ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެޕާޓީން ވަކިކުރި ނަމަވެސް އޭނާއާއެކު އެހެން މެމްބަރުންތަކެއް ޕާޓީ ދޫކުރާ ކަމުގެ އެއްވެސް ހިލަމެއް ނެތް ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ ދެތިން މީހުން ޕާޓީން ވަކިވެވަޑައިގަތަސް ހަފްތާއެއްގެ ތެރޭ 100 ނުވަތަ 200 އެއްހާ މީހުން އެޕާޓީއަށް ސޮއި ކުރައްވާކަމަށާއި އަދި އުމަރު ނަސީރު ވަކިކުރުމާގުޅިގެން އެޕާޓީގެ މެންބަރުން ޕާޓީ ދޫކުރާ ކަމުގެ އެއްވެސް ހިލަމެއް ނެތް ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެގޮތަށް އެއްވެސް މެންބަރަކު ކެނޑިގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
" ހަގީގަތުގަ ޕާޓީއަށް ހަފްތާއެއްގެ ތެރޭގައި ވަންނާނެ އިނގޭތޯ 100، 200 ވަރަކަށް މީހުން. ޕާޓީގައި އުޅެ ދެމީހަކު ތިން މީހަކު ކެނޑިގެން ގޮސްދާނެ ކޮންމެސް އެހެން ޕާޓީއަކަށް. އެހެންމަ ސީދާ އުމަރު ނަސީރު ޕާޓީން ވަކި ކުރުމާއި ގުޅިގެންނޭ ކިޔާފަ ބަޔަކު މިޕާޓީން ކެނޑިގެން ދާ ކަހަލަ އެއްވެސް ހިލަމެއް އިހުސާސެއް އަދިއެއް މިޕާޓީ ތެރެއަކު ނެތް،" މަހުލޫފް ވިދާޅުވިއެވެ.
ޕީޕީއެމުން ކޯލިޝަނެއް ހަދާނީ އިންތިހާބުގައި ރައްޔިތުން ދެވަނަ ބުރަކަށް ދާން ބޭނުންވާނަމަ، ދެވަނަ ބުރުގައި ކަމަށް މިއަދުގެ ބައްދަލުވުމުގައި މަހުލޫފް ވިދާޅުވިއެވެ. އެމްޑީޕީން އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބުނަމުންދަނީ އެޕާޓީއަށް ކޯލިޝަނަކާ ނުލާ ދެވަނަ ބުރެއްގައި ކާމިޔާބު ނުވާނެތީ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މިމަހު ތިން ވަނަ ދުވަހު އެޕާޓީން ބާއްވާ ހާއްސަ ޖަލްސާއެއް މާލޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށާއި އަދި އެޖަލްސާއަށް އެޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ މީހުން ވަޑައިގަތުމަށް އެޕާޓީގެ ތަރުޖަމާން އަހްމަދު މަހްލޫފް ވަނީ ގޮވާލައްވާފައެވެ.
އުމަރު ވަކިކޮށްގެން އިތުރު މެމްބަރުންތަކެއް ޕާޓީ ދޫކުރާކަމުގެ ހިލަމެއް ނެތް: މަހުލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ