މައުމޫން ހަމީދުގެ ނަން ދިރާސާކުރަން ޕާޓީތަކުން އެއްބާރުލުން ނުލިބޭ: ސަމީރު

ޕްރޮސިކިއުޓަ ޖެނެރަލް މަގާމަށް އައްޔަންކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ މައުމޫން ހަމީދުގެ ނަން ދިރާސާކުރުމުގެ މަސައްކަތް ހުއްޓިފައިއޮތީ ޕާޓީތަކުން އެއްބާރުލުން ނުދީގެން ކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު މިރޭ ވިދާޅުވެއްޖެ އެވެ. ޕީޖީއަކު އައްޔަންކުރުމުގެ މަސައްކަތް ލަސް ނުކޮށް ނިންމަން ސުޕްރީމް ކޯޓުން މިރޭ އަމުރު ކުރިއިރު، އެ މަސައްކަތް މަޖިލީހުގެ ކޮމިޓީގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ސަމީރު ވިދާޅުވި ގޮތުގައި މައުމޫންގެ ނަން ދިރާސާކޮށް، އޭނާއާ އިންޓަވިއު ކުރުމަށްޓަކައި، މަޖިލީހުގެ ޗުއްޓީތެރޭގައި ވެސް ދެ ބައްދަލުވުމެއް ބާއްވަން އެޖެންޑާކުރި އެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުން ކެންސަލުކުރީ ސަރުކާރަށް ތާއިދުކުރާ މެމްބަރުން އެދިވަޑައިގެންނެވުމުން ކަމަށާއި ދެ ވަނަ ބައްދަލުވުން ކެންސަލްކުރަން ޖެހުނީ އެމްޑީޕީން އެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޓީގެ ބައްދަލުވުން ކެންސަލްކުރުމަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން އެދިވަޑައިގަތީ އެ ދުވަސްވަރު މަޖިލީހުގެ ތެރޭގައި ޓެކްސް ބިލްތަކުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލާ ދެއްވައި ސަމީރު ވިދާޅުވީ، އެމްޑީޕީން ބައްދަލުވުން ކެންސަލުކުރަން އެދުނީ ޗުއްޓީ ތެރޭގައި އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުން ނުވެގެން ކަމަށެވެ. "އަޅުގަނޑު މިހުރީ މިރޭ ވެސް ބައްދަލުވުން ބޭއްވުމަށް އެދިވަޑައިގެންފި ނަމަ ބައްދަލުވުން ބާއްވަން،" ސަމީރު ވިދާޅުވި އެވެ. ޕީޖީއަކު ނެތް އިރު، ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަތުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ޕީޖީއަކު އައްޔަންކުރުން ލަސްވާތީ އެ މަސައްކަތް އަވަހަށް ކުރުމަށް އަމުރުކުރުމުގެ އިތުރުން، ކޯޓަށް މައްސަލަތައް ބަލައިގަނެ، މިހާރު ހުރި މައްސަލަތައް ވެސް ކުރިއަށް ގެންދަން އަމުރުކުރި އެވެ. ޕީޖީކަމަށް އައްޔަން ކުރަން މަޖިލީހުގެ ހުށަހަޅާފައިވާ މައުމޫން ހަމީދަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ