ކުލި ނުދައްކާތީ އެހެން މީހުން ބޯހިޔާވަހިކަމުން މަރުހޫމުވޭ: މުއްތަލިބު

ސޯޝަލް ހައުސިން ފްލެޓު ލިބޭ މީހުން ކުލި ނުދެއްކުމަކީ އެހެން މީހުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމުގެ ހައްގަށް ހުރަސްއެޅޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ 'އަހާށޭ ބުނާނަން' ޕޮޑްކާސްޓުގައި މުއްތަލިބު ވިދާޅުވީ ސޯޝަލް ހައުސިން ފްލެޓު މަޝްރޫއުތަކަށް ފައިސާ ހޯދަން ޕްރޮޕޯސަލް ލަނީ އެ ތަންތަނުން ލިބޭ ކުލިން ލޯނު ދެއްކޭނެ ކަމަށް ހުށަހަޅައިގެން، އެއީ ފީސިބަލް ޕްރޮޖެކްޓެއްގެ ގޮތުގައި ދައްކައިގެން ކަމަށެވެ.
ބުނީ ކީކޭ؟ - "އަދި ހާއްސަކޮށް، 7،000 ފްލެޓުން (ހިޔާ މަޝްރޫއު)އިން ލިބޭ ފައިސާ ވަންނަން ޖެހެނީ ބޭންކާ އެކު ހަދާފައި އޮންނަ ވަކި އެސްކްރޯ އެކައުންޓަކަށް. އަދި މި ނިމޭ 4،000 ޔުނިޓު ވެސް އިންޑިއަން އެގްޒިމް ބޭންކުގެ އެސްކްރޯ އެކައުންޓަކަށް [ކުލި ފައިސާ] ވަންނަން ޖެހެނީ. ބޭންކަށް އެނގޭނެ ކިހާ ވަރެއްގެ ފައިސާއެއް ކަން ލިބެނީ،" މުއްތަލިބު ވިދާޅުވި އެވެ.
ކަން މިހެން އޮންނައިރު، ކުލި ނުދެއްކުމުގެ ސަބަބުން އެ ފައިސާ ނުލިބުމަކީ، މުއްތަލިބު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ބޮޑެތި މައްސަލަތައް އުފެދޭ ކަމެކެވެ.
"އެ ފައިސާ ނުލިބޭ ކަމަށް ވަންޏާ ދައުލަތަށް އިތުރަށް ލޯނު ނަގައިގެން ހައުސިން ޔުނިޓު އިމާރާތްކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދޭ. އަޅުގަނޑުމެންނަށް މިހާރު ވަރަށް ބޮޑަށް ދަތިވެގެން އުޅޭކަމެއް މިއީ، އެ ފައިސާ ނުދައްކާތީ ލޯނު ހޯދުމުގެ ދަތިކަން."
މުއްތަލިބު ވިދާޅުވީ ކުލި ނުދެއްކުމަކީ ދައުލަތަށް ލޯނު ލިބެން ހުރަސް އެޅޭ ކަމެއްގެ އިތުރުން އެއީ އެހެން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވެސް ހުރަސް އެޅޭ ކަމެކެވެ.
"ވަރަށް ކުޑަ ކުއްޔެއް ދައްކަން މި ޖެހެނީ. އެ ކުލި ނުދައްކާތީ ވަރަށް ގިނަ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ބޯހިޔާވަހިކަމުން އެ ރައްޔިތުން މަހުރޫމުވުމަށް ފުރުސަތު ހުޅުވިގެން މި ދަނީ."
އެނގުން މުހިންމު - ސޯޝަލް ހައުސިންގެ އެކި މަޝްރޫއުތަކުން އަޅާފައިވާ ފްލެޓުތަކަށް ލިބެން ޖެހޭ ކުލިން 728 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުުލިބި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ