ސްކުއިޑް ގޭމް ނިންމާލީ އާ ފެށުމަކަށް އިޝާރާތް ކުރަމުން
ސްޓްރީމިން ސާވިސް ނެޓްފްލިކްސްއިން މިހާތަނަށް ނެރުނު އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ސްކުއިޑް ގޭމް"ގެ ފަހު ސީޒަން ޕްރިމިއާކޮށް ޝޯ ނިމުމަކަށް ގެނެސްފިއެވެ. ނެޓްފްލިކްސް އިން 2021 ވަނަ އަހަރު ޕްރިމިއާ ކުރި ދެކުނު ކޮރެއާގެ މި ޝޯ އެޅުވުމާއެކު ވަގުތުންވީ ބޮޑު ހިޓަކަށެވެ. އެއާއެކު ޝޯ ކުރިއަށްދާނެ ގޮތަކާ މެދު ފޭނުން ތިބީ ވާނުވާ އެއް ބަލަން ކެތްމަދުވެފައެވެ. އެންމެފަހުން މިދިޔަ އަހަރު ޝޯގެ ދެވަނަ ސީޒަނެއް ނެރުނެވެ. ދެވަނަ ސީޒަން ނިންމާލީ ބޮޑު ޓްވިސްޓަކުން ފޭނުން ސަސްޕެންޝަނެއްގެ ތެރެއަށް ވައްޓާލުމަށްފަހުގައެވެ. ނަމަވެސް މިފަހަރު ދެ ސީޒަންގެ ދެމެދުގައި ދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ. ނެޓްފްލިކްސް އިން މި ހަފުތާ ބަންދުގައިވަނީ ޝޯގެ ތިންވަނަ އަދި ފަހު ސީޒަން ރިލީޒްކޮށްފައެވެ. ޝޯގެ ތިންވަނަ ސީޒަން ނިންމާލީ މީގެ ކުރީން ޖަވާބު ނުދެވި ހުރި ސުވާލުތަކަށް ޖަވާބު ދީފައެވެ. ޝޯގެ ޕްރޮޑިއުސަރުން މީގެ ކުރީން ވެސް ބުނަމުން އައީ ޝޯގެ ނިމުން އުފާވެރިއެއް ނުވާނެ ކަމަށެވެ. ޝޯ ނިމުނީވެސް އެގޮތަށެވެ. ނަމަވެސް ޝޯ ނިންމާލާފައިވަނީ ސްކުއިޑް ގޭމްގެ ފްރެންޗައިޒްއަށް އާ ދިރުމެއް ލިބޭނެ ފަދަގޮތަށް ދޮރުތަކެއް ހުޅުވާލާފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މި ފްރެންޗައިޒްގެ އެހެން ފިލްމުތަކެއް އަދި ޝޯތަކެއް އުފެއްދޭނެ ގޮތަށް އިޝާރާތްކޮށް މި ޝޯ ވަނީ ނިންމާލާފައެވެ. ޝޯ ނިންމާލާފައިވަނީ އެމެރިކާގެ ބައިވެރިން ހިމެނޭ ގޮތަށެވެ. ހޮލީވުޑްގެ މަޝްހޫރު ތަރި ކޭޓް ބްލެންޗެޓް ފެންނަ މި ސީޒަނުން އިޝާރާތްކުރާ ގޮތުގައި ދެން މި ގޭމް އެމެރިކާގައި ބޭއްވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ