އީދު ނަމާދުގެ ކުރިން ޒަކާތް ދިނުމަށް ކުރީގެ ރައީސް މައުމޫން އެދިވަޑައިގެންފި

14:30ފިތުރު ޒަކާތް ނުދީ ތިބި އެންމެން އީދު ނަމާދުގެ ކުރިން ޒަކާތް ދިނުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.ރަމަޟާންމަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މައުމޫނު ފައުންޑޭޝަންގެ ފަރާތުން ދަރުބާރުގޭގައި ރޭ ބޭއްވި، ޖަލްސާގައި "ތެދުވެރި މުއުމިނުންގެ ސިފަތައް" މި މައުޟޫއަށް ތަގުރީރު ކުރައްވަމުން، އެ ފައުންޑޭޝަންގެ ވެސް ރައީސް، ރައީސް މައުމޫނު ވިދާޅުވީ، ކޮންމެ އެމީހުންނަށް ލިބިފައިވާ ސިފަތައް ތަފާތުވީނަމަ ވެސް ކޮންމެ މީހަކަށް ވެސް ދެތުވެރި މުއުމިނަކަށް ވެވިދާނެ ކަމަށެވެ.ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތުން، ދަލިލު ދައްކަވައި، ތެދުވެރި މުއުމިނުންގެ ހުންނަންޖެހޭ ސަތާރަ ސިފައެއް ބަޔާން ކުރައްވަމުން، ރައީސް މައުމޫނު ވިދާޅުވީ، އެ ސިފަތަކުގެ ތެރޭގައި ނަމާދުގައި މަޑުމޮޅި ވުމާއި، ބޭކާރު ވާހަކަ ނުދެއްކުމާއި، ބޭކާރު އަމަލު ނުކުރުމާއި، ޒަކާތް ދިނުން ހިމެނޭކަމަށެވެ. އަދި ދޮގުހެކި ދިނުމާއި، އޮޅުވާލުމާއި މަކަރު ހެދުމާއި، އަމާނާތްތެރި ނުވުމާއި، އެއްބަސްވުންތަކަށް އިހްތިރާމް ނުކުރުމާއި، މީހުންގެ އަބުރައް ހުތުރުވާފަދަ އަސްލެއްނެތް ބޭކާރު ވާހަކަ ދެއްކުމަކީ، ތެދުވެރި މުއުމިނުންގެ ހުންނާނެ ސިފަތަކެއްނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ތެދުވެރި މުއުމިނުންނަށް ލިބިދޭ ނިއުމަތްތައް ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަމަށާއި، އެފަދަ ފަރާތްތަކަށް މި ދުނިޔޭގައި ރިޒުގު ތަނަވަސްވެގެން ދާނެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތަކަށް ހުރި ނިއުމަތްތަކާއި، ތެދުވެރި މުއުމިނަކަށް ވާންވީ ސަބަބު ތައް ވެސް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ރައީސް މައުމޫނު ވިދާޅުވެ ދެއްވި އެވެ.މި ޖަލްސާގައި، ނަމާދުގެ އަހައްމިއްޔަތުގެ މައްޗަށް ތަގުރީރު ކުރައްވަމުން، ކުރީގެ އުއްތަމަ ފަނޑިޔާރު ޝައިޚު މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ނަމާދަކީ ދީނުގެ ތަނބުކަމަށާއި، އެއީ އަޅާއާއި ހެއްދެވި ފަރާތާ އޮންނަ ރޫހާނީ ގުޅުން ގާއިމް ކޮށްދޭ ބާރުކަމަށެވެ. އަދި މި މާތް ﷲ މި އުއްމަތަށް ނަމާދު ފަރުޟު ކުރައްވާފައި ވަނީ، ކީރިތި ރަސޫލާ ކުރެއްވި އިސްރާއާއި މިއުރާޖުގެ ދަތުރު ފުޅުގައި، އެއްވެސް މެދުވެރިއަކާ ނުލައި ސީދާ މާތްﷲގެ ޒާތުފުޅުން ކަމަށް ވިދާޅުވި އެވެ. ނަމާދުގެ މުހިއްމު ކަމުގެ މައްޗަށް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ދީނުގައި ހިމެނޭ ފަރުޟު ކަންތައްތަކަށްފަހު ދިރިއުޅުމަށްތަކައި ކުރާ ހުއްދަ ކޮންމެ ކަމަކީ އަޅުކަމެއްކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް އެންމެ ފުރަތަމަ ބިންގަލަކީ ނަމާދު ކަމަށާއި، އެގޮތަށް ކުދިން ތަރުބިއްޔަތުކޮށްފިނަމަ މަސްދުވާ ތަކެއްޗާއި ނޭދެވޭ ކަންތައްތަކުން ކުދިން ދުރުހެލިވާނެ ކަމަށް ވެސް މުހައްމަދު ރަޝީދު އިބުރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ