ފަލަސްތީނުގެ ރައްޔިތުން އުންމީދުން މަހުރޫމް ކުރެވިގެން ނުވާނެ: ރައީސް
ފަލަސްތީނުގެ ދަރިން އުންމީދުން މަހުރޫމް ކުރެވިގެން ނުވާނެ ކަމަށާއި އަމިއްލަ ގައުމެއް ނެތި ބޮޑެތިވެގެން ދިޔުމަކީ، ފަލަސްތީނުގެ ދަރިންނަށް ވެވޭ ބޭއިންސާފެއް ކަމުގައި ރައީސް މުހަންމަދު ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ ރާމަﷲ ގައި އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަގްދިސްގެ ހަތަރު ވަނަ ބައްދަލުވުން އިފްތިތާހު ކޮށްދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ސުލްހަވެރިކަމާއި ހަމަޖެހުމާއި ރައްކާތެރިކަން ކަމަށެވެ. އަދި ދިގުލައިގެން ގޮސްފައިވާ ފަލަސްތީނުގެ މައްސަލައިގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ އަޑު އެހުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.ރައީސް ވަހީދު ވިދާޅުވީ ބައިތުލް މަގުދިސްގެ ވާހަކަ ދައްކާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލަތާ ބެހޭ ގޮތުން ވާހަކަ ނުދައްކައި ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި އެއީ ދީނީ މައްސަލައެއް ކަމުގައި ދެކި، ވަކި ފަރާތަކަށް ބުރަވުމަށް ފަސްޖެހި، ދުނިޔޭގެ ގައުމުތަކަށް މިވަނީ ފަލަސްތީނުގެ ރައްޔިތުން ނިކަމެތި ކުރެވިފައި ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށް މިހާރު ވަރަށް ގިނަ ފަރާތްތައް ދެކޭ ކަމަށާއި އެހެން ނަމަވެސް ފަލަސްތީނުގެ މައްސަލަ އަކީ އިންސާނީ މައްސަލައެއް ކަމުގައި ރައީސް ވިދާޅުވިއެވެ. "ޝައްކާއި ބިރުވެރިކަމުގެ ތެރޭގައި ފަލަސްތީނުގެ ކުދިން ބޮޑުވާން ޖެހުމަކީ ދެމިގެންވާ ސުލްހަވެރިކަމެއް ގާއިމު ކުރުމަށް އެޅޭނެ ހުރަހެއް. އަމާން، ސުލްހަވެރި އަދި ރައްކާތެރި މުސްތަގުބަލެއް އެ ކުދިންނަށް ފަލަސްތީނާއި އިޒްރޭލުގެ ވެރިން ހޯދައިދޭން ޖެހޭ" ފަލަަސްތީނަށް ވަޑައިގެންނެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ރައީސް ވަހީދު ވިދާޅުވިއެވެ.ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ރާއްޖެ އިން ދެކޭ ގޮތް ވަރަށް ސާފު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިނިވަން ދައުލަތެއް ބިނާކޮށް، 1967 ގައި އިޒްރޭލުން ކުރި ހަނގުރާމައިގައި ހިފާފައިވާ އިރުމަތީ ގުދުސް، ފަލަސްތީނުގެ ވެރި ރަށަކަށް ހެދުމަށް، ރާއްޖެ އިން ތާއީދު ކުރާކަން ރައީސް ހާމަކުރެއްވި އެވެ. އަދި 2002 ގައި އަރަބި ސުލްހައިގެ ޕްލޭނަށް ވެސް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން އެމެރިކާ އިން އިސް ނަގައިގެން މިހާރު ހިނގަމުންދާ ސުލްހައިގެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ."މިއީ އަމަލުން ކަންކަން ދައްކައި ދިނުމުގެ ވަގުތު. މިއީ، މަޝްވަރާ އާއި ދެ ފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔަކުގެ ވާހަކަތައް އަޑުއަހަން ޖެހޭ ވަގުތު. އަދި މިއީ ބައިތުލް މަގުދިސް އާއި މިނިވަން ދައުލަތެއް ގާއިމުކުރުމާ މެދު ފަލަސްތީނުގެ ރައްޔިތުން ދައްކާ ވާހަކަތައް ދުނިޔެ އިން ކަނުލާ އަޑުއަހަންޖެހޭ ވަގުތު" ރައީސް ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ