ޕީޕީއެމްގެ ކައުންސިލް މެންބަރަކަށް އަބްދުލްރަހީމް އަބްދުﷲ އިންތިހާބުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންގްރެސްގައި ނައިބު ރައީސް ކަމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި މިރޭ އިންތިހާބުކޮށްފި އެވެ.
މީގެއިތުރުން ވެސް 2 ބޭފުޅަކު ކައުންސިލަށް އިންތިހާބުކޮށްފައިވެ އެވެ.
މިގޮތަށް ނިންމާފައިވަނީ އެޕާޓީގެ ކޮންގްރެސްއަށްފަހު ބޭއްވި އައު ކައުންސިލް ފުރަތަމަ ބައްދަލުވުމުގައި އެވެ.
އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން އެޕާޓީގެ ކައުންސިލަށް އައްޔަންކޮށްފައިވަނީ ޓީމް ޔަގީންގެ ފަރާތުން ޕީޕީއެމްގެ ޒުވާނުންގެ ގޮތްޕަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ޒާހިދު ރަމީޒް އާއި ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އައިމިނަތު އާތިފާ އެވެ.
މި ތިން ބޭފުޅުން ކައުންސިލަށް އައްޔަންކޮށްފައި މިވަނީ އެޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަނީ އެޕާޓީގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ކައުންސިލަށް 3 ބޭފުޅުން އައްޔަންކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ކައުންސިލަށް މި ތިން ބޭފުޅުން ވެސް އައްޔަންކޮށްފައިވަނީ ކައުންސިލް މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކަށްފަހުގައި އެވެ. އެގޮތުން އަބްދުއްރަހީމް އަބްދުﷲ އަށް 22 ވޯޓު ލިބިވަޑައިގެންނެވިއިރު އާތިފާއަށް 21 ވޯޓު އަދި ޒާހިދަށް 18 ވޯޓު ލިބިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ