މޫސުން ގޯސްވެ މެދު ރާއްޖެތެރެއާއި އުތުރަށް ރީނދޫ ސަމާލު
މޫސުން ގޯސްވެ, މެދު ރާއްޖެތެރެއާއި ދެކުނަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. މެޓް އޮފީހުން އެ ސަރަހައްދަށް ރީނދޫ ސަމާލު ފުރަތަމަ ނެރުނީ މިއަދުގެ 06:30 އިން 09:30 އަށެވެ. އެއަށްފަހު 09:30 އިން 13:30 އަށް ސަމާލު ވަނީ ދަންމާލައިފައެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. https://x.com/MetMaldives/status/1899673364236824949/photo/1 މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެއެވެ. އަދި ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށާއި ދެކުނުގެ އަތޮޅުތަަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވަނީ ބުނެފައެވެ. ވައިޖެހޭ ބާރު މިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަނޑިއަކު ތިން މޭލާއި 10 މޭލުގެ ބާރުމިނުގައި ވައި ޖޭހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަނޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑަކު ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ހިސާބުތަކުގައި ރާޅުގެ އުސްމިނުގައި އެއް ފޫޓާއި ތިން ފޫޓު ހުންނާނެ ކަމަށާއި މެދުރައްޖެ ތެރެއާއި އުތުރުގައި ތިން ފޫޓާއި ހަ ފޫޓު ރާޅުގެ އުސްމިނުގައި ހުންނާނެ ކަމަށެވެ. އެ އޮފީހުން މީގެ ކުރީން ވަނީ މިހާރު ކުރަމުން މިދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭތީ ކުރަމުންދާ ވިއްސާރައެއް ކަމަށް ބުނެފައެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ