އުމަރު ޕީޕީއެމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އުމަރުގެ އަރިސް ބޭފުޅެއް ކަމަށްވާ މާޒް އަހުމަދު ސަލީމް ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާނީ އުމަރު ޕާޓީން ވަކިކުރި މައްސަލައިގެ އިތުރުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނާ މައްސަލަ ވެސް ބަލައިދިނުމަށް އެދި އެވެ. ރިޔާސީ ޕްރައިމަރީގައި އޮޅުވާލުންތަކެއް ހުރި ކަމަށާއި އެއީ އެ ޕާޓީގެ އާއްމު މެމްބަރުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި އުމަރަށް ތާއީދުކުރާ ޕާޓީގެ އާއްމު މެމްބަރަކު ވެސް ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ސަލީމް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި މައްސަލަތަކެއް ހުރި ކަމަށް އުމަރު ވިދާޅުވުމަކީ އޭނާ ޕާޓީން ވަކިކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އުމަރު ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. "އޮފީހެއްގެ ވެރިއަކަށް ހުންނަ ބޭފުޅާ ކުޑަ ސިޓީ ދީފައި ގޭގައި މަޑުކުރާށޭ ބުނާ އުސޫލުން ޑިމޮކްރަސީގައި ކަންކަން ކުރިއަކަށް ނުގެންދެވޭނެ،" ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އުމަރު ވަކިކުރިއިރު، އަސާސީ ގަވާއިދާއި ޕާޓީގެ ނިންމުންތަކާ ހިލާފުވެފައިވާ އެހެން މެމްބަރުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. މިސާލެއް ނަންގަވައި ސަލީމް ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވަރަށް ހުތުރުކޮށް ރައީސް މުހައްމަދު ވަހީދަށް މަޖިލީހުގެ ތެރޭގައި ފާޑުވިދާޅުވެފައިވާ ކަމަށާއި އެއީ ޕާޓީގެ ކައުންސިލްގެ ނިންމުމާ ހިލާފަށް ދެ ބޭފުޅުން ކުރެއްވި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިތާމަކުރެއްވި ކަމަށެވެ. "ރައީސް މައުމޫން ރިޔާސަތުގައި އިންނެވި ބައްދަލުވުމެއްގައި ނިންމާފައި ވަނީ މި ސަރުކާރަށް ފާޑުނުކިޔުމަށް. އެކަމަކު އެ ދެ ބޭފުޅުން ފާޑުވިދާޅުވީ [ސުލޫކީ ކޮމެޓީގެ މުގައްރިރު] އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ކުރިފުޅުމަތީގައި. އެކަމަކު އެ ކޮމެޓީން އެ މައްސަލައެއް ނުބައްލަވާ. އެހެންވީމަ އުމަރާ ދޭތެރޭ ފިޔަވަޅު އަޅާފައިވާއިރު ކޮބައިތޯ އިންސާފަކީ،" ސަލީމް ވިދާޅުވި އެވެ. ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ސުލޫކީ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ކޮންޓްރޯލް އޮންނަ ބޭފުޅުންނެވެ. ޕްރައިމަރީ އަށް ފަހު ވަކިން ޖަލްސާ ބާއްވައި އުމަރު ވަނީ ބޮޑެތި ތުހުމަތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށް ވިދާޅުވުމުގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ކުއްޖާއާ ޔާމީން ބައްދަލުކުރައްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން އުމަރު މާފަށް އެދެން އެންގުމުން މާފަށް ވެސް އެދިވަޑައެއް ނުގަތެވެ. އުމަރު ޕާޓީން ވަކިކުރީ އޭގެ ފަހުން އިސްލާހުވާން އެއް ހަފުތާގެ މުއްދަތު ދިނުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ