ޙަސަދަވެރިކަމަކީ މިއަދު ފެށިގެން އުޅޭ ކަމެއް ނޫނެވެ. ޙަސަދަވެރިކަން ފެށިގެން އައީ ޢާދަމްގެފާނުގެ ދަރިކަލުންނާއި ހަމައިންނެވެ. ވީމާ ހަސަދަވެރިން އަބަދުވެސް ދުނިޔޭގައި އުޅޭނެއެވެ. ޝައިޠޯނާ ދާނީ ޙަސަދަވެރިކަން އިތުރުކުރުވަމުންނެވެ.
ހަސަދަވެރިން އަބަދުވެސް ހީލަތްތެރި ރޭވުންތައް ރާވާނެއެވެ. މަލާމާތާއި ފުރައްސާރަ ކުރާނެއެވެ. ގެއްލުން ދޭންވެސް ރާވާނެއެވެ. ޖެއްސުންވެސް ކުރާނެއެވެ. އެކަންކަމަކީ ހަމަކޮންމެ މީހަކަށްވެސް ކުރިމަތިނުވެ ނުދާނެ ކަންކަމެވެ.
އެފަދަ ކަންކަމަށް ބިރު ނުގަންނާށެވެ! ފަސްނުޖެހޭށެވެ. ހެޔޮ އަމަލުތައް ކުރުމުގައި ސާބިތުކަމާއިއެކު ކުރިއަށްދާށެވެ. ޔަޤީންކުރަންޖެހޭ ކަމަކީ އެކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ކަމެވެ. ހަމަ އެއްވެސް ކަމެއް ﷲ ތަޢާލާއަށް ވަންހަނާ ނުކުރެވޭނެ ކަމެވެ.
ފަހަރެއްގައި ހަސަދަވެރިންގެ ކިބައިން މިދުނިޔޭގައި ގެއްލުމެއްވެސް ލިބުނު ނަމަވެސް ކަންބޮޑުނުވާށެވެ! އެހެނީ އެކަން އެގޮތަށް މެދުވެރި ކުރައްވަވަނީ ﷲ ތަޢާލާއެވެ. ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. އިމްތިޙާނުން ފާސްވެއްޖެނަމަ ހީވެސް ނުކުރެވޭ ވަރުގެ ފައިދާ ޤިޔާމަތް ދުވަހު ތިބާއަށް ކުރާނެއެވެ.
މަކަރުވެރި ރޭވުންތަކުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. އީމާންތެރިންގެ ގޮތަކީ އެއީއެވެ.
މިވާހަކަކޮޅު ބުނެލަން މިޖެހެނީ ބައެއް މީހުން ހަސަދަވެރިންނާއިމެދު ވިސްނަން ހަދައިގެން ކުރަން ޖެހޭ އަޅުކަން ނުކުރެވި ދާތީއެވެ. ފަރުޟު ނަމާދުގައި ޚުޝޫޢަތްތެރިވާން ހުރަސް އެޅޭ މިންވަރަށް ވިސްނާތީއެވެ. އެހެންކަމަށް ވެއްޖެނަމަ އެކަމުގެ ހުރިހާ ގެއްލުމެއް އެލިބެނީ ތިބާއަށެވެ. ތިމާކުރާ އަޅުކަމުގެ ޘަވާބު ތިމާއަށް ނުލިބުމަށްވުރެ ދެރަ ކަމަކީ ކޮބައިހެއްޔެވެ؟ ނުއޮންނާނެކަން ޔަޤީނެވެ.
ހަސަދަވެރިންނާއިމެދު ވިސްނަން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ތިމާ ކުރަން ބޭނުންވާ އަޅުކަންތައްތައް ކުރަން މޮޅަށް ރާވާށެވެ! ތަންފީޒުވެސް ކުރާށެވެ! ހަސަދަވެރިން އެންމެ ދެރަވާނީ އެމީހުންގެ އަމަލުތަކަށް ތިބާ އެއްވެސް ވަރަކަށް ޖެހިލުން ނުވާކަން އެނގުމުންނެވެ. މުސްލިމުންނަކީ އެއްވެސް މީހަކަށް ބިރުގަނެ ޖެހިލުންވާން ޖެހެންވީ ބައެއް ނޫނެވެ! މުސްލިމުން ބިރުވެތިވާން ޖެހޭނީ ވެސް ޖެހިލުންވާން ޖެހޭނީ ވެސް ހަމައެކަނި ﷲ ތަޢާލާ އަށެވެ!
ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރާ މީހަކަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
މީހަކު ދެރައެއް ދިނަސް ކަންބޮޑުނުވާތި! އެކަމުން ލިބޭ ދެރައަށްވުރެ އެކަމުގެ ސަބަބުން ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތުން ލިބޭނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ