އަދުގެ ތާރީހަކީ 12 ނޮވެމްބަރު 2015، ބުރާސްފަތި ދުވަހެވެ. މި ތާރީހުގައި ދުވަހުން މި ބަލައިލަނީ ތާރީހުން 12 ނޮވެމްބަރު ގައި މި ފަހުން ރާއްޖޭގައި ހިނގާފައިވާ ބައެއް ކަންކަމަށެވެ.
މަޖިލީހުގެ ކުރީގެ ރައީސްގެ ކާރުކޮޅު ބަޔަކު އަންދާލުން
މީގެ ނުވަ އަހަރު ކުރިން 12 ނޮވެމްބަރު 2006 އަށް ނަޒަރު ހިންގާލާއިރު އެދުވަހު ހިނގި އެންމެ ތަފާތު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަހުމަދު ޒާހިރުގެ ކާރުކޮޅުގައި ބަޔަކު ރޯކޮށްލައި އަންދާލުމެވެ. މި ކަން ބަޔަކު ހިންގާފައިވަނީ އަހުމަދު ޒާހިރަށް ބަޔަކު ތަކުރާރުކޮށް އިންޒާރުދެމުން ގޮސް ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ.
ރައީސް ނަޝިދުގެ ކެބިނެޓަށް ރުހުން ދިނުން
މީގެ ހަތް އަހަރު ކުރިން 12 ނޮވެމްބަރު 2008 އަށް ނަޒަރު ހިންގާލާއިރު ފާހަގަ ކުރެވެނީ ރައްޔިތުންގެ މަޖިލީހުގައި އެތާރީހުގައި ކުރިއަށްދިޔަ ޖަލްސާ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މުހައްމަދު ނަޝީދު އިންތިހާބު ވެ ވަޑައިގެންނެވުމަށްފަހު އެކުލަވައިލި ކެބިނެޓަށް ރުހުން ދިނުމުގެ ޖަލްސާ އެވެ. ރައީސް ނަޝީދުގެ ކެބިނެޓް މެމްބަރުންނަށް އެދުވަހުގެ ޖަލްސާގައި ރުހުން ދީފައިވާއިރު ކެބިނެޓްގައި ހިމެނިވަޑައިގެންނެވީ ސަވާދު، ޑރ. އައިމިނަތު ޖަމީލު، ޑރ. މުސްތޮފާ، ޑރ. މަޖީދު، ޑރ. ޖަމީލު، ގާސިމް، ހަސަން ލަތީފު ،މުހަންމަދު ރަޝީދު، އަލީ ހާޝިމް، ޑރ. ޝަހީދު، ޑރ. ޑީޑީ، އަމީން ފައިސަލް، އަސްލަމް އަދި ދިޔާނާ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ދިނުން
ހަ އަހަރު ކުން 2009 އަށް ނަޒަރު ހިންގާލާއިރު ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ދިން ކަމެވެ. އެ ހުއްދަ ސަރުކާރުން ދީފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީންނާއި އަދާލަތު ޕާޓީންނާއި ސިވިލް ސޮސައިޓީން ވަރަށް ހަރުކަށިކޮށް ގޮވާލާފައި ވަނިކޮށެވެ.
ސަރުކާރުން މިކަމަށް އޭރު އެކުލަވައިލި ގަވާއިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ހޮޓާތަކުގެ ތެރެއިން މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެ އެވެ. އަދި މީހުން ދިރިނޫޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ހޮޓާތަކުގައި ވެސް ބަނގުރާ ވިއްކޭނެ ކަމަށް ގަވާއިދުގައިވެ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ އެއާޕޯޓުތަކުގެ ޑިޕާޗަ ޓާމިނަލްގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކުރާ ބާތަކަށާއި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޕިކްނިކް އައިލެންޑްތަކާއި ޔޮޓްމެރީނާގައި ގައި ވެސް ބަނގުރާ ވިއްކުމުގެ ހުއްދަ ވަނީ ދޭން ނިންމައިފަ އެވެ.
ރައީސް ނަޝީދަށް ތާއީދު ކުރެވުނީ އޮޅިގެން ކަމަށް ގާސިމް ވިދާޅުވުން
ފަސް އަހަރު ކުރިން 12 ނޮވެމްބަރު 2010 އަށް ނަޒަރު ހިންގާލާއިރު ރައީސް ނަޝިދަށް ވެރިކަން ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވުނީ އޮޅިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އެދުވަހު ގާސިމް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ގާސިމް ވަނީ ރައީސް ނަޝީދުގެ ކެބިނެޓްގައި މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.
ޖީއެމްއާރު ބޭރުކުރަން އެކުލަވައިލި ޕެޓިޝަންގައި ބައި ލައްކަ މީހުން ސޮއި ކޮށްފައިވާކަމަށް އިއްތިހާދުން ބުނުން
މީގެ ތިން އަހަރު ކުރިން 12 ނޮވެމްބަރު 2013 އަށް ނަޒަރު ބަލާލާއިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން އުވާލައި، އެއާޕޯޓު ދިވެހިންނަށް އަނބުރާ ހަވާލުކުރުމަށް ގޮވާލައި މަދަނީ އިއްތިހާދުން ތައްޔާރު ކުރި ޕެޓިޝަނުގައި ބައިލައްކަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ އިއްތިހާދުން އިއުލާނު ކުރި އެވެ. އިއްތިހާދުން ޖީއެމްއާރު ބޭރުކުރަން ފެށި މަސައްކަތް ހުއްޓައިލީ އެކަން ކާމިޔާބު ކޮށްފަ އެވެ.
ތާރީހަށް ބަލާއިރު 12 ނޮވެމްބަރުގައި ސިޔާސީ ގިނަ ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަ ކުރެވޭއިރު އަދުގެ ތާރީހު 12 ނޮވެމްބަރު 2015ގައި ގައުމުގެ ހާލަތު އުޅެނީ ނުކިއްސަރު ފައްތަރެއްގައިކަން ފާހަގަ ކުރެވެ އެވެ. ގައުމުގައި ނައިބު ރައީސެއް، ޕްރޮސެކިއުޓާ ޖެނެރަލެއް، ކޮމިޝަނާ އޮފް ޕޮލިސް އެއް ނެތެވެ.
ތާރީހުން މިއަދުގެ މަސްދަރުތައް: ހަވީރު އޮންލައިން ، ސަން އޮންލައިން
ތާރީހުން މިއަދު: ނަޝީދުގެ ކެބިނެޓަށް މަޖިލީހުން ރުހުން ދިން، ތާއީދު ކުރެވުނީ އޮޅިގެން ކަމަށް ގާސިމް ވިދާޅުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ