ރައްޔިތުން އެދޭކަންކަމަށް ހަފްތާއެއްގެ ތެރޭގައި ހައްލު ލިބޭހައި މިއޮތީ ކައިރީގައި: ފައިސަލް

ރައްޔިތުން އެދޭ ކަންކަމަށް ހައްލު ލިބެން މިއޮތީ ހަފްތާއެއްހައި ދުވަސް ކައިރިވެފައިވައި ކަމަށް ވިދާޅުވެ ގުޅިފައިވާޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް އިތުރު ހިއްވަރާއި އެކު ކުރިޔަށް ގެންދިޔުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެެވެ.
ފައިސަލް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު ހެނދުނު ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙާއި އެކު ކާށިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފައސިަލް ނަސީމަކީ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރުކަމަށްވެސް ވުމާއި އެކު ކާށިދޫ ދާއިރާގެ ރައްޔިތުން އިސްލާހަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި ފައިސަލް ވަނީ ޝުކުރުދަންނަވާފައެވެ. ރިޔާސީ އިންތިޚާބަށް ދެންއޮތީ އެންމެ 6 ދުވަސްކަން ފާހަގަކުރައްވައި ފައިސަލް ވަނީ އިސްލާޙީ މަސައްކަތްތާއި އެކު އަދި އިއްތިހާދާއި އެކު ކުރިޔަށް ވަޑައިގެންނެވުމަށް ވިޔަފާރިވެރިންނާއި މުވައްޒަފުންނަށްވެސް ގޮވާލައްވާފައެވެ.
" އަޅުގަނޑުމެން ފާހަގަކުރަން ދިވެހިރާއްޖެ މިއަދާއި ހަމައަށް ގެނައުމަށްޓަަކައި މަސައްކަތް ކުރައްވާފައިވާ ދިވެހި ވިޔަފާރިވެރިން، މިއަދު އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ވިޔަފާރިވެރިން ޤައުމަށްޓަކައި މަސައްކަތްކޮށްދެއްވައި އެއްބާރުލުން ދެއްވައި މިމަސައްކަތުގައި ފުލްކޮށް ޝާމިލްވާން. އަދި ދައުލަތުގެ މުވައްޒަފުންނާއި މުއައްސަސާތަކުގެ ވެރިންނާއި ކުންފުނިންތަކުގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ގޮވާލަނީ، މިބިރުވެރިކަމާއި ނާމާންކަން ފޮހެލައި ދިވެހިރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނައުމަށްޓަކައި މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ!" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިއަދު ގެއްލިގެންދާ އެއްޗަކީ އެތައްހާސް ދުވަހަކަށް އެތައް އަހަރުތަކަކަށް ގެއްލިގެންދާނޭ އެއްޗެއް ކަމުގައި ވެގެން ހިނގައިދާނެ ކަމަށެވެ،
ރިޔާސީ އިންތިޚާބު އަންނަ އާދިއްތަ ދުވަހު އޮންނައިރު އިންތިޚާބުގެ ކެމްޕޭން ފޯރި މިހާރުވަނީ އިތުރަށް ބޮޑުވެފައެވެ. މިއިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށަށް އިއްތިހާދުގެ ކެމްޕޭންޓީމުތައް ދަތުރުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ