ރާއްޖޭގެ ހަލާލް ޓްރެވަލްއިން ތިން ގައުމެއްގައި ފަތުރުވެރިކަމުގެ ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގެ ހަލާލް ޓްރެވެލްއިން ބޮސްނިޔާ، ހާޒެގޮވީނާ ފިލިޕީންސް އަދި މެލޭޝިޔާގައި ކުރިއަށްގެންދިޔަ ތިން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ހަލާލް ޓްރެވަލްއިން ބުނީ މި ކެމްޕޭނުތައް އަމާޒުކޮށްފައިވަނީ، ރާއްޖެއަކީ މުސްލިމުންނާ ރަށްޓެހި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކަމަށެވެ. މި ތިން ޑެސްޓިނޭޝަން ކެމްޕޭނު ކުރިއަށް ގެންދިޔައީ 18 ޖޫންއިން 20 ޖޫންގެ ނިޔަލަށެވެ. މި ކެމްޕޭނުތަކުގެ ތެރެއިން ވަނީ ހަލާލް ޓްރެވަލް މެގަޒިންގެ ހަތަރުވަނަ އަދަދު ވެސް ނެރެފައެވެ. ރާއްޖޭގެ ހަލާލް ޓްރެވަލްއިން ބޮސްނިޔާ، ހާޒެގޮވީނާ ފިލިޕީންސް އަދި މެލޭޝިޔާގައި ހިންގި ތިން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ވަނީ ނިންމާލާފައި -- ފޮޓޯ/ މޯލްޑިވްސް ހަލާލް ޓްރެވަލް ހަލާލް ޓްރެވަލްއިން ބުނީ، ބޮސްނިޔާ، ހާޒެގޮވީނާ އަދި މެލޭޝިޔާއަކީ މުސްލިމު އަޣުލަބިއްޔަތު އޮންނަ ގައުމުތަކަކަށް ވުމާއެކު، އެ ގައުމުތަކުން ހަލާލް ދަތުރުފަތުރުގެ ޕެކޭޖުތަކަށް އޮތް ޝައުގުވެރިކަން ފާހަގަ ކުރެވުނު ކަމަށެވެ. މި ކެމްޕޭނު އަމާޒުކޮށްފައިވަނީ ދަތުރުފަތުރުގެ ޕެކޭޖުތަކާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މުސްލިމު ދަތުރުވެރިންނާއި އާއިލާތަކުން ރާއްޖެ އައިސް ހޭދަކޮށްލެވޭނެ ހިތްފަސޭހަ ވަގުތުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ހަލާލް ޓްރެވެލްއިން މެލޭޝިޔާގެ އިސްލާމިކް ޓޫރިޒަމް ސެންޓާ (އައިޓީސީ)އާ ގުޅިގެން އެ ގައުމުގެ މުސްލިމު ދަތުރުވެރިންނަށް ޕްރޮމޯޝަންތައް އިތުރުކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އެއީ ވިދިވިދިގެން 11 އަހަރު ވަންދެން މުސްލިމު ދަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ހޮވިފައިވާ ގައުމެވެ. މި ކެމްޕެއިންތަކާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ހަލާލް ޓްރެވަލްގެ ފައުންޑާ، ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، އެ މަސައްކަތުގައި ހޭދަކުރެވުނު 12 އަހަރުގެ ތެރޭގައި މަޑުމަޑުން އަލި މަގުތައް ފެންނަމުންދާ ކަމަށެވެ. މި ދާއިރާ ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. "އަޅުގަނޑުމެން ކެމްޕޭން ކުރަން ކޮންމެ އަހަރަކު ވެސް ހަމަ ދެތިން ގައުމެއްގައި. ދެން މިހާރު ޕްރެޒިޑެންޓު ވެސް އިންޓަރެސްޓު ފާޅުކުރައްވައިފި މިކަން ޑިވެލޮޕް ކުރަން. ވަރަށް ގިނަ ގައުމުތަކުގައި މިކަން ކުރޭ މިހާރު ވެސް. ދެން ރާއްޖެއަށް ހަލާލް ޓޫރިޒަމް އައިއްސިއްޔާ ޓޫރިޒަމްގެ އިތުުރު ކޮމްޕޯނެންޓެއް މިއީ ލިބޭނެ" އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު، މެލޭޝިޔާއިން އެކަނި ވެސް 19،846 ފަތުރުވެރިން ރާއްޖެ އައެވެ. އޭރު މެލޭޝިއާ އޮތީ ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރެއިން 21ވަނައިގައެވެ. އެއާ އޭޝިޔާ އަދި މެލޭޝިއަން އެއާލައިންސްއިން ކޮންމެ ދުވަހަކު އަޅާ ފްލައިޓުތަކުގެ ސަބަބުން، ޚާއްސަކޮށް މުސްލިމުންގެ ދަތުރުފަތުރުގެ މާކެޓުގެ ކުރިއެރުމަށް ބޮޑު ފުރުސަތުތަކެއް އޮތްކަން، ހަލާލް ޓްރެވަލްއިން ފާހަގަކުރިއެވެ. ރާއްޖޭގެ ހަލާލް ޓްރެވަލްއިން ބޮސްނިޔާ، ހާޒެގޮވީނާ ފިލިޕީންސް އަދި މެލޭޝިޔާގައި ހިންގި ތިން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ވަނީ ނިންމާލާފައި -- ފޮޓޯ/ މޯލްޑިވްސް ހަލާލް ޓްރެވަލް ބޮސްނިޔާ އަދި ހާޒެގޮވީނާގެ ވެރިރަށް ސަރަޖެވޯއަކީ ވެސް ރާއްޖެއަށް ފަތުރުވެރިން ގެނެވިދާނެ ތަނެއްކަން ހަލާލް ޓްރެވަލުން ފާހަގަ ކުރެއެވެ. ރާއްޖޭގެ ހަލާލް ޓްރެވެލްއިން ވޭތުވެދިޔަ 12 އަހަރު 20އަށްވުރެ ގިނަ މަންޒިލުތަކުގައި، ރާއްޖެ މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުކޮށްފައިވެއެވެ. މާސްޓަކާޑް ކްރެސެންޓްރޭޓިން ގްލޯބަލް މުސްލިމް ޓްރެވެލް އިންޑެކްސް (ޖީއެމްޓީއައި 2025)ގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ދުނިޔޭގެ މުސްލިމު ދަތުރުފަތުރުގެ މާކެޓުގެ އަގަކީ 225 ބިލިއަން ޑޮލަރެވެ. އަދި 176 މިލިއަނަށްވުރެ ގިނަ މުސްލިމު ދަތުރުވެރިން ހަލާލް ޕެކޭޖުތަކުގެ މައުލޫމާތު ހޯދައެވެ. ހަލާލް ޓްރެވަލުން ބުނީ އެ ކުންފުނީގެ މަގުސަދަކީ، ރާއްޖެއަކީ މުސްލިމް ދަތުރުވެރިންނަށް އެންމެ ރަނގަޅު ފަތުރުވެރިކަމުގެ އެއް މަންޒިލުގެ ގޮތުގައި ހެދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ