ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަންދޫބު، ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ސަފީރާ ބައްދަލުކުރައްވައިފި
ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުއާ މާގަރެޓް ސެޓާތުވެއިޓް، ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ސަލްމާ ރަޝީދުގެ އަރިހަށް ޒިޔާރާތްކުރައްވައިފިއެވެ. ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި، ޝަރުއީ ދާއިރާގެ މިނިވަންކަން ނަގަހައްޓައި، ރެޕެޓުއާ ސެޓާތުވެއިޓްއާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ސަފީރު ޑރ. ސަލްމާ ދެއްވި ކަމަށެވެ. މާގަރެޓް، ރާއްޖެއިން ޖެނީވާގައި ގާއިމްކޮށްފައި ހުންނަ އޮފީހަށް ޒިޔާރާތްކުރައްވާފައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި މީގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި ވެސް ފަހުންނެވެ. އޭރު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ހުސްނުއްސުއޫދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ ސަސްޕެންޑުކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އޭނާ ވަނީ ގާނޫނުއަސާސީއަށް ހުށަަހެޅި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި، 25 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން އިސްލާހެއް ހުށަހެޅުމުން އެ ކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވަން ކަމަށާއި، އޭގެ ސަބަބުން ކޯޓު ހުއްޓުމަކަށް ނާންނަ ކަމަށް މީގެ ކުރިން ބުނެފައެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރު ބެލުމަށް ސެޓާތުވެއިޓް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން ވަނީ ދައުވަތު ދީފައެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް ވީ ކިހިނެއް؟ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. އޭގެ ތެރެއިން ސުއޫދު އިސްތިއުފާދެއްވިއިރު، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި ދެ ބޭފުޅުން މަގާމުން ވަކިކުރަން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފާސްކުރިއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމިއެވެ. އަދި މިދިޔަ މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފިއެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ކަމުން، އެއިރުން ފެށިގެން ވެސް ސަރުކާރަށް ދިޔައީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް އަމާޒުކުރަމުންނެވެ. އެގޮތުން ކޯޓުގެ މުޅި ބެންޗުން ބަލަމުން ދިޔައީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހަޅައިފައި އޮތް މައްސަލައެކެވެ. https://sun.mv/207172 އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޖޭއެސްސީން ބަލައިފައިވާއިރު، ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމާއި ޖަވާބުދާރީވާން ފުރުސަތު ނުދިނުމުގެ ޝަކުވާތައް ފަނޑިޔާރުން ކުރެއްވިއެވެ. އަދި އެ މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހެޅުއްވުމުން، ބޭރުގެ ގާނޫނީ ގިނަ އިދާރާތަކަކުން ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. ނަމަވެސް އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖުޑިޝަރީ ކޮމިޓީން އެ ފުރުސަތު ނުދީއެވެ. ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ މިމަހު ފާސްކޮށްފައެވެ. އަދި އެ ދެބޭފުޅުން މިހާރު ވަނީ ފަނޑިޔާރުކަމަށް އައްޔަނުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ