ދައުލަތަށް ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ އަވަސް މަގެއް ހޯދައިދިނުމުގެ ގޮތުން ރިސޯޓުތައް ކުއްޔައް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ނަގާ ފީ ކުޑަ ކުރުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން އަނެއްކާވެސް އިސްލާހު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ އިއްޔެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒެވެ. މި ބިލު އަވަހަށް ފާސް ކުރުމުގެ ގޮތުން އިތުރު ދުވަހެއް ނުދީ އިއްޔެގެ ޖަލްސާގައި ބިލުގެ ބަހުސް ވަނީ ފަށާފަ އެވެ.
މިއަދު އޮންނަ މަޖިލިސް ޖަލްސާގައި ބިލުގެ ބަހުސް ނިންމައި ބަލައިގަތުމަށް ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ތަފްސީލު - މި ބިލުގައި މައިގަނޑު އިސްލާހަކަށް އޮތީ ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމުގެ ފީއަށް ލުއިތަކެއް ދިނުމެވެ. މިދިޔަ އޮގަސްޓު މަހު ވެސް ސަރުކާރުގެ ފަރާތުން މިގޮތަށް މި ފީއަށް ލުއި ދީފައިވެ އެވެ. އެގޮތުން، މި ލުއި ތަންފީޒު ކުރުމަށް ދިން ހަ މަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 29 އަށެވެ.
މިފަހަރުގެ ބިލުގައި ވެސް ފީ ކުޑަ ކުރުމަށް ހިމަނާފައި ވަނީ ބިލު ފާސް ކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަކަށެވެ. އަދި މި ހަ މަސް ތެރޭ މިގޮތަށް މުއްދަތު އިތުރު ކުރަން ބޭނުންވާ ރިސޯޓުވެރިންނަށް ގާތްގަނޑަކަށް %50ގެ ޑިސްކައުންޓެއް މި އިސްލާހު ތަސްދީގު ކުރުމާ އެކު ލިބޭނެ އެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ކުއްޔަށް ނަގާފައިވާ މުއްދަތު 49 އަހަރަށް އިތުރު ކުރާ ނަމަ ދައްކަން ޖެހެނީ 10 މިލިއަން ޑޮލަރެވެ. އަދި އެއަށް ވުރެ ކުޑަ މުއްދަތަކަށް ނަމަ، ކޮންމެ އަހަރަކަށް ދައްކަން ޖެެހެނީ 200،000 ޑޮލަރެވެ.
ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ:
49 އަހަރަށް އިތުރު ކުރާ ނަމަ ދައްކަން ޖެހޭ ފީ 5 މިލިއަން ޑޮޮލަރަށް ކުޑަ ކުރުމަށް
20 އަހަރަށް ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށް ނަމަ 3 މިލިއަން ޑޮލަރަށް އެ ފީ ބަދަލުކުރުމަށް
މި ފީތައް އިތުރު ކުރެވޭނީ، ގާނޫނުގައި މިހާރު ވެސް އޮންނަ ގޮތަށް މި ފައިސާ އެކީ އެއްފަހަރާ ދައްކައިގެން ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޮވިޑް ދުވަސްވަރު ވެސް މިފަދަ ގޮތަށް ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރާ ފީ ދެ އަހަރުގެ މުއްދަތަކަށް ކުޑަ ކޮށްފައިވެ އެވެ.
މި ބިލުގައި ދެން ފާހަގަކޮށްލެވޭ އަނެއް އިސްލާހަކީ، މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމް ބޭނުންމަށް ތައްރައްގީ ކުރެވޭ ސަރަހައްދު ކަނޑައެޅުމުގެ ބާރު ރައީސްއަށް ދޭން ގާނޫނުގެ 4 ވަނަ މާއްދާގެ (ށ)އަށް ގެންނަ އިސްލާހެވެ.
ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) މިހާރު ވެސް އޮންނަ ގޮތުން، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ޓޫރިޒަމް ބޭނުމަށް ތަރައްގީކުރާ ސަރަހައްދު ކަނޑައެޅުމުގެ ބާރު ދީފައި ވަނީ ރައީސްއަށެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށްތަކުގައި އެ ރަށެށްގެ ބިނާވެށި ޕްލޭނާ އެއްގޮތަށް ޓޫރިޒަމް ބޭނުމަށް ބިން ކަނޑައެޅުމުގެ ބާރު އެ ކައުންސިލަކަށް ލިބިގެންވެ އެވެ. އެއަށް މި ބިލުގައި ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުތަކާއި ރަށްތައް ޓޫރިޒަމް ބޭނުންމަށް ކަނޑައެޅުމާ ގުޅޭ މާއްދާއެއް މީގެ ކުރިން ގާނޫނަކު ނެތެވެ.
އޭގެ އިތުރުން، ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން، ރަށެއްގެ އިހްތިސާސް ހިމެނޭ ފަޅު ރަށެއް ޓޫރިޒަމްއަށް ތަރައްގީކުރާ ނަމަ، އެ ފަޅު ރަށެއް އެ ކައުންސިލްގެ އިހްތިސާސްއިން ވަކި ވާނެ އެވެ.
ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް އަނެއްކާވެސް ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރާ ފީ ކުޑަ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ