21 ވަނަ ގަރުނުގެ އެންމެ މޮޅު ފިލްމަކީ ޕެރަސައިޓް

މި ހިނގާ 21 ވަނަ ގަރުނުގައި ނެރުނު އެންމެ މޮޅު ފިލްމަކީ ދެކުނު ކޮރެއާގެ ތުރިލާ ޑްރާމާ "ޕެރަސައިޓް" ކަމުގައި ހޮލީވުޑްގެ ތަރީންނާއި ޑައިރެކްޓަރުން ނިންމައިފިއެވެ. ދެކުނު ކޮރެއާއިން 2019 ވަނަ އަހަރު ނެރުނު ތުރިލާ ފިލްމު ޕެރަސައިޓަކީ އާންމުންނާއި މަހުޖަނުންގެ މެދުގައި އޮތް ފަރަގު އަޅައި ކިޔައި އޭގެ ސަބަބުން ދިމާވާ ކަންތައްތައް ވަރަށް ތަފާތު ނަޒަރަކުން ގެނެސްދިން ފިލްމެކެވެ. ބޮންގް ޖޫން ހޯ ޑައިރެކްޓު ކުރި މި ފިލްމުވީ ޖެހިގެން ދިޔަ އަހަރު އޮސްކާގެ ވެސް އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދި ފިލްމަށެވެ. އެއާއެކު ފިލްމު ވަނީ ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފައެވެ. އޮސްކާގެ އިތުރުން ހޮލީވުޑްގެ ތަރީންނާއި ޑައިރެކްޓަރުން އަދި އެނޫންވެސް ސްކްރީން ފަހަތުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވެސް އެންމެ ކަމުދާ ފިލްމަކީ މިއީއެވެ. ދާދިފަހުން ހޮލީވުޑްގެ 500 މީހުން ވެގެން 21 ވަނަ ގަރުނުގެ އެންމެ މޮޅު ފިލްމުތައް ވަނީ ގުނާފައެވެ. މި ލިސްޓުން އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ ޕެރަސައިޓެވެ. ލިސްޓުގެ ދެވަނައިގައި ހިމެނެނީ 2002 ވަނަ އަހަރު ނެރުނު ފިލްމު "މަލްހޮލެންޑް ޑްރައިވް" އެވެ. ޑޭވިޑް ލިންޗް ޑައިރެކްޓްކުރި މި ފިލްމަކީ ވެސް ޑްރާމާ އަދި ތުރިލާ ފިލްމެކެވެ. ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ޕޯލް ތޯމަސް އެންޑަސަންގެ "ދެއާ ވިލް ބީ ބްލަޑް" އެވެ. މިއީ 2007 ވަނަ އަހަރުގައި ނެރުނު ޕީރިއަޑް ޑްރާމާ ފިލްމެކެވެ. ލިސްޓުގެ ހަތަރުވަނައިގައި 2000 ވަނަ އަހަރުގެ "އިން ދަ މޫޑް ފޮ ލަވް" ހިމެނޭއިރު ފަސްވަނައިގައި ހިމެނެނީ 2016 ވަނަ އަހަރުގެ ފިލްމު "މޫންލައިޓް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ