ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމުގެ ކައިވެންޏަށް 49 އަހަރު ފުރުމާއި އެކު އެކަން މާފުށީ ޖަލުގައި އިއްޔެ ފާހަގަ ކުރައްވައިފިއެވެ.
ރައީސް މައުމޫނާއި ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް 49 އަހަރު ފުރުން އިއްޔެ ފާހަގަކޮށްފައިވާއިރު، ރައީސް މައުމޫނާއި އެކު ސިޔާސީ އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރައީސް މައުމޫނާއި ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް 49 އަހަރު ފުރުން އިއްޔެ މާފުށީ ޖަލުގައި ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަސްރީނާއާއި ހަވާލާދީ ނާދިރާ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ރައީސް މައުމޫންގެ ދެކަނބަލުންނަށް ނިމިގެންދިޔަ 49 އަހަރަކީ ވަރަށް އުފާވެރި އަހަރުތަކެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.
މަންމާފުޅާއި ބައްޕާފުޅުގެ ކައިވެންޏަށް 49 ވަނަ އަހަރު ފުރިހަމަ ވުމާއި ގުޅިގެން ދޮށީ ދަރިކަނބަލުން، މި ސަރުކާރުގެ ކުރީގެ ހާރިޖީ ވަޒީރާ ދުންޔާ މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ "ބައްޕާފުޅާއި މަންމާފުޅު ވަކިން ދެ ތަނެއްގައި ތިބެންޖެހުމަކީ ހިތް ކުދިކުދި ވެގެންދާ ފަދަ ކަމެއް ކަމުގައި" ވިދާޅުވެފައެވެ. އަދި ރައީސް މައުމޫން އަވަހަށް މިނިވަންވެ އާއިލާ ކައިރިއަށް އެނބުރި ވަޑައިގަތުމަކީ ކުރައްވާ އެންމެ ބޮޑު އުއްމީދު ކަމަށްވެސް ދުންޏާ ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނާ މެދު މި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި، އަދި އެމަނިކުފާނުގެ ޒަވާޖީ ހަޔާތަށް 49 އަހަރު ފުރުން މާފުށީ ޖަލުގައި ފާހަގަކުރަން ޖެހުމުން އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް މައުމޫނަކީ "ގައުމުގެ ބައްޕަ" ކަމަށާ އެމަނިކުފާނު ކުޑަ ގޮޅިއެއްގައި ހުންނަވަން ޖެހިވަޑައިގަތުމަކީ، މުޅި ގައުމު ލަދުވެތި ވާންޖެހޭކަމެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. އަދި މިއަދު ރާއްޖެ ދެކެމުން މިދާ ތަރައްގީއާއި ތަހުޒީބުގެ ހަގީގީ ބާނީ އަކީ ރައީސް މައުމޫން ކަމަށާ، އެފަދަ ޝަރަފުވެރި ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނެެއެވެ. މީގެ އިތުރުން 82 އަހަރުފުޅަށް ވުރެ ދޮށީ އުމުރުފުޅެއްގައި ރައީސް މައުމޫން ހުންނެވިއިރު، މި އުމުރުފުޅުގައި ރައީސް މައުމޫނާ މެދު މިފަދަ ދެރަ ގޮތަކަށް އަމަލުކުރަމުން ދާތީ ގިނަ ބަޔަކު އެކަން ކުށްވެރި ކުރެއެވެ.
ކައިވެންޏަށް 49 އަހަރު ފުރުނުއިރު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ރައީސް މައުމޫން ތަންފީޒު ކުރައްވަމުން ގެންދަވަނީ، ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ ދައުލަތުން އުފުލި "އަދުލު އިންސާފަށް ހުރަސްއެޅުމުގެ ދައުވާ" ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކަށެވެ.
ނަސްރީނާއާ މައުމޫން އެނިވަރސަރީ ފާހަގަކުރެއްވީ ޖަލުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ