ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫގައި ހިންގި ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުވާ އުފުލި އައްޑޫ ސިޓީ ކައުންސިލް މެމްބަރު އަހުމަދު މިރުޒާދާއި އިތުރު ހަ މީހަކު ދައުވާ އަށް މިއަދު އިންކާރުކޮށްފި އެވެ.
އައްޑޫގައި ހިންގި ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި މިރުޒާދާ ދެކޮޅަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 00: 6 އާ އެރޭ 00: 9 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭ މަތީގައި ފުލުހުންނާއި ސިފައިން ތިއްބާ އޭނާ އާއި އިތުރު ބަޔަކު އެ ސަރަހައްދަށް ގޮސް ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލުމަށް ގޮވާލާފައިވާތީ އާއި ގަމު ޕޮލިސް ސްޓޭޝަނަށް ވަނުމަށާއި އެތަނުގެ މުދަލަށް ގެއްލުންދޭން ގޮވާލާފައިވާތީ ޓެރަރިޒަމް ދައުވާކުރާ ކަމަށެވެ.
ދައުވާ އިއްވުމުން މިރުޒާދު ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އެހެންވެ ދައުލަތުން ވަނީ މިރުޒާދާއި ދެކޮޅަށް ޖުމްލަ 21 ހެއްކަކު ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ސިއްރުން ހެކިބަސް ނަގާ ތިން މީހަކު ވެސް ހިމެނެއެވެ.
މިރުޒާދުގެ އިތުރުން މިއަދު ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ހަ މީހުންގެ މައްޗަށް ދައުވާ އުފުލުމުން އެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެހެންވެ އެ މީހުންނާ ދެކޮޅަށް ވެސް ދައުލަތުން ވަނީ ހެކިން ހުށަހަޅައިފަ އެވެ.
އައްޑޫގައި ހިންގި ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުލަތުން ވަނީ 80 އާ ގާތްކުރާ އަދަދެއްގެ މީހުންގެ މައްސަލަ ކޯޓަށް ފޮނުވައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުވާ އުފުލި ކައުންސިލް މެމްބަރު މިރުޒާދާއި އިތުރު ހަ މީހަކު ދައުވާ އަށް އިންކާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ