ކުރަމުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ