އެފްއޭއެމް އިންތިހާބަށް ހުޅުވާލައިފި
އަންނަ މަހު 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 6 ވާ އަންނަ އާދިއްތަ ދުވަހެވެ.އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެ އެވެ.މި ދެ ކަމަށް ބަލާއިރު ވެސް ބައްސާމަށް މި ވަނީ، އިތުރު ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފަ އެވެ. މިދިޔަ ޖޫން މަހު، ފީފާ އިން ވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުުގައި ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވެސް ހިމެނެ އެވެ.އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދެން ހިމަނާފައިވަނީ، މިދިޔަ ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގެ ތެރޭގައި އެކްޓިވްކޮށް އުޅުނުކަން ސާބިތުކޮޮށްދޭ ޑޮކިއުމަންޓްތައް ހުށަހެޅުމާއި އެފްއޭއެމް މެމްބަރު ކްލަބްތަކުގެ ތެރެއިން ފަސް ކްލަބެއްގެ ތާއީދު ސިޓީ (ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބް ހިމެނޭ ގޮތަށް) ހުށަހަޅަން ޖެހެ އެވެ.އިންތިހާބު ކުރިއަށްގެންދާނީ މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުންނެވެ. އެ ކޮމިޓީ އަށް ފީފާއިން ދިން އެއް އަހަރުގެ ދައުރު މި އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ. ތޯރިގު ވަނީ މީގެކުރިންވެސް ކުޑަ ދުވަސްކޮޅަކު އެފްްއޭއެމްގެ ރައީސްކަން ކުރައްވާފަ އެވެ.އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެންމެ ފަހުން މަސައްކަތް ކުރި ދެ ފަހަރުވެސް ތޯރިގު ވަނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް ފީފާ އިން ވަނީ ދެ ފަހަރުވެސް އިންތިހާބު ހުއްޓުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ