ކޮންފަމޭޝަން ބަޔަސްގެ ހައްލަކީ ދިފާއީ ވަކީލުން ކޮންފަމޭޝަން ބަޔަސްގެ ހައްލަކީ ދިފާއީ ވަކީލުން

މާތްﷲ އިންސާނުން އުފައްވައި، ބޭރުފުށަށް ފެންނަން ހުންނަ ސިފަތަކާއި، ހިއްސުތަކާ ގުޅިފައިވާ ސިފަތަކެއް އިންސާނުންގައި ލެއްވިއެވެ. މިއިން ކޮންމެ ސިފައަކީ ދުނިޔެ އާރާސްތުކުރުމުގައި އިންސާނުންނަށް ކޮންމެހެން ބޭނުން ސިފަތަކެކެވެ. މި ސިފަތައް ދިރާސާކޮށް، އެސިފަތަކުގެ އަލީގައި، އިންސާނުންގެ ހަޟާރަތު ބިނާކުރުމަކީ އިންސާނުންގެ ކަމެކެވެ. އެކަމަށްޓަކައި، އެ ސިފަތައް ބޭނުންކުރާނެ ގޮތްތަކާއި މިންތައް ދެނެގަނެ، އެ މިންތައް ހިފެހެއްޓުމަކީވެސް އިންސާނުންގެ ކަމެކެވެ.
މާތްﷲ އިންސާނުންގައި ލެއްވި ސިފަތަކުގެ ތެރެއިން، ތިމާގެ ކުރިމަތީގައި އޮތް ކަމެއް ދިރާސާކުރާއިރު، އެކަމުގައި ތިމާ ނިންމަން ބޭނުންވާ ގޮތަކަށް އެކަނި ބާރުލިބޭ ހެކިތަކާއި ގަރީނާތައް އަޑުއަހައި ގަބޫލުކުރުމުގެ ސިފަ ހިމެނެއެވެ. މިޒަމާނުގެ ސައިކޮލޮޖީ ދާއިރާގެ އިލްމުވެރިން އެއަށް ކިޔަނީ ކޮންފަމޭޝަން ބަޔަސްއެވެ.
ކޮންފަމޭޝަން ބަޔަސްއަކީ އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި މުހިންމު ސިފައެކެވެ. މިސާލަކަށް، ތިމާގެ މައިންބަފައިން ނުވަތަ ފިރިމީހާއާބެހޭ ގޮތުން މީހަކު ނުރަނގަޅު ވާހަކައެއް ދައްކައިފިނަމަ، އެކަމެއް އޮތީ އެ ގޮތަށް ނޫންކަމުގެ މައްޗަށް ހުރި ހެކިތަކާއި ދަލީލުތައް އެކަނި ތިމާއަށް ފެނުމަކީ އާއިލީ ގުޅުން ދަމަހައްޓައި، ހަމަޖެހުން އޮތުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.
ނަމަވެސް، ކޮންފަމޭޝަން ބަޔަސްއަކީ މުތުލަގަށް ދޫކޮށްލެވޭނެ ސިފައެއްވެސް ނޫނެވެ. ހާއްސަކޮށް، ގާނޫނީ ނިޒާމުގައި، ކަމަކާމެދު ނިންމާ ނިންމުމެއްގެ ގާނޫނީ ނަތީޖާތަކެއް ހުންނަ ދާއިރާއެއްގަ އެވެ. ތިމާއަށް ފެންނަނީ، ތިމާ ގާބޫލުކުރަން ބޭނުންވާ ކަމެއްގެ މައްޗަށް ހުރި ހެކި އެކަނި ނަމަ، އެކަމުގެ މައްޗަށް ހަރުކަށިވެ، އަދުލް އިންސާފުން އެއްކިބާވެ، މީހުންނާމެދު އަޅަންނުޖެހޭ ފިޔަވަޅުތައް އެޅުމަކީ ނުވެ ނުދާނެ ކަމެކެވެ. ގާނޫނީ ނިޒާމުތަކުގައި ދިފާއީ ވަކީލުންގެ ދައުރަކީ ކޮންފަމޭޝަން ބަޔަސްގެ ސަބަބުން އަންނަ ނުރަނގަޅު އަސަރުތައް ކުޑަކުރުމެވެ. ދިފާއީ ވަކީލުންގެ ބޭނުމަކީ އޮޅުވާލުމާއި ދޮގު ހެދުމެއް ނޫނެވެ. ހަގީގަތަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމެވެ.
ގާނޫނީ ވަކީލުކަމުގެ ސިނާއަތުގެ އަސްލު އޮތީ ރަސޫލުﷲ (ޞ) ގެ ހަދީސްފުޅެއްގައެވެ. ރަސޫލާ (ޞ) ހަދީސް ކުރައްވާފައިވަނީ، "ތިޔަބައި މީހުންގެ ތެރެއިން ދެބަސްވުންތައް އޮތް މީހުން، ތިމަން ކަލޭގެފާނު އަރިހަށް އައިސް، މައްސަލަތަކަށް ހައްލު ހޯދުމަށް އެބަ އެދެއެވެ. ތިމަން ކަލޭގެފާނު އަރިހަށް އަންނަ މީހުންގެ ތެރެއިން ދެބައި މީހުންގެ ބަސް އަޑުއެހުމަށްފަހު، އެތަނުން އެންމެ ފަށުވި އިބާރާތުން، ތިމަން ކަލޭގެފާނަށް ގަބޫލުކުރެވޭ ގޮތަށް އެމީހެއްގެ ހުސޫމަތު (ނުވަތަ މައްސަލަ) ހުށަހަޅައިދޭ މީހާއާ އެއްކޮޅަށް ތިމަން ކަލޭގެފާނު މައްސަލަ ނިންމަވައި ދެއްވާހުށީމެވެ. ނަމަވެސް ތިޔަބައިމީހުން ދަންނާށެވެ. ތިމާއަށް ހައްގު ނޫން މުދަލެއް، ހޯދައިގެންފި މީހާ، އެހޯދައިގަތީ ނަރަކައިގެ އަޒާބުގެ ތެރެއިން ބައެކެވެ."
ކްރިސްޓިއަން ދީނުގައި މީހަކު ސެއިންޓެއްގެ ގޮތުގައި ކަނޑައެޅުމަކީ، އޭނާގެ ހަޔާތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން، އެމީހާއަކީ ވަކި ކަހަލަ އިއްޒަތަކާއި ހާއްސިއްޔަތެއް ލިބިފައިވާ މީހެއްކަމަށް ކަނޑައެޅުމެވެ. ސެއިންޓަކަށް ހެދުމަށް ހުށަހެޅޭ މީހުންނަކީ އެކަމަށް އޮންނަ މިންގަނޑަށް ނުފެތޭ މީހަކަށްވިޔަސް، (ކޮންފަމޭޝަން ބަޔަސްގެ ސަބަބުން،) އެމީހާ ސެއިންޓަކަށް ހަދަން ބޭނުންވާތީ، އަބަދުވެސް ފެންނަނީ، ސެއިންޓަކަށް ހެދުމަށް ހުރި ސަބަބުތަކެވެ. އަނެއް ކޮޅެއް ނުފެނެއެވެ. 1500 ވަނަ އަހަރުގެ ކުރީކޮޅު، ސެއިންޓުންގެ ކަނޑައެޅުމުގެ ކަންތައް ހަމައެއް ލަމައެއް ނެތި ހައްދުން ނައްޓައިގެންދާތީ، ޕޯޕް ލިއޯ 10 ގެ ޒަޢާމަތުގައި، ސެއިންޓަކަށް ހެދުމުގެ ކުރިން، އެމީހަކު ސެއިންޓަކަށް ހަދަން ނުޖެހޭކަމަށް ފެންނަ ސަބަބުތައް ހޯދައި ދިރާސާކުރުމަށް ވަކި މީހަކު ޢައްޔަންކުރިއެވެ. މިއީ، އަޅުގަނޑުމެން މިހާރު މި އަޑުއަހާ "ޑެވިލްސް އެޑްވޮކޭޓް" ގެ ފެށުމެވެ. އޭނާގެ ވަޒީފާއަކީ، ސެއިންޓެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅޭ މީހާގެ މަޢުލޫމާތު ހޯދައި، ދިރާސާކޮށް، އެމީހަކީ ސެއިންޓެއްކަމަށް ކަނޑައަޅަންޖެހޭ މިންގަނޑަށް ނުފެތޭ މީހެއްކަމަށް ވަކާލާތުކުރުމެވެ. އޭގެ ފަހުން، ސެއިންޓެއްގެ ގޮތުގައި މީހަކު ކަނޑައެޅޭނީ، ޑެވިލްސް އެޑްވޮކޭޓުގެ ޓެސްޓުން ފާސްވެގެންނެވެ.
1980 ގެ އަހަރުތަކުގައި، ޕޯޕް ޖޯން ޕޯލް 2 ގެ ޒައާމަތުގައި ޑެވިލްސް އެޑްވޮކޭޓްގެ ނިޒާމު އުވާލިއެވެ. އޭގެ ނަތީޖާވެސް ސާފެވެ. އޭނާގެ ޒަޢާމަތުގައި، 1978 އިން 2005 އާ ދެމެދު، (އެންމެ 30 އަކަށް އަހަރުގެ ތެރޭގައި) 480 އަށްވުރެ މީހުން ސެއިންޓުންގެ ގޮތުގައި ކަނޑައެޅިއެވެ. ނަމަވެސް، 1500 ވަނަ އަހަރު ޑެވިލްސް އެޑްވޮކޭޓްގެ ނިޒާމު ތަޢާރަފުކުރީއްސުރެ، 1978 އާ ހަމައަށް (400 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި) ސެއިންޓުންގެ ގޮތުގައި ކަނޑައެޅުނީ އެންމެ 450 މީހުންނެވެ.
ދިވެހިރާއްޖޭގައި، ގާނޫނީ ފަންނުގެ ދާއިރާ ތަންޒީމުކުރާ ގާނޫނުތައް އެބަހުއްޓެވެ. ވަކީލުކަން ކުރެވެން އޮތީ، ވަކި ކަހަލަ ތައުލީމެއް ލިބި، ވަކި މިންވަރަކަށް ތަޖުރިބާ ލިބި، އޭގެ މައްޗަށް ހުވައެއްވެސް ކޮށްގެންނެވެ. އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދަކު، ގާނޫނީ ވަކީލުންގެ ހުވައި މަތީގައި ތިބޭނެކަމަށް ގަބޫލުކުރަންޖެހޭނެއެވެ. މިގޮތަށް ތަރުތީބުވެފައި އޮތް ނިޒާމެއްގައި، ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ވަކީލުންގެ ދައުރު އަދާކުރަން ހުރަސްއަޅަނީ، ކޮންފަމޭޝަން ބަޔަސްގެ ސަބަބުން ވަކި ނަތީޖާއެއް ނެރުމަށް ބޭނުންވާތީ އެވެ.
ތަހުގީގެއްގައި ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރުމުގެ ބޭނުމަކީ، އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކާ ގުޅިގެން އެމީހާ ބުނާ އެއްޗެއް ސާފުކުރުމެވެ. އެ މީހަކު ބުނާ އެއްޗެއްގެ މައްޗަށް އިތުރު ތަހުގީގުކުރަންޖެހޭކަން ނުވަތަ ނޫންކަން ދެނެގަތުމެވެ. ކޮންފަމޭޝަން ބަޔަސްއެއްގެ ސަބަބުން ތަހުގީގީ އިދާރާތަކަށް ނުފެންނަ މަންޒަރުތަކާއި ހަގީގަތްތައް ދައްކައިދިނުމުގެ ފުރުސަތު ތުހުމަތުކުރެވޭ މީހާއަށާއި އެމީހާގެ ވަކީލަށް ފަހިކޮށްދިނުމެވެ. މިހުރިހާ ކަމެއް ގުޅިފައިވަނީ ކަމުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމުކުރުމާ އެވެ. ތަހުގީގީ އިދާރާއާއި ދިފާއީ ވަކީލުގެވެސް އަމާޒަކީ ކަމުގެ ހަގީގަތަށް ވާސިލުވުމެވެ. ތުހުމަތުކުރެވޭ މީހާގެ މަސްލަހަތުވެސް އޮތީ ހަގީގަތަށް ވާސިލުވެ، އިންސާފުން އެމީހަކާމެދު ކަންތައްވުމުގައެވެ.
އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާތަކަށް ބަލާއިރު، ފުލުހުންގެ ތަހުގީގުތަކާއި ޝަރުއީ ދާއިރާގައި (ދަށުކޯޓާއި މަތީ މަރުހަލާގެ ކޯޓުތަކުގައި) ދިފާއީ ވަކީލުންނަށް ފުޅާ ފުރުސަތުތައް އޮވެއެވެ. ބޭނުން އިރަކު މުވައްކިލާ ވާހަކަ ދައްކާ މަޝްވަރާކުރަން ފުރުސަތުދެއެވެ. ފުލުހުންގެ އިންވެސްޓިގޭޓަރާއި މުއްތަހަމާ ނުވަތަ ދިފާއީ ވަކީލާ ދެމެދުވެސް ޒާތީ ނުތަނަވަސްކަމެއް ނޯވެއެވެ. އެމީހާ އެއަދާކުރަނީ އެމީހާގެ ވަޒީފާކަން އެންމެނަށްވެސް އެނގެއެވެ.
ނަމަވެސް، ހިޔުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ވަކިން ހާއްސަކޮށް ދިފާއީ ވަކީލުންނަށް ފުރައްސާރަކުރުމުގެ ސަގާފަތެއް އޮތް އިދާރާއެކެވެ. ވަކީލުންގެ ފޮތް ފަންސޫރު ފަދަ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ނުދިނުމާއި މުވައްކިލާ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީގެން، ދިފާއީ ވަކީލުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން، އެކަމުގެ މައްޗަށް އަޅުގަނޑުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރުގައި އެ ކޮމިޝަނާ ވާހަކަ ދައްކައި، އެކަން އެގޮތަށް ނުކުރުމަށް އިރުޝާދު ދީ، ފުލުހުންގެ ތަހުގީގުތައް ހިންގާ ގޮތް ދަސްކޮށްގެން، އެގޮތަށް ތަހުގީގު ހިންގަން ލަފާ ދީފައިވެސް ވާނެ އެވެ. ނަމަވެސް، އޭސީސީއަކީ "މުސްތަގިއްލު" މުއައްސަސާއަކަށް ވާތީ، އެ ވާހަކަ އަޑުއެހީ ކިހާ ވަރަކަށްކަމެއް ސާފެއް ނުވެ އެވެ. "މިނިވަން މުސްތަގިއްލު" ކޮމިޝަންތަކުގެ ތަހުގީގުތަކުގައި ދިފާޢީ ވަކީލުންނަށް އެއްވެސް ދައުރެއް ބާއްވަން ބޭނުންނުވާނަމަ، ގާނޫނުއަސާސީއަށް އެ ބަދަލު ގެނެސްގެން އެކަން ކުރަންވީއެވެ. ނަމަވެސް، މިހާރު ގާނޫނީ ނިޒާމު އޮތް ގޮތުންނާއި، އިންސާނުންގެ ތޮބީއަތު ހުންނަ ގޮތުން، ދިފާޢީ ވަކީލުގެ ދައުރެއް ނެތި އިންސާފާއި ހަގީގަތަށް ވާސީލުވުމަކި ދަތިކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ