މެމްބަރު ހާމިދު އަބްދުލްޣަފޫރު ފަސް ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހާމިދު އަބްދުލްޣަފޫރު ފަސް ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ހާމިދު ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު އެމްއެމްއޭ ކައިރީގައި އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން ނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާމިދުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ހާމިދު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލައި ވަނުމުން ކަމަށެވެ. އަދި ހާމިދުގެ އިތުރުން އެތަނުން ހައްޔަރުކުރި ހަ މީހުންވެސް ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާމިދު ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ހާމިދުގެ އިތުރުން ''ސީދާ ހަރަކާތުގެ'' އެހެން މީހުން ހައްޔަރުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ފުލުހުންގެ ގާނޫނުތަކާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާވެސް ހިލާފަށް، ހާލަތާ ނުބައްދަލު އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް ފާރަވެރިވުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ