ކުލި ނުދެއްކުމަކީ ދައުލަތުގެ އާމްދަނީއާއި އެހެން މީހުންގެ ބޯހިޔާވަހިކަމަށް އެޅޭ ހުރަހެއް: މުއްތަލިބު
ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ކުލި ނުދެއްކުމަކީ ދައުލަތުގެ އާމްދަނީއަށް އެޅޭ ހުރަހެއްގެ އިތުރުން، އެހެން މީހުންގެ ބޯހިޔާވަހިކަމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެވެ. ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000އެއްހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ ފްލެޓުތަކުން ކުލި ނުދެއްކުމުގެ ސަބަބުން، ދައުލަތުން އިތުރު ލޯނު ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. މުއްތަލިބް އެދިވަޑައިގަތީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ތަންތަނަށްވާ ކުލި ގަވާއިދުން ދެއްކުމަށެވެ. "އެހެންމާ ހަގީގަތުގައި ކުލި ނުދެއްކީމާ ދައުލަތަށް އާމްދަނީ ލިބުން ދަތިވުމުގެ އިތުރަށް، އެ ލޯނު ދައްކަން ފައިސާ ލިބުން ދަތިވުމުގެ އިތުރަށް އެހެން ވަރަށް ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ހުރަސްއެޅިގެންދަނީ. [އޭގެ ސަބަބުން] ވަރަށް ގިނަ ބައެއްގެ ހައްގުތަކަށް އަރައިގަނެވޭ" ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މުއްތަލިބު ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން ފްލެޓަށް ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ވެސް ވަރަށް ދަތި ކަމެކެވެ. އަދި ފްލެޓު އަތުލަންޖެހޭ ހާލަތެއްގައި ކޯޓަށް ނުގޮސް އެކަން ކުރުމަކީ ވެސް ވަރަށް އުނދަގޫ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ފްލެޓުތައް ދޫކުރަނީ ސޭލް ޕާޗޭސިން އެގްރިމަންޓެއްގެ ތެރެއިންނެވެ. މުއްތަލިބު ވިދާޅުވީ، މަޖިލީހުގައި މިހާރު އޮތް ބޯހިޔާވަހިކަމުގެ ބިލު ފާސްކުރާ އިރު، އެ މައްސަލަ ހައްލުވާނެ ކަމަށެވެ. އެ ބިލުގެ ދަށުން ކޯޓު މަރުހަލާއަށް ނުގޮސް، ކުލި ނުދައްކާނަމަ ފިޔަވަޅު އެޅޭނެ ފުރުސަތު ލިބި، އަދި މިހާރު ފްލެޓުދޭ އުސޫލު ވެސް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މޯގޭޖެއްގެ ގޮތުގައި ފްލެޓުދިނުން ނުވަތަ ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދު ހަމަވުމުން އެ ފަރާތަށް ފްލެޓު މިލްކުވާގޮތަށް ހެދުމެވެ. ސަރުކާރުން ދޫކުރުމަށް ތައްޔާރުވަމުންދާ 4،000 ފްލެޓު މިލްކުވާނީ 25 އަހަރަށް ކަނޑައެޅިފައިވާ ޖުމްލަ ކުލީގެ އަދަދު ލިބުމުންނެވެ. ވެރިފަރާތުގެ ނަން މައްޗަށް ފްލެޓު ރެޖިސްޓްރީކޮށްދޭނީ 25 އަހަރުގެ ކުލި ދައްކައި ނިމުމުންނެވެ. އެއީ ފްލެޓަކީ ސަރުކާރުން ކުއްޔަށްދޭ އެއްޗެއްގެ ގޮތުގައި އޮތުމުން، އެ ފަރާތްތަކުން ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އެޅޭނެ މަގުފަހި ކުރުމަށެވެ. މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ހުޅުމާލޭގެ 8،000 ފްލެޓެއްގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ 5،099 ފްލެޓެއްވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މައްސަލައިގައި އެޗްޑީސީންވަނީ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ތިން މަހުން ނޯޓިސްއެއް ފޮނުވަން ވެސް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ