ހަމަ އިސްކޮޅަށް ތެދުވަން އެފްއޭއެމަށް އޮތީ އުނދަގޫ މަރުހަލާއެއް ހަމަ އިސްކޮޅަށް ތެދުވަން އެފްއޭއެމަށް އޮތީ އުނދަގޫ މަރުހަލާއެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެން ހަވާލުވާ ހިންގާ ކޮމިޓީ އަކަށް ވެސް މަސައްކަތް ކުރަން ޖެހިފައި އޮތީ ގޮންޖެހުން ބޮޑު ކަންތައްތަކެއްގެ ތެރޭގައި ކަމަށް އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ހެންވޭރު މީރުމާގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، މުއިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ފުލުހުން އެފްއޭއެމް އޮފީހަށް ވަދެ، ބަލާފާސްކުރުމުގެ ތެރޭގައި ގެންގޮސްފައި ހުރި ހުރިހާ ލިޔުންތަކެއް މުޅިން އަނބުރާ ލިބިފައިނުވާ ކަމަށެވެ. އަދި، އެ ކަމާ ހެދި ކުރިމަތިވި، ދަތިތަކާ އެކީގައި ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ލިބެން ހުރި މައުލޫމާތުތަކަށް ބަލައި، އެންމެ ރަނގަޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ، އެފްއޭއެމްގެ ބައެއް ހިންގާ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއެއް ފެންނާކަށެއް ނެތް ކަމަށާއި 2023 ވަނަ އަހަރާއި 2024 ވަަނަ އަހަރު ވެގެންދިޔައީ އެފްއޭއެމަށް ވަރަށް ލޮޅުން ބޮޑު އަހަރެއްގެ ގޮތުގައި ކަމަށެވެ.
މުސްތަގުބަލުގައި އެފްއޭއެމް އަމިއްލަ ފައިމައްޗަށް ތެދުވެ، ކުރިއަށްދާން ބަލާއިރު، ގޮންޖެހުން ބޮޑު ދެ ކަމެއް މުއިއްޒު ފާހަގަކުރެއްވި އެވެ.
ހުޅުމާލޭން 2022 ވަނަ އަހަރު އެފްއޭއެމް އަށް 25 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި ދެ ލައްކަ ތިރީސް ހާސް އަކަފޫޓްގެ ބިމެއް ލިބުނެވެ. އެހެން ނަމަވެސް، 2022 ވަނަ އަހަރު އެފްއޭއެމް އިން އެޗްޑީސީއާ އެކު މަޝްވަރާ ކުރީ 28 ހާސް އަކަފޫޓަކީ ކުލި ހިނގާ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އެޗްޑީސީން ނިންމީ ދިހަ ރުފިޔާ އަށް އަކަފޫޓެއްގެ ރޭޓުން ކުލި ހިނގާ ގޮތަށެވެ.
މުއިއްޒު ވިދާޅުވީ ފެންނަން ހުރި ލިޔުންތަކުން ދައްކާ ގޮތުން، އެފްއޭއެމުން އެ ތަނަށް ކުލި ދައްކާފައިނުވާ ކަމަށެެވެ. އަދި، އެފްއޭއެމް އިން އެ ތަން އިތުރު ބަޔަކަށް ކުއްޔަށް ދިންއިރު، ދީފައިވަނީ ދިހަ ރުފިޔާ ވެސް އަކަފޫޓަކަށް ހަމަނުވާވަރަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، އެޗްޑީސީން އެއްބަސްވުން ބާތިލްކުރަން ފުރަތަަމަ ނިންމި ނިންމުން އެފްއޭއެމް އިން އެދިގެން އިއާދަކޮށްދިނެވެ. އެކަމަކު، އަނެއްކާ ވެސް އެޗްޑީސީން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނިންމީ އެއްބަސްވުން ބާތިލްކުރުމަށެވެ. މި މައްސަލަ މި ވަގުތު ސިވިލް ކޯޓުގައި ހިނގަމުން އެބަދެ އެވެ.
ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، އެ ބިން އެފްއޭއެމަށް އަލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.
"ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިފައި ވަނީ، އެފްއޭއެމް ބޭރު ކުރުމަށާއި ފައިސާ ހޯދުމަށް، ދެން މީގެ، ނަތީޖާގެ ވާހަކަ ދަންނަވާލަންޖެހޭ، ފަންސާހަކަށް ހާސްގެ އަކަފޫޓްގެ ބިން، ސަބްލީސް ކުރެވިފައިވަނީ، ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީފައިވަނީ، ބައެއް ފަރާތްކަަށް އެ ބިން ދީފައި އެބަހުރި 40 އަހަރު ދުވަހުގެ މުއްދަތަށް، (25 އަހަރަށް ލިބުނު ބިމެއް) ކުލި ވަނީ އެއް ފަހަރާ ނަގާފައި، ބައެއް ބިންތަކުން ކޮންމެ ވެސް ވަރަކަށް ފައިސާ ލިބެން ހުރި ކަމަށް އެބަ ދައްކާ،" މުއިއްޒު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ކޮންގްރެސްގެ ތެރެއިން، ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، މުއިއްޒު ވާހަކަ ދައްކަަވަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
"އެއް ބިމެއް ފާހަގަ އެބަކުރެވޭ ކުއްޔަށް ލިބިފައި އޮތް މުއްދަތަށް ވުރެ ވެސް އިތުރަށް ދީފައި ހުރިކަން. ދެން، މީގެ ކަންބޮޑުވާން ޖެހޭ ކަމަކީ، އެފްއޭއެމް އަތުން މި ބިން ދިއުމުން، އެފްއޭއެމް މެދުވެރިވެގެން، މި ބިން ލިބިފައި ހުރި ފަރާތްތަކުން އެފްއޭއެމް ގޮވައިގެން ދައުވާ ކޮށްފާނެތީވެ. ދެން، މި ކަންކަން ހިނގައިފިއްޔާ އެ ފަރާތްތަކަށް އެފްއޭއެމް އިން ގެއްލުމުގެ ބަދަލު ދޭން ޖެހުމުގެ ފުރުސަތު އެބައޮތް،"
މީގެ އިތުރުން، ދެން މުއިއްޒު ފާހަގަކުރެއްވީ، ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ މައްސަލައިގައި ދެކުނު ކޮރެއާގެ ކުންފުންްޏެއް ކަމަށްވާ، ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް އަށް އެފްއޭއެމް އިން ދައްކަން ޖެހޭ ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ ވާހަކަ އެވެ.
ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑުން މި މައްސަލަ ވެއްދީ، ދަނޑުތަކުގެ އަގުތަކުގެ ގޮތުގަޔާއި ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގުގެ ގޮތުގަޔާއި އެފްއޭއެމް އިން އަންގައިގެން ގެނެވުނު ބަދަލުތަކުގެ އަގު އަދި މި މައްސަަލައިގެ ތެރޭގައި، ގާނޫނީ ކަންކަން ފުރިހަމަ ކުރަން ހިނގި ހަރަދުތަކުގެ ގޮތުގައި، ޓީކުއިން ކޮންސްޓްރަކްޝަން އިން ހުށަހެޅީ، އެފްއޭއެމް އަތުން ފަސް މިލިއަން، ނުވަ ލައްކަ އެގާރަ ހާސް ދުއިސައްތަ ޑޮލަރު ހޯދުމަށެވެ.
އެކަމަކު، މައްސަލަ ނިންމިއިރު، ކޯޓުން އެންގީ، ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ)، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެއް މަސް ދުވަސް ތެރޭ ދެއްކުމަށެވެ. އެކަމަކު، އެ މައްސަލައިގައި އެފްއޭއެމް އަށް އަދި ކުރިމަގެއް ނުލިބެ އެވެ.
މުއިއްޒު ވިދާޅުވީ، މިއީ، އެފްއޭއެމް ކުރިއަށްދިއުމަށް ނޫނީ، ދެން އަންނަ ހިންގާ ކޮމިޓީ އަކަށް ވެސް ބުރަ ބޮޑުވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.
މާފަންނު ސްޓޭޑިއަމްގައި ފީފާ ފޯވާޑް ޕްރޮޖެކްޓްގެ ތެރެއިން ގާއިމްކުރާ އިމާރާތްތަކުގެ ތެރެއިން ބައެއް ކަންކަން ހުރި ނެތް ގޮތެއް ލިޔެކިޔުން ފެންނަން ނެތުމުން ހާމަކުރެވެން ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، މި ވަގުތަށް ބަލާއިރު، އެ ތަނުގައި ހުރި، ބައެއް ގުދަންތަކުން ތިއް ލައްކައެއްހާ ރުފިޔާގެ ކުލި ލިބެމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ދެން، ނޭނގޭ އެތާގައި އެ ހުރި އެ ހުރިހާ އިމާރާތްތަކީ ކޮބައިކަން. ލިޔުންތަކެއް ފެންނާކަށެއް ނެތް. ދެން، އަންނަ އެކްސްކޯ އަށް ވެސް ހުރިހާ ކަމެއް އެންމެ އެދެވޭ ގޮތަށް ސާފުވެގެނެއް ނޫން މި ހަވާލު ކުރެވެން އަންނަނީ ވެސް. އެ ހަގީގަތް އަޅުގަނޑުމެން ވެސް ގަބޫލުކުރަން. ދެން، އެފްއޭއެމްގެ އިމާރާތެއް ހުއްޓަސް. އެ ތަނަށް ވަގެއް ވަދެ، ވަނީ ކަރަންޓު ނަރުތައް ވެސް ވަގަށް ނަގާފައި. މިތަންތަނަކީ މުސްތަގުބަލުގައި މަރާމާތު ކޮށްގެން ކުއްޔަށް ދެވިގެން އާމްދަނީ ހޯދޭނެ ތަންތަން،" މުއިއްޒު ވިދާޅުވި އެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން ޖެހޭ ކަމަށާއި މުސާރަ ބަރާބަރަށް ނުލިބި ވެސް ވަރަށް ގިނަ ދުވަހު އެ މުވައްޒަފުން މަސައްކަތްތަކެއް ކޮށްފައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި، އުންމީދަކީ، އެފްއޭއެމްގެ މުވައްޒަފުންނަށް ނުދީ ހުރި މުސާރަތައް އަންނަ މަސް ނިމުމުގެ ކުރިން ދިނުން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ