އަގުބޮޑު ހަފުލާއެއް ބާއްވައި، ބޭޒޯސް އާއި ސެންޗޭޒް އިޓަލީގައި ކައިވެނިކޮށްފި
ފާޑުކިޔުމާއި ހަޅުތާލުތަކާއެކުގައި ވެސް އެމެޒޯން ކުންފުނީގެ ބާނީ އެމެރިކާގެ މަހުޖަނު ޖެފް ބޭޒޯސް އާއި ލޯބިވެރިޔާ ލޯރެން ސެންޗޭޒް ބޮޑު ރަސްމިއްޔާތަކާއެކު ކައިވެނިކޮށްފިއެވެ. ބޭޒޯސް އާއި ސެންޗޭޒްގެ ކައިވެނީގެ ހަފުލާއަކީ މިއަހަރު ފެށުނު ހިސާބުންވެސް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން އައި އެއް އިވެންޓެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެކަކުގެ ކައިވެނީގެ ހަފުލާއަކީ މިއަހަރު ބާއްވާ އެންމެ ބޮޑު އެއް އިވެންޓުގެ ގޮތުގައި ގިނަ ބަޔަކު އައީ ސިފަކުރަމުންނެވެ. އިޓަލީގެ ވެނިސްގައި ދެމީހުންގެ ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އޭލިސްޓުންގެވެސް ހާޒިރުގައެވެ. އޭގެތެރޭގައި ކިމް ކާޑޭޝިއަން އާއި އޭނާގެ އާއިލާގެ މެމްބަރުންގެ އިތުރުން އޯލެންޑޯ ބްލޫމްވެސް ހިމެނެއެވެ. ލޯރެން ސެންޗޭޒްގެ ކައިވެނީގެ ހަފުލާގައި ލީ ހެދުން ދެމަފިރިން ކައިވެނި ކުރުމަށްޓަކައި ވެނިސްގައި މީގެ ކުރީން ހަފުލާ ބާއްވަން އުޅުނު އިރު ވެނިސްގެ ރައްޔިތުންގެ ފަރާތުން ވަނީ ފާޑުކިޔުންތަައް ރައްދުވެފައެވެ. އަދި މިފަހަރުވެސް ކައިވެނި ކުރުމަށް ހަމަޖައްސާފައިވާ ތަނުގެ ގޮތުންވެސް އާންމުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އެއާއެކު ބައެއް ވެނިސް ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. ބައެއް މީހުން ބުނާގޮތުގައި ދެމީހުންގެ ކައިވެންޏަށް މިހާބޮޑު ޚަރަދެއްކޮށް ގިނަ ބަޔަކު އެއްފަހަރާ ގެންދިޔުމުން މުޅި ވެނިސްގެ އާންމުންނަށް އެކި ކަހަލަ ދަތިތަކާ ކުރިމަތިވިއެވެ. އޭގެއިތުރުންވެސް ބޭޒޯސް އޭނާގެ މުވައްޒަފުންނާ މެދު އަމަލު ކުރާ ގޮތާއި ސަރުކާރަށް ދޭން ޖެހޭ ޓެކުހުން ރެކެން އުޅޭ މައްސަލައަކީވެސް ގިނަ ބަޔަކު ހަޅުތާލުކުރަމުންދާ ސަބަބުތަކެވެ. ދެމީހުންގެ ކައިވެންޏަށް ބޭޒޯސް ވަނީ 50 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އެއްހާ މެހެމާނުން ވެނިސްއަށް ގޮސްފައިވެއެވެ. ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ބޭޒޯސް އާއި ކުރީގެ ނޫސްވެރިއެއް ކަމަށްވާ ސެންޗޭޒް ލޯބީގެ ގޮތުން ގުޅުނީ 2019ގައެވެ. އެއީ ބެޒޯސް އާއި އޭނާގެ އޭރުގެ އަންހެނުން މެކެންޒީ ސްކޮޓްގެ ކައިވެނި ރޫޅާލި އަހަރެވެ. ބެޒޮސް އާއި މެކެންޒީ 1993 ކުރި ކައިވެނީ ރޫޅައިލި އިރު ހަތަރު ދަރިން ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ