އުތުރާއި ދެކުނަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

އުތުރުގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް މިއަދު އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް (ހުދު ސަމާލު) ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅާއި ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށާއި ފުވައްމުލަކާއި އައްޑޫ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އުތުރަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:15 އާއި ހަމައަށެވެ. ދެކުނަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އެހެން ހިސާބުތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތަކަށް އާދައިގެ ވަރަކަށް މަޑު ވާނެ އެވެ. ނަމަވެސް ދެކުނުގެ ކަނޑުތަކަށް ކެރިގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ