ބޮޑު ކުށެއްގެ ހެކި ނެތް ކަމަށް ބުނެ ޕީޖީގެ އެންގުމަށް ގއ. ޑްރަގް ނެޓްވޯކް ދޫކޮށްލައިފި

ފުލުހުން ހިންގި 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން މިދިޔަ ޖެނުއަރީގައި މާލެ އާއި ގއ.ގެ އަތޮޅުތަކުގައި ހިންގި ހަރަކާތުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ހެކި ލިބިފައި ނެތް ކަމަށް ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެންގުމަށް އެ އެންމެން ވެސް މިއަދު ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މުޅި ރާއްޖެއަށް ފުޅާ ކުރާ ގޮތަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު'ގެ ތެރެއިން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މި ހަތަރު މީހުންނަކީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ 28 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހުންނެވެ. އެއީ:
އަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން
ޝައްފާހް ލަތީފް، 28، ޝެވޯނާ
އަހްމަދު މަދީހު، 33، މިޔުޒިކީއާގެ
ނޫރުއްނިޒާމް، 35، އަރާއިރުގެ
އެ މީހުންގެ ބަންދު ނިމުމަކަށް ގެނެސް ދޫކޮށްލަން ޕީޖީ އޮފީހުން ފުލުހުންނަށް އެންގި އެންގުމާ އެކު، މިހާރު ވަނީ މިނިވަންކޮށްފަ އެވެ.
ތަފްސީލު - މިކަމާ ގުޅިގެން ޕީޖީ އަޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި ތަރުޖަމާނު އަހްމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައިގައި ގާނޫނުގައި ބުނާ ދައުވާ ކުރަން ޖެހޭ 90 ދުވަހުގެ މުއްދަތު ހަމަވީ މިއަދަށެވެ. އަދި މި މުއްދަތު ތެރޭ މިހާތަނަށް ފުލުހުންގެ ތަހުގީގު ހޯދި ހެކިތައް ދިރާސާ ކުރިއިރު، "ޖިނާއީ ބޮޑު ކުށެއްގައި ދައުވާ ކުރެެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ" ކަމަށް އޭނާ ވިދާޅުވި އެވެ.
"[އެހެންވެ] ޝަރީއަތް ނިމެންދެން ބަންދުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ފުލުހުންނަށް ދެންނެވީ. އަދި މިވަގުތުށް ދައުވާ ކުރެވެން އޮތީ [ތިން މީހެއްގެ މައްޗަށް] ކެނަބިސް ބޭނުން ކުރުމުގެ ދައުވާ. އެ ދައުވާ މިއަދު ވަނީ ކޯޓަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
ކެނަބިސް ދައުވާ ކުރުމުގެ ދައުވާ ހުށަހެޅީ އަނާމް އާއި ޝައްފާހު އަދި މަދީހުގެ މައްޗަށެވެ. އަދި ނޫރުއްނިޒާމްގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، އޭނަގެ މައްސަލަ އަނބުރާ ފުލުހަށް ވަނީ ފޮނުވާލާފަ އެވެ.
"މި މައްސަލައިގެ ތަހުގީގު ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އަދި ތަހުގީގު އިތުރަށް ފުޅާކޮށް، ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ފުލުހުންނަށް ދީފައިވާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ