ބައިނަލް އަޤުވާމީ ޚަބަރުތައް ފަތުރާ އެންމެހާ ވަސީލަތްތަކުން މިވަގުތު އެންމެ ހޫނުކޮށް ފެންނަ،އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޚަބަރަކީ، އިންޑިޔާގެ ހަރުކަށި ހިންދޫ ފިކުރުގެ ސަރުކާރުން ކަޝްމީރާއި އެސަރަހައްދުގެ ރައްޔިތުންނާމެދުގައި ކަންކަން ކުރަމުންދާ ގޮތުގެ ޚަބަރުތަކެވެ. ކަންވަމުންއައި ގޮތް: ފާއިތުވެދިޔަ ހަފުތާ ތަކުގައި ނުލަފާ ރޭވުމެއްގެ ލިސާންތައް ކަޝްމީރުގައި ފާޅުވަމުން ދިޔައެވެ. ކުއްލިގޮތަކަށް ކަޝްމީރުގައި ދާއިމީކޮށް ތިބެ ކަޝްމީރު ރައްޔިތުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ކޮންޓުރޯލުކުރާ، އިންޑިޔާގެ ބައިމިލިޔަން (500،000) ސިފައިންގެ ތެރެއަށް އިތުރު އެތައް ހާސް ޕެރަމިލިޓަރީންގެ މައްޗަށް އެކުލެވޭ ބާރުތަކެއް އިތުރުކުރިއެވެ. މިބާރުތައް ތަރުތީބުކުރެވިފައިވަނީ މުހިއްމު ސިޓީތަކާއި ޓައުންތަކުގެ ފުރިހަމަ ބާރު އަތުލައި އެރަށްރަށަށް ވަދެނުކުންނަ ހުރިހާ ދޮރާއްޓެއްގެ ފުރިހަމަ ބާރުވެރިކަން އެމީހުންނަށް ލިބޭނެ ގޮތަށެވެ. ސަރުކާރުގެ ރަސްމީ އެންގުންތައް ތިލަވާން ފެށީ ދުވަސްކޮޅެއް ފަހުންނެވެ. އަހަރަކު އެއްފަހަރު ހިންދޫ ޙައްޖުވެރިން ކުރާ ދަތުރެއް ހުއްޓުވައި އަބުރައި ފޮނުވައިލުމާއި، ފުލުހުންގެ އޮފިސަރުން ދޮރުން ދޮރަށް ގޮސް ކަޝްމީރުން ބޭރުވުމަށް ޓުއަރިސްޓުންނަށް އެންގުމާއި، ސްރިނަގަރު ޝަހަރުގައި ހުރި އިންޖިނިއަރިން ކޮލެޖަކުން އިންޑިޔާގެ ދަރިވަރުން ބަސްބަހުގައި ބޭރުކޮށްފައިވުމަކީ މިދެންނެވި ފަދަ ބައެއް މިސާލެވެ. އިހުގައި ފެނިފައިނުވާ ސަލާމަތީ ޙާލަތަކަށް ތައްޔާރުވުމަށް ގޮވާލާ ސިޓީތަކެއް ސަރުކާރު އިދާރާތަކަށްވަނީ ގޮސްފައެވެ.މިހުރިހާކަމެއް ހިގަމުން ދިޔައިރު ކަޝްމީރު ރައްޔިތުންނަށް ވަނީ ކީއްކަމެއް ވާން އުޅެނީ ކިހިނެއްކަމެއް ނޭނގެއެވެ. އެކިކަހަލަ ވާހަކަ ތުންތުންމަތިން ފެތުރެމުން ދިޔައެވެ. އިންޑިޔާގެ ޤާނޫން އަސާސީގެ 370ވަނަ މާއްދާ އުވާލާނެ ކަމުގެ ވާހަކައާއި އިންޑިޔާއާ އިންވެފައި ހުރި ޕާކިސްތާނުގެ ސަރަހައްދުތަކަށް ހަމަލާއެއް ދިނުމަށް ތައްޔާރުވާކަމުގެ ވާހަކަތައް ދިޔައީ ދެކެވެމުންނެވެ. އަދި މުޅި ސަރަހައްދަށް އިންޑިޔާގެ އަސްކަރިއްޔާ ފެތުރިގަނެ އިންޑިޔާއާ ދެކޮޅު ހަދާ އެންމެން ހައްޔަރުކޮށް، ނައްތާލުމަށް އުޅޭކަމުގެ ވާހަކަތައްވެސް ފެތުރުނެވެ. އަދި އިންޑިޔާގައި ޖަލު ބަންދުގައި ހުންނެވި އިންޑިޔާއާ ދެކޮޅު ކަޝްމީރީ ލީޑަރު ޔާސީން މާލިކު ޖަލުގައި ނިޔާވެއްޖެ ކަމުގެ ޚަބަރުތަައްވެސް ފެތުރުނެވެ. އޭނާގެ މަރުގެ ޚަބަރަކީ ތެދެއްނޫންކަން ފަހުންވަނީ ޔަޤީންވެފައެވެ. މިއިން އެއްވެސް ވާހަކައަކަށް އިންޑިޔާއިން ޔަޤީންކަމެއް ދީފައި ނުވެއެވެ. ފަރުދާ އުފުއްލާލުމާއި، ނާމާންކަމުގެ އުދާސް:ހޯމަދުވަހުގައި ކަޝްމީރު ރައްޔިތުންނަށް މަޢުލޫމާތު ލިބުމަށް މެދުވެރިކޮށްފައިވާ ހުރަސް އަދި ފަރުދާ ކެހިގެން ދިޔައީ އިންޑިޔާގެ ހޯމް މިނިސްޓަރ އަމިޓް ޝާހުގެ ތަޤުރީރަކުންނެވެ. އެތަޤުރީރުގައި އަމިތު ޝާހު އިޢުލާންކުރައްވާފައިވާ ދެކަމަކީ ކަޝްމީރީންގެ ދެމިތިބުމަށް އޮތް ބޮޑު ދެނުރައްކަލެވެ. ފުރަތަމަ ކަމަކީ 1947ވަނަ އަހަރުގެ ފަހުން ކަޝްމީރުގެ އިންޑިޔާއިން ކަނޑައަޅާފައިވާ ވެރިންނާއި އިންޑިޔާގެ މަސްއޫލުވެރިންނާ މެދުގައިވާ ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ހަމަޖެހިފައިވާ އިންތިޒާމުތަކެއްގެ މައްޗަށް އެކުލެވޭ މާއްދާ 370 އުވާލިކަމެވެ. މިއެއްބަސްވުގެ ދަށުން ކަޝްމީރާއި ޖައްމުއާއި އަދި ތާރީޚީ ގޮތުން ކަޝްމީރުގެ އަމީރީ ދައުލަތުގެ ބައެއްކަމުގައިވާ ލަދަޚްއަށް ޚާއްސަ ސަރަހައްދުގެ ހައިސިއްޔަތު ދެވިގެންދިޔައެވެ. އެމާއްދާގެ ދަށުން ކަޝްމީރަށް އަމިއްލަ ސަރުކާރަކާއި އަމިއްލަ ޤާނޫނު ހަދާ މަޖިލިހަކާއި އަމިއްލަ ރައީސެއްގެ އިތުރުން އަމިއްލަ ދިދައެއްވެސް ލިބިފައިވެއެވެ. އަދި އިންޑިޔާގެ ބަރުލަމާނުން ކަޝްމީރުގައި ޢަމަލުކުރާނެ ޤާނޫނުތަކެއް ނުހަދާނެއެވެ. ދެވަނައަށް އަމިތު ޝާހު އިޢުލާނުކޮށްފައިވަނީ ޖަންމު ކަޝްމީރާއި ލަދަޚު ވަކިކޮށް، އެދެ ސަރަހައްދަކީވެސް ޔޫނިއަން ޓެރިޓޮރީގެ ގޮތުގައި ބުނެވޭ ސަރަހައްދުތަކެއްކަމުގައި ކަނޑައަޅާނެކަމުގައެވެ. އަދި ކަޝްމީރުގައި ޤާނޫން ހަދާ މަޖިލިހެއް އޮތް ނަމަވެސް އެމަޖިލިސްވެގެންދާނީ ވަރަށް ބޮޑަށް އިންކުރެވިފައިވާ އުނި ބާރުތަކެއްގެ ވެރި، ކޮރު، ނުކުޅެދުންތެރި މަޖިހަކަށްކަމުގައިވެސް އަމިތު ޝާހުގެ ބަޔާނުން ސާފުވެއެވެ. ޔޫނިއަން ޓެރިޓަރީއަކީ ލިބިފައިވާ ބާރާއި އިޚުތިޔާރުގެ އިންތަކަށް ބަލާއިރު ސްޓޭޓުތަކަށްވުރެ ދަށް ފަންތީގެ ސަރަހައްދުތަކެކެވެ. އެގޮތުން އަމިއްލައަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޙައްޤު ކަޝްމީރު ރައްޔިތުންނަށް ގެއްލޭނެވެ. ކަޝްމީރުގެ ފުލުހުންގެ އިދާރާ އުވޭނެއެވެ. އެއަށްވުރެވެސް ޚުޠޫރަތްތެރިކަމަކީ ޔޫނިއަން ޓެރިޓަރީތަކަށް ބިމުގެ މައްޗަށް އޮންނަ ޙައްޤުތައް ގެއްލުމެވެ. ކަޝްމީރުގެ ބިންތައް ބޭނުންކުރާނެ ގޮތް ރޭވުމާއި ބިމާ ގުޅޭ ކަންކަން ނިންމުމުގެ އިޚުތިޔާރު އިންޑިޔާގެ ސަރުކާރަށް ލިބި، ކަޝްމީރީންގެ ކަންކަން ނިންމުމުގައި އެވެރިންގެ ދައުރު އެކީ ނެތިވުމެވެ. ކަޝްމީރުގެ ރައްޔިތުން އެންމެ ބިރުގަތް ދެކަންތައް ޙަޤީޤަތަކަށްވީއެވެ. އަމިއްލައަށް އަމިއްލަ ކަންކަން ނިންމުމުގެ އިޚުތިޔާރާއި، އަމިއްލައަށް އިޚުތިޔާރުކުރާ ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި ތިބުމުގެ ބާރު ގެއްލުނީއެވެ. އަމިއްލަ ބިން ބޭނުންކުރާނެ ގޮތް ނިންމުމުގެ މިނިވަންކަންވެސް ނިގުޅައިގަނެވުނީއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
REPLY
ކަޝްމީރު ރައްޔިތުން މިހިނދުން ފެށިގެން ނެތިގެންދަނީބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ