އިންޑިއާގެ ފޮެރިން ސެކްރެޓަރީއާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި އިއްޔެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ރައީސް ޔާމީން ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމުގެ ތަފުސީލެއް މީޑިއާ އަށް އަދި އާންމެއް ނުކުރެ އެވެ.
ރައީސް ޔާމީންގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ސުބްރަމަންޔަމް ވަނީ މިއަދު ހަވީރު ފުރާވަޑައިގެންފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސުބްރަމަންޔަމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެންފަ އެވެ. މިއީ މި ވެރިކަމުގައި އޭނާގެ ދެވަނަ ދަތުރެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވިއިރު ސިޔާސީ އިދިކޮޅު ހަރަކާތްތައް ވަރުގަދަވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.
އެ ދެ ބޭފުޅުންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަކިވަކިން ބާއްވާފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ދައުލަތުން އެދުނެވެ. އެކަމަކު ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް ދެ ޝަރީއަތުން ވެސް ނިންމީ ގާސިމާއި ރިޔާޒް ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަަމަށެވެ.
ގާސިމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ބަންދު ވެސް ކުރި އެވެ. އެކަމަކު ހައި ކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އިއްޔެ ވަނީ މިނިވަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ