ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުފާނަށް ހުށައަޅައިފިއެވެ.
މައުމޫންގެ ގާނޫނީ ވަކީލުން ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
މިދައުވާ ރައީސް މައުމޫންގެ މައްޗަށް އުފުލީ މިދިޔަ ފެބްރުއަރީ މަހު ރައީސް މައުމޫން ހައްޔަރުކުރުމަށްފަހު އެމަނިކުފާނުގެ ފޯނު ދޭން އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމުގެ އިތުރަށް އެމަނިކުފާނަށް ދީނީ ނަސޭހަތް ދިނުމަށް ދީފައިވާ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ރައީސް މައުމޫންގެ އިތުރަށް ކުރީގެ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދުގެ މައްޗަށްވެސް މި ދައުވާ އުފުލާ މައްސަލަ ވަނީ ސާބިތުވާކަމަށް ނިންމާފައެވެ.
މިމައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިން ހެކި ބަސް ނަގާފައިވާއިރު ދައުވާ ލިބޭ ބޭފުޅުންގެ ދިފާއީ ހެކިންގެ ހެކި ބަސް ނުނެގުމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ކުރިން ވަނީ ނިންމާފަ އެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ރައީސް މައުމޫން ހައްޔަރުކުރުމަށް ދިޔަ ދެ ފުލުހަކާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ދިޔަ ދެ ފުލުހުންގެ އިތުރުން ސިއްރު ހެއްކެކެވެ.
ރައީސް މައުމޫން ހައްޔަރުކުރުމަށް ދިޔަ ފުލުހުން ހެކިބަސް ދެމުން ބުނެފައިވަނީ ރައީސް މައުމޫނުގެ ފޯނު ހަވާލުކުރުމަށް އެންގުމުން އެވަގުތު ފޯނު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ބަލާފާސްކުރުމުން ވެސް ފޯނު ނުފެނުނު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ދިޔަ ފުލުހުން ބުނެފައިވަނީ ފޯނު ހަވާލުކުރުމަށް ދެ ފަނޑިޔާރުން ވެސް އިންކާރުކުރެއްވި ކަމަށެވެ. އަދި އެ ދެ ފަނޑިޔާރުން ހައްޔަރުކުރަން ދިޔަ ފުލުހުންނަކީ ގާނޫނާ ޚިލާފުވެފައިވާ ކުށްވެރިންތަކެއް ކަމަށާއި ކުށްވެރިންނާ ކުރާނެ އެއްވެސް މުއާމަލާތެއް ނެތް ކަމަށް ދެ ފަނޑިޔާރުން ވިދާޅުވި ކަމަށެވެ. އަދި ސުޕްރީމް ކޯޓު ބަލާފާސްކުރުމުން ވެސް ފޯނު ފެނިފައިނުވާ ކަމަށް ބުނެ ހެކިބަސް ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ