ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް ފުލުހުންގެ ކިބައިން އުމަރު އެދިވަޑައިގެންފި

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ ދެއްކި ވާހަކަތަކާއި ގުޅިގެން، ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް ފުލުހުންގެ ކިބައިން އުމަރު އެދިވަޑައިގެންފިއެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ އިތުރުން އެ ވާހަކަތައް ވަގުތުން ދުރަށް ފޮނުވި ދެ ޗެނަލް ކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ ގެ ދަށުން ހިންގާ ޓީވީއެމްގެ އިތުރުން ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް އުމަރު ވަނީ ހުށަހަޅާފައެވެ.
އުމަރުގެ އަބުރަށް ފަލާހް އަރައިގަތް ކަމަށް އުމަރު ވިދާޅުވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކިއެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަން ދެއްކުމަށްޓަކައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފަލާހް ވިދާޅުވީ، މިނިވަން 50އާ ގުޅޭ ތަފާތު މަސައްކަތްތައް ހަވާލުކުރުމަށްޓަކައި 10-15 ދުވަހަށް ކުދިކުދި ކުންފުނިތައް ހަދާފައިވާ ކަމަށެވެ.
ޓީވީއެމާއި ޗެނަލް 13ގެ މައްސަލަ ސާބިތުވެއްޖެ ނަމަ، އަބުރުގެ ގާނޫނުގެ ދަށުން އެއިން ކޮންމެ މީޑިއާ އެއް 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
އެ ސިޓީގައި އުމަރު ވިދާޅުވީ އޭނާގެ އަބުރަށް ފަލާހް އަރައިގެންފައި ވަނީ އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސަބަބެއް ކަމަށް ކަމަށް އުމަރު ދެއްކެވީ ފަލާހް އެ ވިދާޅުވާ ފަދަ ކަމެއް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައި ނުވާތީ އެވެ.
އުމަރު ވިދާޅުވެފައި ވަނީ މިނިވަން 50ގެ އެކިއެކި ހަރަކާތްތަކާ ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ