ރިޓަޔަރމަންޓް ޕެންޝަނަށް ގެންނަ ބަދަލުގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ބޭއްވުން!

އަމިއްލަ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވެންސް ނުލިބޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވަނީ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ނަހަމަކަން ނައްތާލަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޕެންޝަން ނިޒާމު އެއްހަމަކޮށް ބައެއް މުވައްޒަފުންނަށް ދެ ޕެންޝަން ނުލިބޭ ގޮތަށް ބަދަލުކުރުމަށް މާކުރިންވެސް ސަރުކާރަށް ލަފާ ލިބިފައިވާ ކަމަށެވެ.
އެގޮތުން، 2015 ވަނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވެސް ޕެންޝަން ނިޒާމު ހާމަނައިޒްކޮށް، ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ޕެންޝަން ނިޒާމު ބައްޓަން ކުރުމަށް ލަފާދީފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއް ނެތި ހިންގާ ސްކީމަކީ އިންސާފުވެރި ނިޒާމެއް ނޫން ކަން ފާހަގަކޮށް، ފިނޭންސުން ބުނީ މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދާއިމަށް ނަހަމަކަން އުފެދިގެންދާނެ ކަމަށެވެ. އަދި މި ނިޒާމު ބައްޓަންކޮށްފައި ވަނީ އެހެން ރައްޔިތުންނަށް ނުލިބޭ މަންފާތަކެއް ލިބޭގޮތަށް ކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ނިންމާފައިވަނީ 1 ޖެނުއަރީ 2025 އިން ފެށިގެން ރިޓަޔާ ކުރާ މީހުންނަށް ގަވާއިދުން މަހުން މަހަށް ފައިސާ ދޭ ނުލިބޭނެ ކަމަށެވެ. ނަމަވެސް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރިޓަޔާ ކުރާ ފަރާތްތަކަށް މިހާރުވެސް ލިބެމުންދާ ގޮތަށް ދެ ޕެންޝަން ލިބޭނެއެވެ.
ފިނޭންސުން މައުލޫމާތު ދިން ގޮތުގައި އެއްފަހަރާ ޕެންޝަން ދިނުމަށް ދައުލަތުން މިދިޔަ އަހަރު 46.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު 45.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަހުން މަހަށް ދޫކުރާ އަދަދުގެ ގޮތުގައި 2023 ވަނަ އަހަރު 286.7 މިލިއަން ރުފިޔާ، މި އަހަރު 339.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ