ވެރިކަންކުރާ ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ގޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ޓީވީއެމްގެ އިތުރުން ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު ހުށަހެޅުއްވިއިރު، ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި އުމަރު ވަނީ ފުލުސް އޮފީހަށް ވެސް ރޭ ހުށަހަޅުއްވައިފަ އެވެ.
އުމަރުގެ އަބުރަށް ފަލާހް އަރައިގަތް ކަމަށް އުމަރު ވިދާޅުވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކިއެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަން ދެއްކުމަށްޓަކައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފަލާހް ވިދާޅުވީ، މިނިވަން 50އާ ގުޅޭ ތަފާތު މަސައްކަތްތައް ހަވާލުކުރުމަށްޓަކައި 10-15 ދުވަހަށް ކުދިކުދި ކުންފުނިތައް ހަދާފައިވާ ކަމަށެވެ.
"އުމަރު ކޯޓަށް ދޭ ބަލަށް އަޅުގަނޑު ގޮވައިގެން. އަޅުގަނޑު ސާބިތުކޮށްދޭނަން. ނުދާނެ ކޯޓަކަށް،" ފަލާހް ވިދާޅުވި އެވެ.
އުމަރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުއްވީ އަބުރުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ. އެ މާއްދާގައިވާ ގޮތުން، ވަގުތުން ގެނެސްދޭ އިވެންޓެއްގައި، ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލަން ޖެހެ އެވެ.
ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ