ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ނިންމުމުގެ މައިގަނޑު މަގުސަދަކީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމާއި، ހިންގުން ހަރުދަނާކޮށް، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
އެ ބަދަލާ އެކު ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން 13 ރަށެއް އިތުރުވާނެއެވެ. އެއީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫއެވެ. ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށި ބަދަލުވާ އިރު، މ. އަތޮޅުން ބަދަލުވަނީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ބަދަލު ގެންނާނީ ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި، ރޭވިގެން އަދި ވިލަރެސްކުރެވިގެން ކަމަށެވެ. މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ސްޓެލްކޯއިން މިހާރު ވެސް ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދެއެވެ.
ފެނަކައިން ތިން އަތޮޅެއްގައި ދޭ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ