ދެ އަހަރުތެރޭގައި ކޮންމެ ގެއަކަށް އިންޓަނެޓު ލިބޭނެ ގޮތް ހަދާދޭނަން - ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހައި ސްޕީޑް ބްރޯޑް ބްރޭންޑުގެ އިންޓަނެޓުގެ ހިދުމަތް މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް ދެއަހަރު ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަދާދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ބަޔަކާއިއެއްކޮށް ލ.ގަމުގައި އެޕާޓީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވީ ހައި ސްޕީޑް ބްރޯޑް ބްރޭންޑުގެ އިންޓަނެޓުގެ ހިދުމަތް މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް ލިބޭނެ ގޮތް ހަދާދިނުމަކީ ވަރަށް ކުޑަ ކުޑަކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގެ ތަފްސީލަށް ދާން ބޭނުންނުވާ ކަމަށާއި އެކަމާއި ބެހޭ ފަރާތްތަކުން ފަހުން އެކަމުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ސަރުކާރެއްގައި މާތް ﷲ ވާގިފުޅާއިއެކީގައި ހައި ސްޕީޑް ބްރޯޑް ބްރޭންޑުގެ އިންޓަނެޓުގެ ހިދުމަތް މުޅި ރާއްޖޭގެ ހުރިހާ ހައުސް ހޯސްލްޑްއަކަށް ކޮންމެ ގެއަކަށް ވެސް ލިބޭނެގޮތް، ދެއަހަރު ދުވަހުގެ ތެރޭގައި ﷲ އިރާދަކުރެއްވިއްޔާ ހަދާދޭނަމޭ،" ގާސިމް ވިދާޅުވި އެވެ.
"އެއީ ގައުމުގެ ތަރައްގީއަކީ އެނގޭތޯ، ގައުމުގެ ތަރައްގީއަކީ އެއީ އެނގޭތޯ، އާދެ ދިވެހިރާއްޖޭގެ ކޮންމެ ހައުސް ހޯލްޑްއަކަށް އިންޓަނެޓު ބްރޯޑް ބޭންޑުގެ ހިދުމަތްތައާރަފްކޮށްދިނުމަކީ މިއަދު ބޮޑު ކަމެއް ނޫން އިނގޭތޯ، އެއީ ވަރަށް ކުޑަ ކުޑަކަމެއް، އެހެނަސް އޭގެ ފައިދާއަކާއި އެއްޗިސް އަޅުގަނޑު ދައްކާކަށް ނެތިން މިހަފްލާގައި.” ގާސިމް އިތުރަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ އާއި ގުޅިގެން ރެޑް ކްރެސެންޓުން ލ. އަތޮޅުގައި ހޮސްޕިޓަލެއް ގާއިމްކޮށްދީފައިވާ ކަމަށާއި ނަމަވެސް މިއަދު އެތަނަށް ޒިޔާރަތްކުރުމުން އެތަނުގައި ޑޮކްޓަރެއް ނެތް ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި ރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލ. އަތޮޅު ހޮސްޕިޓަލް މާލޭގައި ހުރި ފެންވަރަށްވުރެން ރަނގަޅަށް ހިދުމަތް ލިބޭނެ ގޮތް ހަދާދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސީދާ ބޭރުން ލ. އަތޮޅަށް މުދާ ގެނެވޭނެ އިންތިޒާމް ޖޭޕީގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި ވެރިކަމެއްގައި ކާޑުގެ ބާވަތްތަކާއި ކަރަންޓް އަދި ފެން، މާލެއެކޭ އެއް އަގެއްގައި ހުރިހާ ރަށްރަށުން ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
މީގެއިތުރުން ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ މިރޭ ވައުދުވެވަޑައިގެންނެވި އެވެ.
ގާސިމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ހޮއްވަވާދެއްވުމަށް އެދެމުން މިދަނީ ގައުމު ތަރައްގީކޮށްދިނުމަށް އޭނާ އާއި އެއްވަރަށް މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކަކުން ތަޖުރިބާ ލިބި ގިނަ ކަންތައްތަކެއް ދަސްކޮށް ގިނަ ކަންތައްތަކެއް އުނގެނިފައި ހުރި މީހަކު ނެތް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
އަދި ގިނަ ކަންތައްތަކެއްކޮށްދީ ރައްޔިތުންނަށް ތަރައްގީ ހޯދާދިނުމުގެ ބޭނުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ނީންނާނެ މީހަކަށް މަކަރު ހަދާފަކާއެއް، މީހަކަށް ދިން ދެރައެއް މީހަކަށް ދިން ބޮނޑިއެއް، އަޅުގަނޑު ނޯންނާނެ އަޅުގަނޑަށް މަސައްކަތްކޮށްދިން މީހަކަށް ދޭންޖެހިފައި އޮތް އުޖޫރައެއް ނުދެވިގެން، ހަމަ އެއްވެސް ފަރާތެއް ނޫނީ ސިފައިންގެއަށް ނުވަތަ އެއްވެސް ޝަރީއަތުގެ މަރުހަލާއަކަށް ގޮސްފައެއް، އެހެންކަމަށްވަންޏާ މަސައްކަތްތަކެއް ކުރެވިއްޖެ،" ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކި ގޮތް ގޮތުން އެހީތެރިވެދީފައިވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީއަކީ ގައުމުގެ ތަރައްގީ ކަމަށާއި ތަނެއްގައި ގާނޫނު އަސާސީއެއް ނެތި ތަރައްގީއެއް ބޭނުންވާ ގޮތަށް ނުވަތަ ވަކި އަމާޒަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު އޮތް ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް މުދާ ހޯދުމާއި ތަނަވަސްކަން ލިބިގަތުމާއި އަދި ތަފާތުކަންތައްތަކާއި އަސާސީ ހައްގުތައް ލިބިދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތްކުރަނީ ރާއްޖޭގައި މިހާތަނަށް ލިބިފައިނުވާ ތަރައްގީ ރައްޔިތުންނަށްކޮށްދިނުމަށް ކަމަށާއި އެކަންތައްތައް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މި ޖަލްސާގައި ގިނަ އަދަދެއްގެ ކައުންސިލަރުންތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވެ އެވެ. އަދި ލ. އަތޮޅުން ގިނަ އަދަދެއްގެ ބަޔަކު އެޕާޓީއަށް މިރޭ ސޮއިކުރެއްވިއިރު އައްޑޫ ސިޓީގެ ހިތަދޫއިން ޖުމްހޫރީ ޕާޓީ އާއި އަލަށް ގުޅުނު 500 ފޯމް ޕާޓީގެ ލީޑަރާއި ވަނީ މިރޭ ހަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ