ފުލުހުންގެ ވެލްފެއަރ ފަންޑަށް ލިބޭ ފައިސާ އާއި އެހީ ބޭނުންކުރާނެ ގޮތުގެ އުޞޫލު އެކުލަވާލައިފި

ފުލުހުންގެ ޤާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ މުއައްސަސާގައި އުފައްދާފައިވާ ފުލުހުންގެ ވެލްފެއަރ ފަންޑަށް ލިބޭ ފައިސާ އާއި އެހީ ބޭނުންކުރާނެ ގޮތުގެ އުޞޫލު އެކުލަވާލައި ފުލުހުންގެ ތެރޭގައި ޢާއްމު ކޮށްފިއެވެ.
ފުލުހުން ހާމަކުރާގޮތުގައި ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޯރުކޮށްދެވޭ އެހީއަކީ ހަމަހަމަ ކަމާ އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފޯރުކޮށްދެވޭ އެހީއަށް ހެދުމުގެ މަޤްޞަދުގައި އެކުލަވާލި މި އުޞޫލުގައި ވާގޮތުން ފުލުހުންގެ ވެލްފެއަރ ފަންޑުގެ އެހީއަށް އެދި ހުށަހަޅަން ވާނީ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑީޕާޓްމަންޓަށެވެ.
“ފުލުހުންގެ ވެލްފެއަރ ފަންޑުން ޚަރަދު ކުރެވޭނީ އަންނަނިވި ދާއިރާތަކުން ކަމަށް މި އުޞޫލުގައި ވަނީ ކަނޑައަޅާފައެވެ. އެދާއިރާތަކަކީ ފުލުހަކު ނުވަތަ މުވައްޒަފަކު ނުވަތަ ޢާއިލާގެ މެމްބަރަކަށް ދިމާވާ ޞިއްޙީ ބޮޑެތި ކަންކަމަށް ބޭސްފަރުވާ ކުރުމާއި، ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ޝަހީދުވާ ފުލުހުންގެ ދަރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ލިބޭ އަނިޔާ ނުވަތަ ގެއްލުންތަކަށް ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ މީހުންނަށް ބޭސްފަރުވާ ކުރުމާއި، އެފަދަ ފަރާތްތަކަށް ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕޮލިސް ކުލަބާއި ޕޮލިސް ވެލްފެއަރ އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި އެހީތެރި ވުމާއި، މުއައްސަސާ ފެންވަރުގައި ކުރެވޭ ކަންކަމުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާ ކަންކަމުގައި އެހީތެރި ވުމެވެ.” ފުލުހުން ހާމަކޮށްފައި ވެ އެވެ.
މި އުޞޫލުގައި ބުނާގޮތުން ފުލުހުންގެ ވެލްފެއަރ ފަންޑުން ޚަރަދު ކުރާނެ ގޮތާއި ޚަރަދުކުރާނެ މިންވަރު އެއަހަރަކަށް ކަނޑައަޅައި އެކަން ކޮމިޝަނަރ އޮފް ޕޮލިސް އިޢުލާނު ކުރައްވަން ވާނެ ކަމަށާއި މިފަންޑުގެ ކަންކަން ބަލަހައްޓާނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ކަމުގައިވެސް މި އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ. މި އުޞޫލު މޯލްޑިވްސް ޕޮލިސް ސާވިސްގެ މެނޭޖްމަންޓް ބޯޑުން ފާސްކޮށް ފުލުހުންގެ ތެރޭގައި އިޢުލާނުކޮށްފައިވުމާއެކު މި އުޞޫލަށް މިހާރު ދަނީ ޢަމަލު ކުރަމުންނެވެ.
މިއީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތައް އަދި މުވައްޒަފުންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް މިހާރަށްވުރެ އިތުރު މަސައްކަތްތަކެއް ކުރުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްގެ އިސްނެންގެވުމުގެ މަތިން ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ޕޮލިސް ވެލްފެއަރ ފަންޑުގެ އުޞޫލު އެކުލަވާލެވުމާއެކު މި ފަންޑަށް ލިބޭ ފައިސާއިން ޚަރަދުކޮށްގެން 1438 ވަނަ އަހަރު 2 މުވައްޒަފަކު ޙައްޖަށް ފޮނުއްވަން ނިންމަވައި އެކަން ވަނީ ނިމިގެންދިޔަ ހަފްތާގައި ކޮމިޝަނަރ އޮފް ޕޮލިސް އިޢުލާނު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ