"ދަ އޯޑާ އޮފް އޮސްޓްރޭލިއާ"ގެ އެވޯޑު ޕްރޮފެސާ އަބްދުﷲ ސައީދަށް އަރުވައިފި

އޮސްޓްރޭލިއާގެ އެކިއެކި ޔުނިވާސިޓީތަކުގައި އިސްލާމް ދީން އުނގަންނައި ދެއްވުމަށް ކުރައްވާ މަސައްކަތްތަކާއި އެކި ދީންތަކުގެ މެދުގައި މަޝްވަރާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ގައުމުން ދޭ އެންމެ ޝަރަފްވެރި އެވޯޑު، "ދަ އޯޑާ އޮފް އޮސްޓްރޭލިއާ"ގެ އެވޯޑް ދިވެއްސެއް ކަމަށްވާ ޕްރޮފެސާ އަބްދުﷲ ސައީދަށް އަރުވައިފި އެވެ.
ސ. ފޭދު އަށް އުފަން ޕްރޮފެސާ އަބްދުﷲ ސައީދަށް އެ އެވޯޑު ލިބިވަޑައިގަންނަވާކަން އިއުލާންކުރީ އޮސްޓްރޭލިއާގެ ގައުމީ ދުވަސްކަމަށްވާ ޖެނުއަރީ 26، ގަ އެވެ.
"ދަ ސިޑްނީ މޯނިން ހެރަލްޑް" ނޫހުގައި ބުނެފައިވަނީ އެ އެވޯޑަކީ އެ ގައުމުގެ ކައުންސިލް ފޯ ދި އޯޑާ އޮފް އޯސްޓްރޭލިއާ އިން ކަނޑައެޅުމުން ގަވަރުނަރު ޖެނެރަލް ފާސްކުރުމަށް ފަހު ދޭ އެވޯޑެއް ކަމަށެވެ.
އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައި، ދިވެހި ފުރަތަމަ ޕްރޮފެސާ އަބްދުﷲ ސައީދު ވިދާޅުވެފައިވަނީ އިސްލާމީ އިލްމު އެ ގައުމުގެ ޔުނިވާސިޓީތަކުގައި ވަރަށް ބޮޑަށް އާއްމުވަމުން އަންނަ ކަމަށެވެ.
"އޮސްޓްރޭލިއާގެ ވަރަށް ގިނަ ޔުނިވާސިޓީތަކުން އިސްލާމީ އިލްމު އުނގެނުމަށް ހާއްސަ މަސައްކަތްތަކެއް ފެށީ 11/9 އަށް ފަހު،" މެލްބަން ޔުނިވާސިޓީގެ ޕްރޮފެސާ އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އެ އެވޯޑަކީ އޮސްޓްރޭލިއާގެ ރާނީ ކުއީން އެލިޒަބަތު ދެ ވަނަ، ފެބްރުއަރީ 14، 1975 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން އޮސްޓްރޭލިއާ އަށް އެންމެ އަގުހުރި ހިދުމަތްކުރާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑެކެވެ.
އޮސްޓްރޭލިއާގެ އެންމެ ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސައީދު، 2010 ވަނަ ފެލޯ އޮފް އޮސްޓްރޭލިއަން އެކަޑަމީ އޮފް ހިއުމެނިޓީސްގެ މަގާމަށް ހޮވިވަޑައިގެންފައިވެ އެވެ. މިއީ އޮސްޓްރޭލިއާ އަށް އިލްމީ ރޮނގުން ހިދުމަތްކުރައްވާ ބޭފުޅުންނަށް ދޭ ވަރަށް ހާއްސަ މަގާމެކެވެ.
ރައީސް މުހައްމަދު ވަހީދުގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ބޭބެ އަބްދުﷲ ސައީދު މިހާރު ވެސް ގެންދަވަނީ އިސްލާމީ އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން ދިރާސާތައް ކުރައްވަމުންނެވެ. އަދި އޭނާ އިނގިރޭސި ބަހުން ލިޔުއްވި ބައެއް ފޮތްތައް އެހެން ބަސްތަކަށް ތަރުޖަމާކުރެވި ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގެ އިސްލާމިކް ފެކަލްޓީތަކުގައި މުގައްރަރުގެ ގޮތުގައި ބޭނުންކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ