ރިހި ޔޫބީލް ރައީސް މައުމޫން، ރަން ޔޫބީލް ރައީސް ޔާމީން
ގައުމެއްގެ މިނިވަންދުވަހާ ގުޅޭ އެންމެ ޚާއްސަ ހަފުލާތައް ފާހަގަކުރާ އިރު އެންމެ މަތީ ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް އެ ލިބިވަޑައިގަންނަވަނީ މުހިންމު ޝަރަފެކެވެ. އެއީ ހަޔާތުގައި ކޮންމެ މީހަކަށް، ކޮންމެ ދުވަހަކު ލިބޭނެ ތާރީޚީ ވަގުތެއް ނޫނެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ޚާއްސަ ޖާގައެއް ދިވެހި ތާރީޚުން އެބަ ލިބެ އެވެ. އެއީ އެއްބަފާ ދެ ބޭފުޅުންނެވެ. މިނިވަންދުވަހާ ގުޅިގެން ދެ ރައީސުންނަށް ތާރީޚުން ލިބިވަަޑައިގަންނަވާނީ "ރިހި ޔޫބީލްގެ ރައީސް" އާއި "ރަން ޔޫބީލްގެ ރައީސް"ގެ ނަމެވެ. ދެ ރައީސުންގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ސިފަކުރެއްވީ އެއީ ދުނިޔޭގެ ތާރީހުގައި ވެސް ވަރަށް ދިމާނުވާނެ "ތާރީހީ އިއްތިފާގެއް" ކަމަށެވެ. "ގައުމުގެ ތާރީޚަށް ބަލަންޏާ އެއިން ދައްކައިދެނީ އެ ދެ ބޭފުޅުން ނިސްބަތްވާ އަބްދުލްގައްޔޫމް ސީދީގެ އާއިލާ އަކީ މި ގައުމަށް ވަރަށް ޚިދުމަތްތެރި އާއިލާއެއްކަން،" ދެ ރައީސުންގެ ބައްޕާފުޅަށް ނިސްބަތްކުރައްވައި، ނިހާން ވިދާޅުވި އެވެ. "މިނިވަންކަމުގެ ރިހި ޔޫބީލާއި ރަން ޔޫބީލްގައި އެ އާއިލާގެ ދެ ބޭފުޅުން ރައީސްކަމުގައި ހުންނެވުމަކީ ނަސީބު ރަނގަޅު އިއްތިފާގެއް." ރިހި ޔޫބީލްގެ ކުލަތަކާއި ގޮންޖެހުންތައް އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވިތާ 25 އަހަރު ފުރުން 1990 ގައި ފާހަގަކުރި އިރު ރާއްޖޭގެ ރައީސްގެ މަގާމުގައި މައުމޫން ހުންނަވާތާ ގާތްގަނޑަކަށް 12 އަހަރު ވެއްޖެ އެވެ. އޭގެ ކުރިން ނުދެކޭ ފަދަ ބޮޑެތި އެތައް ތަރައްގީއެއް އައީ ފެންނަމުންނެވެ. މިނިވަންކަމުގެ ބާނީ އިބްރާހިމް ނާސިރު ދެ ދައުރު ރައީސްކަން ކުރެއްވުމަށް ފަހު 1978 ގައި ވެރިކަން ދޫކޮށްލެއްވި އިރު ސަރުކާރުގެ އަހަރު ދުވަހުގެ ޚަރަދަކީ 41 މިލިއަން ރުފިޔާ އެވެ. ގައުމުގެ ތަރައްގީ އަށާއި އެކި ކަންކަމަށް ސަރުކާރުން ހޭދަކުރި މިންވަރު ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް 100 މިލިއަނަށް އެރީ މައުމޫންގެ ވެރިކަމުގައި 1980 ގަ އެވެ. އޭގެ ފަހުން އިގުތިސާދީ، ތައުލީމީ އަދި ސިއްހީ ގޮތުން ކުރިއެރުން ހުރީ މަތީގަ އެވެ. ސަރުކާރުގެ ބަޖެޓް އަހަރުން އަހަރަށް ބޮޑުވި އެވެ. ގިނަ އަހަރުތަކެއްގައި އަރަނިކޮށް ބަޖެޓް ދެމެހެއްޓި އެވެ. މިނިވަން 25 ގެ އަހަރު ފެށުނު އިރު މައުމޫންގެ ވެރިކަމާ މެދު ޔަގީނުން ވެސް ގިނަ އަދަދެއްގެ ބަޔަކު ތިބީ ހިތްހަމަޖެހިގެންނެވެ. އަހަރު ފެށުމުގެ ގޮތުން މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި އެކުވެރިކަމުގެ ދުވުމުން އެކަން ސާބިތުވެ އެވެ. މައުމޫން އިސްކޮށް ހުންނެވި ދުވުމުގައި، ހުދު ކުލައިގެ ޓީޝާޓު ލައިގެން އެތައް ހާސް ބަޔަކު ބައިވެރިވެ މަގުތައް ފުރާލި އެވެ. ގަލޮޅު ދަނޑު ބަންޑުންކޮށްލި އެވެ. އޭރު ދަނޑުގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކް ގްރޫޕްތައް ތިބީ ޝޯއަކަށް ތައްޔާރުވެގެންނެވެ. ރައީސް މައުމޫންގެ ދެކަނބަލުން މިނިވަންކަމުގެ ރިހި ޔޫބީލްގެ ރަސްމީ ހަފުލާގައި ބޭރުގެ އިއްޒަތެރިޔަކާ ވާހަކަފުޅު ދައްކަވަނީ އެއީ ފޯރިގަދަ، އެކުވެރި މާހައުލެކެވެ. ހަނދާންކުރަމާ ހެއްޔެވެ؟ ރިހި ޔޫބީލް އަހަރާ މައުމޫން ކުރިމަތިލެއްވީ 1989 ގައި ވަރަށް މުހިންމު ވާހަކަފުޅެއް ރައްޔިތުންނަށް ދޫކުރައްވައިފަ އެވެ. ރަސްމީ ޖަލްސާއެއްގައި ދެއްވި ތަގުރީރެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިން "ތޮށިގަނޑު ފަޅާލާފައި ނުކުތުމަ"ށެވެ. އެއީ އޭރުގެ ބައެއް ޒުވާނުން ދުށް ގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުމެވެ. ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދެއްކުމެވެ. އޭގެ ބޭނުން ހިފަން މިނިވަން ނޫސްތަކެއް ނެރުނެވެ. އެކަމަކު ޖުލައި 26 އާ ކުރިމަތިވި އިރު އެ ނޫސްތައް އުވާލާ، ބައެއް ލިއުންތެރިން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި 2008 ގެ އިންތިހާބުގައި މައުމޫން ބަލިކުރައްވައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ވެސް ހިމެނެ އެވެ. ނޫސްތައް އުވާލުމާ އެކު ކޮންމެވެސް ވަރެއްގެ ސިޔާސީ ހިތްހަމަނުޖެހުންތަކެއް އާންމުންގެ މެދުގައި އުފެދުނެވެ. އެކަމަކު މިހާރު މި ފެންނަ ގޮތަށް ސަރުކާރާ ދެކޮޅަށް މީހުން މަގުތަކަށް ނުކުމެ އަޑުއުފުލާފައެއް ނުވެ އެވެ. އެ ހޭލުންތެރިކަމެއް، އެ މިނިވަންކަމެއް ވެސް ނެތެވެ. ރިހި ޔޫބީލްގެ ރަސްމީ ހަފުލާތައް ނިމުނީ ކުލަގަދަކޮށް، ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމަކާ އެކުގަ އެވެ. ގަލޮޅު ދަނޑުގައި އޮތް ކުޅިވަރުތަކާއި މަގުތަކުގައި އޮތް ރޫޓުމާޗާއި ފުޅަނދުތަކާއި، އަލަށް ބޭއްވި މަގުމަތީ ބާޒާރު ފަދަ ހަރަކާތްތަކުގެ މަތިން އޭރުގެ ޒުވާނުން ހަނދާން ނައްތައެއް ނުލެވޭނެ އެވެ. ގަލޮޅު ދަނޑުގައި އޮތް ރަސްމީ ކުޅިވަރުގެ ހަރަކާތެއް: މިނިވަން 25 ވެސް ރާއްޖޭގައި ފާހަގަކުރީ ވަރަށް ކުލަގަދަކޮށް ރިހި ޔޫބީލް އަހަރުގެ އެންމެ ބޮޑު ނިޝާނެއްގެ ގޮތުގައި މާލޭގައި މިހާރު ފެންނަން ހުރީ ދަރުބާރުގެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ސާކް ސަމިޓަށް ދަރުބާރުގެ ހެދީ އެ ޖަލްސާ އަށް ފަހު ރޫޅާލާ ގޮތަށް، ވަގުތީ އިމާރާތެއްގެ ސިފައިގަ އެވެ. އެކަމަކު އެދުވަސްވަރު ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު ހޭދައެއް ކުރި ތަނަކަށް ވެފައި، ރާއްޖޭގެ އިގުތިސާދާ ނުބައްދަލު ޚަރަދެއް ހިނގާކަމުގެ ހިތްހަމަނުޖެހުމުގެ އަޑުތައް ރައްޔިތުންގެ ތެރޭގައި ފެތުރުމުން ސަރުކާރުން ނިންމީ ދަރުބާރުގެ ބަހައްޓާށެވެ. ނުވަތަ ދާއިމީ ތަނަކަށް ދަރުބާރުގެ ބަދަލުކުރަން ޖެހުނު އެއް ސަބަބަކީ އެ އެވެ. ރައީސް ޔާމީން: ހީވެސް ނުކުރާ ކަހަލަ ފިޔަވަޅުތަކެއްގައި ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ޔާމީން ވަޑައިގަތީ މީގެ 25 އަހަރު ކުރިން، އެމަނިކުފާނުގެ ބޮޑުބޭބޭފުޅުގެ ވެރިކަމުގައި އޮތް ސިޔާސީ ހިމޭން މާހައުލުގެ ތެރެއަކު ނޫނެވެ. ސިޔާސީ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދި އޭރު ނެތް އެކަމަކު މިހާރު އިންސާނީ ހަޔާތުގެ އެއް ބަޔަށް ވެފައިވާ ސޯޝަލް މީޑިއާ އޮތީ ހުޅުވިފަ އެވެ. މިނިިވަންކަމުގެ ރަން ޔޫބީލް ކުލަ ގަދަކޮށް ފާހަގަކުރައްވަން ރައީސް ޔާމީން ނިންމަވައި، އެކަން ސަރުކާރުން ކުރި އިރު އެމަނިކުފާނު ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި އަދި އުނދަގޫ ފިޔަވަޅުތައް އަޅުއްވައިފަ އެވެ. ބައެއް ނިންމެވުންތަކާ ހެދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ސިފަކުރަނީ، "ޚުދުމުޚުތާރު ވެރިއެއް"ގެ ގޮތުގަ އެވެ. ސޯޝަލް މީޑިއާގައި ފުރިފައިވަނީ އެ މައުލޫއުތަކެވެ. އެކަމަކު ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އެހެން މީހުން ދައްކާ ވާހަކަތަކަށް، ކިޔާ ފާޑަކަށް ބައްލަވާ ބޭފުޅެއް ނޫނެވެ. ބައެއް ވާހަކަތަކަށް ރައްދު ދެއްވާ ހައްދަވާފައެއް ވެސް ނުވެ އެވެ. ކުރީގެ ރައީސް ނަޝީދު ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލުމުން ބައިނަލްއަގުވާމީ ފާޑުކިއުންތަކާއި ޕްރެޝަރު ސަރުކާރަށް ކުރިމަތިވި އެވެ. އެކަމުން ސަލާމަތްވުމުގެ މަގުސަދުގައި، ކޮމަންވެލްތުން ވަކިވުން ކަހަލަ، ރާއްޖޭގެ ވެރިޔަކު ކުރައްވަފާނެ ކަމަށް ކުރިން ހީވެސް ނުކުރެވޭ ފަދަ އަމަލްތަކަކަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށްކަން އެނގެ އެވެ. ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސް ޔާމީން ޖުލައި 23، 2015 ގައި ތަސްދީގުކުރައްވަނީ މިނިވަންކަމުގެ ރަން ޔޫބީލްގެ ރަސްމީ ހަރަކާތްތަކާ ރައީސް ޔާމީން ކުރިމަތިލެއްވީ، ރާއްޖޭގެ ތާރީޚުގައި ވެސް ވެރިޔަކު ކުރައްވާފައި ނެތް ބޮޑު ބަދަލަކާ އެކުގަ އެވެ؛ ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް، ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު، ޖުލައި 23 ގައި ތަސްދީގުކުރެއްވުމެވެ. މިއީ ވެސް އެއްވެސް މީހަކު ކުރިން ހީކުރި ނިންމުމެއް ނޫނެވެ. އެ އިސްލާހަށް އެމަނިކުފާނުގެ ބޮޑުބޭބޭފުޅު މައުމޫން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ 20 މަސް މި ފެނުނީ، އާދަޔާ ޚިލާފު ކެރިވަޑައިގަތުމެކެވެ. ބައެއް މީހުންނަށް އެއީ "ނުލަފާކަމެ"ވެ. އެކަމަކު ސަރުކާރާއި ޕީޕީއެމް ކޯލިޝަނުގެ މެމްބަރުންނަށް އެއީ ސިޔާސީ ދުރުވިސްނެވުމެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ހިންގާ ސަރަހައްދެއްގައި 70 ޕަސެންޓް ބިން ހިއްކައިގެން ތަރައްގީކުރާ ނަމަ އެ ފަރާތަކަށް ބިން މިލްކުރެވޭނެ އެވެ. މިއީ އެމަނިކުފާނުގެ ނަޒަރުގައި، ރާއްޖޭގެ ތަރައްގީ އަވަހަށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގުނައެއް މައްޗަށް ޖެއްސެން އޮތް ގޮތެވެ. ބޭރުގެ އެވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އައުމުން ރާއްޖެ އަށް ތާރީޚުގައި ވެސް ނުލިބޭ ވަރުގެ ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. އިސްލާހު ތަސްދީގުކުރެއްވުމަށް ފަހު ރައީސް ޔާމީން ރައްޔިތުންނަށް ޔަގީންކަން ދެއްވީ ބިދޭސީންނަށް ބިން މިލްކުރެވުމަކުން ރާއްޖޭގެ ސިޔާދަތަށް، އިސްލާމް ދީނަށް ކުޑަ ވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. ރާއްޖޭގެ ގާނޫނުތައް މަނާކުރާ އެއްވެސް ހަރަކާތެއް، (އެމަނިކުފާނުގެ ބަސްފުޅުން ނަމަ ފައްޅި އެޅުން، ކެސިނޯ ހެދުން) ފަދަ ކަންކަމެއް ނުކުރެވޭނެ އެވެ. އަދި ކުރިއަށް އޮތް 50 ނުވަތަ 100 އަހަރު ދިވެހިންނަށް ބޭނުންވާ ބިމެއް ވެސް ރާއްޖެއަކުން ހުހެއް ނުވާނެ އެވެ. މިނިވަންކަމުގެ ރަން ޔޫބީލާ ގުޅިގެން ޖުމްހޫރީ މައިދާނުގައި އެމްޓީސީސީން ހެދި ބޮޑު ފެންއަރުވާ ވަޑާމުގެ ފެންތަކާއި ކުލަތައް: ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން 50 ފާހަގަކުރަމުން ދަނީ ވަރަށް ކުލަ ގަދަކޮށް -- ފޮޓޯ: ރައީސް އޮފީސް އެކަމަކު އެވާހަކަ ގަބޫލުނުކުރާ ދިވެހިން ވަކި މަދެއް ނޫނެވެ. "ރާއްޖެ ވިއްކާލުމާ ދެކޮޅު" މިއީ އެމީހުންގެ މައުލޫއު އެވެ. ސޯޝަލް މީޑިއާގައި އެ މައުލޫއު ދަނީ އެނބުރެމުންނެވެ. ބިދޭސީންނަށް ބިން މިލްކުރެވޭ ގޮތަށް ހުޅުވާލާ ކޮންމެ ގައުމެއްގައި ވެސް މި ބަހުސް އުފެދެ އެވެ. އަދި އެ ބަހުސަށް އެހާ އަވަސް ނިމުމެއް ވެސް ނާދެ އެވެ. އެފަދަ ބޮޑު ފިޔަވަޅެއް އެޅުއްވުމަށް ފަހު، ޖުލައި 24 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ހުންނެވީ، ހިނިތުންވެވަޑައިގެން، މިނިވަންކަމުގެ ރަން ޔޫބީލްގެ ރަސްމީ ކުލަތައް އިފްތިތާހުކުރުމުގެ ހަފުލާގައި، ޖުމްހޫރީ މައިދާންގަ އެވެ. މިހާތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުއްވާދެއްވި އެވެ. ވަށައިގެން ވަނީ ކުލަ ބޮކިތަކެވެ. ތަފާތު ކުލަތަކެވެ. މުޅި ޖުމްހޫރީ މައިދާނަށް ގެެނެސްފައި ވަނީ އާ ސިފަތަކެކެވެ. ރަތް ކުލަ އަކީ ރަތް ކުލަކަން އެންމެންނަށް ވެސް އެނގޭނެ އެވެ. އެކަމަކު މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރާ އިރު ގައުމުގެ ރައީސް ޔާމީން، ގިނަ ދިވެހިންނަކަށް އަދި ދަހެއް ނުވެ އެވެ. އެނގޭ ކަމަކީ އެއްވެސް ފިޔަވަޅެއް އަޅުއްވަން ޖެހިލުންވެވަޑައިނުގަންނަވާ ކަމެވެ. އިދިކޮޅު މީހުން ތިބީ ރުޅިއައިސް ރަތްވެފަ އެވެ. އަނެއްކޮޅުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ސިޔާސީ ވެރިންނާއި އާންމުންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ، ސިޔާސީ ގޮތުން ހަރުކަށި، ބަސް މަދު، ކެރިވަޑައިގެންނެވި އެކަމަކު ގިނަ ދިވެހިންނަށް އެ ބޭފުޅެއްގެ އަސްލު ނޭނގުނު ރައީސް އިބްރާހިމް ނާސިރު ހޯއްދަވައިދެއްވި މިނިވަންކަމަށް 50 އަހަރު ފުރުމެވެ. އެކަން ފާހަގަކުރައްވަން އިސްކޮށް ހުންނެވި ރައީސް ޔާމީންގެ ކިބާގައި ނާސިރާ އެއްގޮތް ސިފަތަކެއް ހުރިތޯ މިއީ އަނެއްކާވެސް އާ ބަހުސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ