ވޯލްޑް ކަޕް ހިލޭ: ސަރުކާރުން ޒުވާނުންނަށް ދިން ހަދިޔާއެއް

ދިވެހި ރައްޔިތުންނަށް މިފަހަރުގެ ވޯލްޑް ކަޕުގެ ހުރިހާ މެޗެއް، އެއްވެސް އިތުރު ޗާޖެއް ނުވަތަ ފީއަކާ ނުލައި ހިލޭ ބެލޭނެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް ދިން ހަދިޔާއެއްކަމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް، މީޑިއާނެޓް މެދުވެރިކޮށް ޕީއެސްއެމްގެ ޗެނަލްތަކުން ފެންނާނެއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ބުރާސްފަތި ދުވަހު ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ފީފާ ވޯލްޑް ކަޕްގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓިން ލައިސެންސް ނަގާފައި ވަނީ މީޑިއާނެޓުންނެވެ. މީޑިއާނެޓާއި ޕީއެސްއެމްއާ ދެމެދު ވެވުނީ ސަބް ލައިސެންސިން އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް، މީޑިއާނެޓުގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީއެއް ނުވަތަ އިތުރު ޕެކޭޖެއް ނެގުމަކާ ނުލައި މެޗުތައް ބަލާލެވޭނެއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ އެމްޑީ ޝަކީބް ވަނީ، ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކާއި ޕްރީ ޝޯވތައް އަދި ގުޅުންހުރި އެކިއެކި ޕްރޮގްރާމްތައް ޕީއެސްއެމްގެ ޔެސްޓީވީ އަދި ޓީވީމޯލްޑިވްސް އިން ދައްކާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ފުރުސަތު މި އަހަރު ޕީއެސްއެމްއަށް ފަހިވެގެން އައީ މީޑިއާނެޓުގެ ވަރަށް ޙާއްސަ އެހީތެރިކަމަކާ އެކުގައިކަން ފާހަގަކުރައްވައި ޝަކީބް ވަނީ އެކަމަށްޓަކައި ޕީއެސްއެމްއާއި ދިވެހި ރައްޔިތުންގެ ނަމުގައި މީޑިއާނެޓުގެ މެނޭޖްމަންޓަށް ޝުކުރު ދަންނަވާފައެވެ.
ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ހިލޭ ބެލޭނެ އިންތިޒާމު ޕީއެސްއެމް އިން ހަމަޖައްސައިދިން ސަބަބު ވެސް އެމްޑީ ޝަކީބް ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން ދެކެނީ ބައިނަލްއަގްވާމީ މި ބޮޑު މުބާރާތަކީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައެއް ނޫން. އެއަށްވުރެ ބޮޑަށް މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހުރިހާ އެންމެން އެއް ރޫޙެއްގައި، އެއް ވާނެއްގައި، އެއްކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން އަޒުމު ކަނޑައަޅައިގެން ކުރާ ވަރަށް އެއްބައިވަންތަ ކަމެއްގެ ގޮތުގައި. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ވެސް، ރާއްޖޭގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު ވެސް، ވަކިން ޙާއްސަކޮށް ފުޓުބޯޅައަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ޤައުމީ އެއްބައިވަންތަކަމާއި ޤައުމީ ރޫޙު އާލަކޮށް ދިރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް". ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވިއެވެ.
ޤައުމީ އެއްބައިވަންތަކަމަށްޓަކައި ވެސް މިފަދަ މުބާރާތެއް ދިވެހިންނަށް ހިލޭ ބެލޭނެ މަގުފަހިކޮށްދިނުން މިއީ ނުހަނު މުހިންމުކަމެއްކަން ފާހަގަކުރައްވައި، މިކަން މިގޮތަށް ކުރެވެނީ، ދިވެހި ސަރުކާރުގެ އަޒުމު އެގޮތަށް އޮތީތީކަމަށް ޝަކީބް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް ހިލޭ ވޯލްޑް ކަޕްގެ މެޗުތައް ބެލޭނެގޮތް ހަދައިދޭން ދިވެހި ސަރުކާރުން ބޭނުންވާ ކަމަށާއި މިއީ ސަރުކާރުން ދިވެހި ޒުވާނުންނަށް ދިން ހަދިޔާއެއްކަމަށް އެމްޑީ ޝަކީބް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް، މީޑިއާނެޓްގެ އެހީތެރިކަމާ އެކީގައި މި މުބާރާތް ހިލޭ އަޅުގަނޑުމެންނަށް މި ފޯރުކޮށްދެވެނީ ދިވެހި ސަރުކާރުގެ އަޒުމު އެގޮތަށް އޮތީތީ. ދިވެހި ސަރުކާރުން ބޭނުންފުޅުވޭ ދިވެހި ރައްޔިތުންނަށް ހިލޭ މި މުޅި މުބާރާތް ގެނެސްދޭން. އަޅުގަނޑު ސިފަކުރަނީ ދިވެހި ރައްޔިތުންނަށް ދިވެހި ސަރުކާރުން ޙާއްސަކޮށް ދިވެހި ޒުވާނުންނަށް ސަރުކާރުން ދެއްވާ ހަދިޔާއެއްގެ ގޮތުގައި. އެހެންކަމުން މި ދަނޑިވަޅުގައި، ސަރުކާރުގެ ކަމާގުޅޭ ހުރިހާ ބޭފުޅުންނަށް، ވަކިން ޙާއްސަކޮށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް، ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން". ރައްޔިތުންނަށް ހިލޭ ވޯލްޑް ކަޕްގެ މެޗުތައް ގެނެސްދިނުމުގައި ސަރުކާރުން އަދާކުރި ދައުރު ހާމަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައި ޝަކީބް ވިދާޅުވިއެވެ.
މިފަހަރުގެ ވޯލްޑް ކަޕުގެ ހުރިހާ މެޗަކާއި، ޕްރީ ޝޯވތައް އަދި ގުޅުންހުރި އެހެނިހެން ޕްރޮގްރާމުތައް ވެސް ދެއްކުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެހި، ވާންޖެހޭ ތައްޔާރީތައް ޕީއެސްއެމްއިން ފަށާފައިވާއިރު، ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑްކަޕް ހިލޭ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ 1986ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެއީ ދިވެހި ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް، ޚާއްސަކޮށް ފީފާ ވޯލްޑްކަޕަށް އޮންނަ ފޯރިއާއި ޖޯޝުގެ ސަބަބުން ރައްޔިތުންގެ އިހްސާސްތަކަށް އިޖާބަ ދިނުމުގެ ގޮތުން ކުރަމުންއަންނަ މުހިންމު މަސައްކަތެކެވެ.
ޕީއެސްއެމް އިން، އޭރުގެ ޓެލެވިޝަން މޯލްޑިވްސްއިން އެންމެފުރަތަމަ ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދީފައި ވަނީ 1986 ވަނަ އަހަރު، މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑް ކަޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ