އަރިޔަދޫގައި ރުކުގެ ނާސަރީތަކެއް ހަދާ ތަފާތު މުޑުވައްތައް އުފައްދަނީ

ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އދ. އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ" އެއް ގާއިމުކުރަން ނިންމައިފި އެވެ.
ދަނޑުވެރި ކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ އާދިއްތަ ދުވަހު އޮތް ކެބިނެޓް ބައްދަލްވުމުގައި އަރިޔަދޫ އަކީ އެ ވުޒާރާގެ ދަށުގައި އޮންނަ ރަށެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތަށް ނިންމުމާއި ގުޅިގެން ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އދ. އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ" އެއް ގާއިމުކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު -- ޖެނެޓިކަލީ އިމްޕްރޫވްޑް ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Advertisement
އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެރަށުގައި އުފެއްދުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށާ ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް -- ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެ ވުޒާރާ އިން ބުނި ގޮތުގައި މި ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދަން ވެސް ވަނީ ނިންމަވާފަ އެވެ.
ރާއްޖޭގަ މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ