ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - ފީފާ ވޯލްޑް ކަޕްގައި މިރޭގެ މެޗުގައި އާޖެންޓީނާ އިން ފުރަތަމަ އެގާރައިގައި ނޫނީ މުޅި މެޗުގައި ލިއޮނަލް މެސީ ބޭނުންނުކުރި ކަމުގައި ވިޔަސް އެ ޓީމާ ދެކޮޅަށް ދުނިޔޭގެ އެންމެ ބޮުޑު ފުޓްބޯޅަ މުބާރާތުގައި މެޗެއް ކުޅުމަކީ ޖޯޑަން އަށް ފަހުރެއް ކަމަށް އެ ޓީމުގެ ކޯޗު، ޖަމާލް ސަލާމީ ބުނެފި އެވެ.
ފުރަތަމަ ދެ މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ވަނީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރު ޔަގީންކޮށްފަ އެވެ. އެހެންވެ، އާޖެންޓީނާ އިން ޖޯޑަންއާ ކުޅޭ މެޗަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު، އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ، ފުރަތަމަ އެގާރައިގައި މެސީ ނުފެންނާނެ ކަމަށް ބުނެފަ އެވެ.
މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ޖޯޑަން އިން ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާއިރު، އާޖެންޓީނާ މެޗަކީ އެ ޓީމުން ދުރާލައި އެކި ސަބަބުތަަކަށްޓަކައި ތައްޔާރުވި މެޗެއް ކަމަށް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަލާމީ ވަނީ ބުނެފަ އެވެ.
"އަހަރެމެންނަށް އެއްގޮތަކަށް ވެސް ނޭނގޭ ފުރަތަމަ އެގާރަ ނަގާއިރު އާޖެންޓީނާގެ ކޯޗު ކަން ކުރާނީ ކިހިނެއް ކަމެއް. ކޮންމެ ކުޅުންތެރިންތަކެއް ކުޅުނު ކަަމުގައި ވިޔަސް އެއީ ވަރުގަދަ، ޓީމަށް އެރުމަށް ފެންވަރު ސާބިތުކޮށްދީފައިވާނެ ކުޅުންތެރިން. އޭގެއިން ކޮންމެ ކުޅުންތެރިއަކު ވެސް ކުޅޭނީ ވޯލްޑް ކަޕް ކާމިޔާބުކުރަން. އެ ހުވަފެން ހަގީގަތަކަށް ހަދަން،" ސަލާމީ ބުންޏެވެ.
"މެސީ ކުޅެންޏާ އެއީ ވަރަށް ރަނގަޅު. އެއީ އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެމެން މި ކުޅެން ޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ ކަން އެނގޭ، މިއީ ޖޯޑަން އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ މެޗެއް. މި މެޗު ކުޅެން ޖެހުމަކީ ވެސް ފަހުރެއް،"
ޖޯޑަންގެ ކެޕްޓަން، ނޫރު އަލް ރަވާބްދޭ ބުނެފައިވަނީ، އާޖެންޓީނާ އާއި މެސީ ލެވަލްގެ ކުޅުންތެރިންނާ ދެކޮޅަށް މި މެޗު ކުޅެން ޖެހުމަކީ، ޓީމުގެ ކުޅުންތެރިންގެ އިތުރުން ޖޯޑަންގެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ލެވަލްގެ މެޗެއް ގައުމީ ޓީމުގެ ބަލާލަން ވެސް ލިބުން، އެއީ ވެސް އެތައް ސަޕޯޓަރުންގެ އުންމީދުތައް ހަގީގަތަކަށްވާނެ ކަމެއް،" ރަވާބްދޭ ބުންޏެވެ.
ފުރަތަމަ ވޯލްޑް ކަޕްގައި ޖޯޑަންގެ ތަޖުރިބާތައް ރަނގަޅު ކަމަށާއި ކުރިއަށް ދިއުމަށް ގިނަ ކަންތައްތަކެއް ދަސްކުރެވޭނެ ކަމަށް ރަވާބްދޭ އާއި ސަލާމީ ވަނީ ބުނެފަ އެވެ.
ޖޯޑަން އިން ފުރަތަމަ މެޗުން ވަނީ 3-1 އިން އޮސްޓްރިއާ އަތުން ބަލިވެފަ އެވެ. އަދި، ދެ ވަނަ މެޗުގައި އަލްޖީރިއާއާ ކުޅެގެން ބަލިވީ 2-1 އިންނެެވެ.
މެސީ ނެތަސް އާޖެންޓީނާއާ ކުޅުމަކީ ޖޯޑަން އަށް "ފަހުރެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ