ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

18 ވަނަ ބަޔާ ގުޅޭ
"ނަދާލް؟" އައިލީންގެ އަޑު ނުކުތީ ކިރިޔަކިރިޔާ އެވެ. ނަދާލްއަށް އެ އަޑު އިވޭނެކަމަކަށްވެސް އައިލީން ހިއެއް ނުކުރެ އެވެ. ނަމަވެސް އެ އަޑަށް އިޖާބަދީ ނަދާލް ފަސްއެނބުރި ބަލައިލިތަން ފެނުމުން އެ އަޑު ނަދާލްއާ ހަމައަށް ވާސިލްވެއްޖެކަން އައިލީންއަށް ޔަގީންކުރެވުނެވެ.
އައިލީންގެ އަޑު އިވުނުހެން ހީވި ދިމާލަށް ނަދާލް ބަލައިލީ އެއްވެސް ހާލެއްގައި އައިލީން އެތަނުގައި ހުރެދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް އައިލީންގެ އަޑު ނީވޭ ހަމަ އެންމެ ދުވަހެއްވެސް ނުދެ އެވެ. އައިލީންގެ ލުއި ހުނުމުގެ އަޑެވެ. ނިކަން ލޯބިން އޭނާއަށް ގޮވައިލާ އަޑެވެ. އޮފީހުގައި އިނަސް ގޭގައި ހުއްޓަސް އެ އަޑުތައްވަނީ އޭނާގެ ސިކުނޑި ވަހުމުތަކެއްގެ ޝިކާރައަކަށް ހަދާލައިފަ އެވެ. މިފަހަރުވެސް އޭނާ ފަސް އެނބުރި ބަލައިލީ އެ އިވުނު އަޑަކީ ވަހުމެއް ކަމަށް ހީކޮށެވެ. ނަމަވެސް މިފަހަރު އައިލީން އެހެރީ އޭނާގެ ލޯކުރިމަތީގަ އެވެ. ޝަކުވާއިން ފުރިފައިވާ އެ ރީތި އެދެލޮލުން އޭނާއާ އެތައް ހާސް ސުވާލެއް ކުރަމުންދިޔަ އެވެ.
"ނެޑް… ކާކު އެއީ؟ ދަންނަ ކުއްޖެއްތަ؟" އިޒްކާގެ ސުވާލާއެކު ނަދާލްއަށް ހަމަބިމަށް އާދެވުނެވެ. ޖަޒުބާތުގެ ކުރިއަށް ބުއްދި އިސްކުރަމުން އޭނާ ނިކަން އަވަހަށް ދެން ކަންތައް ކުރާނެ ގޮތަކާމެދު ވިސްނައިލި އެވެ.
"އާން މިއީ… ބޭބް ދޭބަ އެތެރެއަށް އެނގޭ.. އެބަ އަންނަން" އިޒްކާގެ އަތުން ދޫކޮށްލުމަށްފަހު ނަދާލް ލަސް ހިނގުމެއްގައިގޮސް އައިލީންގެ ގާތަށް ހުއްޓުނެވެ.
"ލޫނާ؟ މިތާ ކީއްކުރަނީ؟" ނަދާލް ގަދަކަމުންކަހަލަ ގޮތަކަށް އައިލީންއަށް ހިނިތުންވެލުމަށްފަހު ހަމަޖެހޭގޮތް ދައްކައިލުމަށްޓަކައި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލި އެވެ. އައިލީން ހަމަ ހައިރާންވި އެވެ. ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު ނަދާލްއަށް އެހާ އާދައިގެ ރާގެއްގައި އެ ސުވާލު ކުރަން ކެރުނީ ކިހިނެއް ހެއްޔެވެ؟
"މިއީ މައި ހޯދަންވެގެން. ނަދާލްވެސް އުޅެނީ މިގޭގަ ދޯ.. ހަނދާން ނެތުނީ.. ވަރަށް ބެލިން ގުޅޭތޯ.. ކީއްވެ ފޯނަށް ނުގުޅެނީ؟ ދެންމެ އެތާ ހުރީ ކޮންކުއްޖެއް؟" އައިލީން ކުރީ ސީދާ އޭނާގެ ހިތުގައި އޮތް ސުވާލެވެ. އެކަން ވާނީ އެހެންކަން ނަދާލްއަށް މާ ކުރިންވެސް އެނގެ އެވެ. ނަދާލް އިތުރަށް އޮޅުވާލާކަށް ބޭނުމެއްނުވި އެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އައިލީންއަށް ގޮވައިލި އެވެ.
"ލޫނާ.. މިއީ އަހަރެން ލޫނާގާތު ދައްކަން އުނދަގޫ ވެގެން އުޅުނު ވާހަކައަކީ.. އިޒޫ.. އެއީ އަހަރެންގެ ގަރލްފްރެންޑް.. މިބުނީ.. ފިއާންސީ.. ސިންސް 3 އިޔަރޒް އެގޯ. ވީ އަރ ގެޓިންގް މެރީޑް.. ކާފަ ނިޔާވުމުގެ ދުވަސްކޮޅެއްކުރިން ކައިވެނި ހަމަޖެހުނީ" ނަދާލް އެއްވެސް އުނދަގުލަކާނުލައި ދައްކަމުންދިޔަ ވާހަކަތައް އައިލީންއަށް އިވެމުންދިޔައީ ހޮނު ގުގުރިއެއްހާ ބިރުވެރި އަޑުތަކެއްގެ ގޮތުގަ އެވެ. ނުރޯން ހިތްވަރުކުރިނަމަވެސް ލަގޮނޑިއަށް ބާރުކުރަމުންދިޔައީ އިންތިހާއަށެވެ.
"ޔޫ.. ޔޫ އަރ ޖޯކިންގް ރައިޓް؟ ނަދާލް.. އެއްވެސް މަޖަލެއް ނޫން އެނގޭ" އައިލީން އަދިވެސް ގަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ. ނަމަވެސް ނަދާލްގެ ހިމޭންކަމުން އައިލީން ހޯދަމުންދިޔަ ޖަވާބު ލިބުނެވެ.
އައިލީންގެ ރުއިމާއި ޝަކުވާގެ އަޑުއަހަން ތައްޔާރުވެގެންހުރި ނަދާލްއަކަށް އެއިން އަޑެއް ނީވުނެވެ. ދެލޮލުގެ ތެރެއަށް ބޮނޑިވެފައިވި ކަރުނަތައް އައިލީންގެ ކޯތާފަތް ތެންމައިލީ ހިމޭންކަމާއެކުގަ އެވެ. ޝަކުވާގެ އަޑެއް ނުވަތަ ގިސްލުމުގެ އަޑަކާވެސް ނުލަ އެވެ.
"ލޫނާ އައި.. އަހަރެން ލޫނާއަކަށް ދޮގެއް ނަހަދަމެއްނު.. އަހަރެން ބުނީމެއްނު އަހަރެން ލޫނާއާ ވާހަކަދައްކާ ގުޅުން ބަދަހިކުރީ އެއްވެސް ވަރަކަށް ކަންތައްތައް މިހިސާބަށް ހިނގައިދާނެކަމަށް ވިސްނައިގެނެއް އެ ނިޔަތުގައެއް ނޫނޭ.. އައި ޖަސްޓް ވޯންޓަޑް އަ ފްރެންޑް ފޯރ އަ ފިއު ޑޭޒްއޭ.. ބުނީމެއްނު؟" ނަދާލް އަމިއްލަ ނަފްސު ދިފާއުކުރި އެވެ.
"އެކަމަކު ނަދާލްއެއްނު ބުނީވެސް… އަހަރެންނާއެކު ހޭދަކުރެވުނު އެއްވެސް ވަގުތެއް ރިގްރެޓެއް ނުކުރަމޭ" އައިލީން ބުންޏެވެ.
"ޔެސް.. އައި ޑޯންޓް" ނަދާލް ދެންވެސް ބުންޏެވެ.
"އެންޑް ޔޫ ޓޯލްޑް މީ… ޔު ސީ މީ އޭޒް މޯރ ދޭން އަ ފްރެންޑް؟"
"އައި ޑޫ" ނަދާލް އިސްޖަހައިލި އެވެ. ހަގީގަތުގައިވެސް އޭނާއަށް އައިލީންއާމެދު ދެކެވެނީ ރައްޓެއްސަކަށްވުރެން ގާތްކޮށެވެ.
"ދެން.. ދެން ކީއް- އަޅާނުލާ.. އަހަރެންނަކަށް ޝަކުވާ ކުރުމުގެ ހައްގެއް ނެތެއްނު؟ އަހަރެންނަށްވުރެން ބޮޑަށް އެ ހައްގު އޮތީ ނަދާލް ކައިވެނިކުރަން އުޅޭ ކުއްޖާއަށް.. ޔޫ ޗީޓެޑް އޮން ހަރ.. މިތަނުގަ އައިމް ދި އަދަރ ވުމަން. ދުރަށް ދާންޖެހޭނީ އަހަރެން" އައިލީންއަށް ކުށްވެރިއަކު ފަދައިން އިސްޖަހައިލެވުނެވެ.
"އައިމް ގްލޭޑް ވީ އެސްޓަބްލިޝްޑް ދެޓް. ލޫނާ ތިއީ އަހަރެންގެ ހަޔާތައް އައި ވަގުތީ މެހެމާނެއް. އެކަމަކު އިޒޫ.. އަހަރެންގެ މާޒީއަކީވެސް.. މިހާރަކީވެސް.. އަދި މުސްތަގްބަލަކީވެސް އިޒޫ.. އަހަރެންނަކަށް އިޒޫ ދޫކޮށްލެވޭކަށް ނެތް. ލޫނާއަށް އެވަރު ވިސްނޭނެކަމަށް އަހަރެން އުއްމީދުކުރަނީ"
ނަދާލްގެ ވާހަކަތަކަށް ރައްދުދޭން ކިތަންމެ ބޭނުންވި ނަމަވެސް އައިލީންގެ ދޫ އެކަމަކަށް މަސައްކަތެއް ނުކުރި އެވެ. އެ ބަސްތަކުގައިވި ދޮގެއް ކޮބައި ހެއްޔެވެ؟ ނަދާލް އޭނާއާމެދު އެ ދޭކޭގޮތް އޭނާއަށް ކުށްވެރިކުރެވެން އެބައޮތް ހެއްޔެވެ؟ ނަދާލްއާއި އޭނާގެ ގުޅުމަކީ އެއްވެސް ނަމެއް ދެވިފައިވާ ގުޅުމެއް ނޫނެވެ. އަމުދަކުން އެއީ އޭނާގެ ނުރުހުމުގައި ބޭއްވުނު ގުޅުމެއްވެސް ނޫނެވެ. ވިސްނުމެއްނެތި އެފަދަ ނަމެއް ނެތް ގުޅުމަކަށް ފުރުސަތު ދިނުމަށްފަހު އޭނާ ދެން މިހާރު ޝަކުވާކުރާނީ ކޮން ދުލަކުން ހެއްޔެވެ؟ އޭނާ ކުރާ އާދޭހަކުން ނަދާލްގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ. ނަދާލްގެ ނިންމުން ބަދަލެއް ނުވާނެ އެވެ. އޭނާއާއެކު ބޭއްވި ޖިސްމުގެ ގުޅުމަށްވުރެން ނަދާލްއަށް ހަމަގައިމުވެސް މުހިއްމުވާނީ ވާންއުޅޭ އަނބިމީހާއާއެކު އޮތް ލޯބީގެ ގުޅުމެވެ.
އައިލީން ގަދަކަމުންކަހަލަ ގޮތަކަށް އިސް އުފުލައިލިއިރު ނަދާލް ގެއަށް ވަނުމަށްޓަކައި އައިލީންއަށް ފަސްދީ ހިނގައިގެންފި އެވެ. ނަދާލްގޮސް ލޯމަތިން ގެއްލުނު ވަގުތު އައިލީންގެ ހުރިހާ ހިތްވަރެއް ނެތިގެންދިޔަ އެވެ. ގައިން ވަރު ދޫވެގެންކަހަލަ ގޮތަކަށް އައިލީންއަށް ފަހަތުގައިހުރި ފާރުގައި ލެގިލެވުނެވެ. ފޮތިފޮތި ވެގެންދިޔަ ހިތުން އޮހޮރެންފެށި ލޭ ކަރުނައިގެ އަސަރު އައިލީންގެ ދެލޮލުން ފާޅުވާންފެށި އެވެ. ކުދިކުދި ވެގެންދިޔަ ހިތުގެ ވޭނީ އާހުގެ އަޑު ގިސްލުމުގެ ސިފައިގައި ބޭރުވި ހިނދު މީހަކަށް އިވިދާނެކަމުގެ ބިރުގައި އަނގަމަތީގައި އަތް އެޅި އެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާއަކަށް ރުއިން ހުއްޓައެއް ނުލެވުނެވެ. މާ ދުރުނޫން ހިސާބެއްގައި ޕާކުކޮށްފައި އޮތް އަޅިކުލައިގެ ކާރުގައި އިން މައިޝާން ހަރަކާތްކުރަންފެށީ އެހިސާބުންނެވެ. ކާރުގެ ތެރެއިން ނެގި ދެތިން ޓިޝޫ އަތަށް ބޮނޑި ކޮށްލައިގެންހުރެ އޭނާ ކާރުން ފޭބި އެވެ. އަދި ލަސްހިނގުމެއްގައި އައިލީންއާ ދިމާލަށް ހިނގައިގަތެވެ.
"ދެޓް ޑިޑިންޓް އެންޑް ވެލް އައި ގެސް" ކައިރިން އިވުނު ބީރައްޓެހި އަޑުގެ ވެރިޔަކީ ކޮބައިތޯ ބަލައިލުމަށް އައިލީން އިސް އުފުލައިލި އެވެ. އޭރު އޭނާއާ ނުހަނު ގާތުން ފާރުގައި އެއްފައި ވިއްދާލައިގެންހުރި ފިރިހެނަކު ތުނބުގައި ޖަހައިގެންހުރި ސިނގިރޭޓެއް ރޯކޮށްލަނީ އެވެ. ހެޔޮވަރެއްގެ އިސްކޮޅަކާއި ރޫފައެއް ލިބިފައިވާ އެ ޒުވާނާގެ ބުޅި އިސްތަށިގަނޑު ކޮނޑާ ހަމައަށް ދިގުކޮށްލެވިފައިވާއިރު އެ ޒުވާނާގެ މޫނުމަތީގައި އޭނާ ދަންނަފާޑެއް ހުރީ ކީއްވެކަމެއް އައިލީންއަކަށް ނޭނގުނެވެ. އައިލީން ބަލައިލުމާއެކު އެ ޒުވާނާވެސް ބޯ އަރިކޮށްލައި ތަންކޮޅެއް ރަނގަޅަށް އައިލީންއަށް ބަލައިލި އެވެ.
"އައުޗް. ދެޓް ލުކްސް ރަފް" ރުއިމުގެ ސަބަބުން ރަތްވެފައިވާ އައިލީންގެ ނޭފަތާއި ދެލޮލަށް ބަލައިލަމުން މައިޝާން ބުންޏެވެ. އޭރުވެސް އައިލީންގެ ކޯތާފަތުގައި ތާޒާ ކަރުނައިގެ ނިޝާން ހުއްޓެވެ. އެކަން ފޮރުވުމަށްޓަކައި އައިލީން އިސްޖަހައިލިތަން ފެނުމުން މައިޝާންގެ އަތުގައި ބޮނޑިކޮށްފައިހުރި ޓިޝޫތައް އައިލީންއަށް ދިއްކޮށްލި އެވެ. "ވައިޕް ޔޯ ޓިއަރޒް. ދަ ސްޓްރީޓްސް ކޭން ބީ ކްރޫލް ޓު އަ ގަރލް ހޫ ޝޯޒް ހަރ ވީކްނަސް" އެތެރެއަށް ދަމައިލި ސިނގިރޭޓުގެ ދުންތައް ބޭރަށް ދޫކޮށްލަމުން މައިޝާން ބުންޏެވެ.
"ތެންކްޔޫ" އައިލީން އެ ޓިޝޫތަކުގައި ހިފަމުން ޝުކުރު އަދާކުރި އެވެ. އޭނާ މިވަގުތުހުރީ އެއްވެސް މީހަކާ ޖަދަލުކޮށް އެމީހެއްގެ އެހީއަށް ފުރަގަސްދެވޭފަދަ ހާލަތެއްގައެއް ނޫނެވެ. އަނެއްކޮޅުން މި ގޮތްނޭނގޭ ޒުވާނާ މި ބުނީވެސް މުޅިއަކު ދޮގު ވާހަކައެއް ނޫނެވެ. އަންހެންކުއްޖެއްގެ ނިކަމެތިކަން ފެނިއްޖެނަމަ އެކަމުގެ ފައިދާނަގަން އަވަސްވެގަންނާނެ އެތައް ބަޔަކު މި ކުޑަ ކުޑަ ޝަހަރުގައިވެސް އުޅޭނެ އެވެ. އޭނާއަށް 'އެހީތެރިވުމަށް' އައި ޒުވާނާގެ ގޮތެއްވެސް އައިލީންއަކަށް ނޭނގެ އެވެ. ނަމަވެސް އެވަގުތު އެ ޒުވާނާއަށް އިތުބާރު ކުރުމަށް އޭނާގެ ޟަމީރު ބާރު އަޅަމުންދިޔަ އެވެ. ރުއިން ހުއްޓައިލެވޭތޯ މަސައްކަތްކުރި އެވެ.
"ނެޑް ހޯދަންތަ ތި އައީ؟" މައިޝާންގެ ފަރާތުން އިވުނު ފުރަތަމަ ސުވާލާއެކު އައިލީންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެކަން މައިޝާންއަށް ފާހަގަވީ ކަންނޭނގެ އެވެ. އޭނާ އަމިއްލައަށް އިސްނަގައިގެން އެ ސުވާލުކުރި ސަބަބު އައިލީންއަށް އޮޅުން ފިލުވައިދޭންފެށި އެވެ.
"ޑޯންޓް ވޮރީ.. އަހަރެން މިއީ ނެޑްގެ ކަޒިންއެއް. މައިޝާން ކިޔަނީ.. އަންހެން ކުއްޖަކު އެކަނި ހުރީތީއޭ ކިޔާފަ ވާހަކަދައްކަން އައި ރޭންޑަމް ކްރީޕެއް ނޫން. ދެންމެ ނަދާލްއާ ވާހަކަ ދައްކަން ހުރެފަ ތި ކުއްޖާ ރޯން ފެށިތަން ފެނުނީމަ.. ނެޑްގެ ދޮށީ ބޭބެއެއްގެ ހައިސިއްޔަތުން.. އަހަރެންނަށް އަހާލެވިދާނެ ދޯ ތި ކުއްޖާއާ ނެޑްއާ ދޭތެރޭގަ އޮތީ ކޮން ގުޅުމެއްތޯ؟" މައިޝާން އަހައިލި އެވެ.
"ނަދާލްއަކީ ރައްޓެއްސެއް.. ދެން މިވަގުތު ދަނީ" އައިލީން ހިނގައިގަތީ އެތަނުން ދުރަށް ދިޔުމަށެވެ. މައިޝާންއާ މާ ގިނަ ވާހަކަ ހިއްސާކުރަން އޭނާ ބޭނުން ނުވީ އެވެ. ނަމަވެސް އައިލީންއަށް ދެ ފިޔަވަޅު ހަމައަށް ނޭޅެނީސް މައިޝާން އައިލީންގެ އަތުގައި ހިފެހެއްޓި އެވެ. އަދި ތުނބުގައި އޮތް ސިނގިރޭޓަށް ފަހު ފަހަރު ދަމާލައި ދުންތައް ދޫކޮށްލުމަށްފަހު ފިލްޓަރު ދުރަށް އެއްލާލައިފައި އައިޒް އައިލީންގެ ކުރިމައްޗަށް ހުއްޓުނެވެ. "ކޮން ނަމެކޭތަ ބުނީ؟"
"އައިލީން" މީގެ ކުރިން މައިޝާންގާތު ނަން ބުނެފައި ނުވި ނަމަވެސް އައިލީން ޖަވާބުދިނެވެ. މައިޝާންގެ އަމަލުތައް ހުރިގޮތުން އޭނާގެ ހިތުގައި ހިސާބެއްގެ ބިރުވެރިކަމެއް އުފެދިއްޖެ އެވެ. ޖެހިލުންވެފައިހުރެ ފަހަތަށް އަޅައިލި ފިޔަވަޅު އެކަމުގެ ހެއްކެއްގެ ގޮތުގައި ފުދެ އެވެ.
"އައިލީންގެ މޫނުމަތިން އެކަނިވެސް އެނގޭ ނަދާލްއަކީ ހަމައެކަނި ރައްޓެއްސެއް ނޫންކަން. އައިލީންއަށް އެނގޭދޯ ނަދާލް މީހަކާ އިންނަން އުޅޭކަން.. އަހަރެން މި ވާހަކަ ބޮޑުބޭބެއާ ހިސާބަށް.. ނޫނީ އިޒޫގެ އާއިލާއާ ހިސާބަށް ގެންދި-"
"ނޯ ނޯ ނޯ. ޕްލީޒް" މައިޝާންގެ ވާހަކަ މުޅިން ފުރިހަމަ ނުކުރެވެނީސް އައިލީން ބުންޏެވެ. އިޒްކާއާމެދު މިހާރުވެސް އޭނާގެ ހިތް ހަމްދަރުދީއިން ފުރެމުންދިޔައިރު ނޭނގިނަމަވެސް އެ އަންހެންކުއްޖާގެ ދިރިއުޅުން ހަލާކު ކޮށްލެވިއްޖެކަމުގެ ލަދު އައިލީންއަށް އިހުސާސްވަމުން ދިޔައީ ހިތުގައި އަޅަމުންދިޔަ ވޭނަށްވުރެވެސް މާ ބޮޑަށެވެ. އިތުރަށް އެ ދިރިއުޅުމާ ގާތްވާކަށް އައިލީން ބޭނުމެއްނުވެ އެވެ. "މިއަދު މި ހިނގައިދިޔަ ކަންތައް ސިއްރު ކޮށްދީ.. އަހަރެން.. އަހަރެން އައީ ނަދާލްއާ މީޓް ކުރާކަށް ނޫން. މައި މި ގޭގަ އުޅޭތީ.. މައި އާ މީޓް ކޮށްލަން" އައިލީން ބުންޏެވެ.
"މައި މިއަދު މެލޭއަށް ފުރައިފި. ހަމަސްފަހުން، ދެން އެންމެ އަވަހަށް އަޔަސް އަންނާނީ" މައިޝާންގެ ވާހަކަ އެހިސާބަށް ދިޔައިރު އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިކަމީ އައިލީންގެ ނަސީބެވެ. ސަބަބަކީ އެ ފޯނު ރިންގުވާން ފެށުމާއެކު މައިޝާންގެ ސަމާލުކަން އައިލީންއަށް އެކީ ގެއްލުމެވެ. އޭނާ ފޯނު ކަންފަތުގައި ޖަހައިގެންހުރެ އަވަސްއަވަހަށް ދުރަށް ހިނގައިގަތުމުން އައިލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އައިލީންވެސް އިތުރަށް އެތަނުގައި މަޑު ކުރުމުގެ ހިޔާލެއް ނުގެން ގުޅުނެވެ. އެދެމީހުންނަށް ނޭނގުނު ކަމަކީ އޭރު އެދެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވަމުންދިޔަ މީހަކު ހ. ފްލޮރެންސްގެ 4 ވަނަ ފަންގިފިލާގެ ބެލްކަންޏެއްގައި މަޑުކޮށްލައިގެން ހުރިކަމެވެ.
"ބޭބް؟ މިތާ ދޯ ތިހިރީ؟ މަންމަ ގޮވި އަޑުވެސް ނީވޭ ދޯ؟" ބެލްކަނީގައިހުރި އިޒްކާގެ މެދުހަށީގައި އެއް އަތް އަޅުވައިލައި ގާތަށް ދަމައިލަމުން ނަދާލް ބުންޏެވެ.
"ނެޑް؟ ކާކުތަ އެއީ؟ އެކުއްޖާ ހާދަ ވަރަކަށް ރޮއެފިޔޭ" އިޒްކާ ދައްކައިލީ އެ މަގުގެ ކަންމަތިން ގޯޅި އެޅި އައިލީން އެވެ.
"އެއީ.. މީ.. އަމްމް.. އެއީ މައި ހޯދަން އައި ކުއްޖެއް. މައިގެ ރައްޓެއްސެއް. އަހަރެން ބުނިން މައި ފުރައިފިއޭ.. އެހެން ބުނީމަ މާ ބޮޑަށް ދެރަވީ ކަމަށް އެ ވާނީ" ނަދާލް އަވަސް އަވަހަށް ބުނެލި އެވެ.
"އެހެންތަ؟" ނަދާލްގެ ވާހަކަ ގަބޫލުކުރަން ބޭނުންވިޔަސް އިޒްކާގެ ހިތުގައި އަދިވެސް ވަނީ ނުތަނަވަސްކަމެވެ.
"ޔާހް.. ޝޭލް ވީ؟" ގޭތެރެއަށް ވަނުމަށް އިޝާރާތްކުރާ ފަދައިން އެއް އަތް ދަމައިލަމުން ނަދާލްގެ މޫނުމައްޗަށް އޮމާން ހިނިތުންވުމެއް ވެރިކޮށްލި އެވެ. ނަމަވެސް އިޒްކާ ގޭތެރެއަށް ވަނުމާއެކު ނަދާލްގެ މޫނުމަތިން އެ ހިނިތުންވުން ފިލައިދާކަށް ސިކުންތެއްވެސް ނުނެގި އެވެ. ކަންބޮޑުވެފައިހުރެ އައިލީން ދިޔަ ދިމާލަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޭނާވެސް ގޭތެރެއަށް ވަނެވެ.
----
ޓީވީއިން ޖަހާފައިހުރި ހިޕްހޮޕް ލަވައިގެ އަޑު ކޮޓަރި ތެރޭގައި ހިފާލާފައިވާއިރު އެނދުގައި އިން ކިޔާރާގެ ދިޔައީ ލަވައިގެ ހަމައާ އެއްވަރަށް ބޯ ޖަހަމުން، ފޯނުގެ ސޯޝަލްމީޑިއާ މަންސަތައް ހާވަމުންނެވެ. އޭނާގެ ކައިރީގައި އާވި އަރަމުންދިޔަ ކަޅުކޮފީ ތައްޓެއް ބަހައްޓާފައިވެ އެވެ. އިރު އިރުކޮޅާ ތުނބުގައި ޖަހާލައިފައި އޮތް ސިނގިރޭޓުގެ ދުންތައް ބޭރުކޮށްލުމަށްފަހުން އެ ކޮފީތަށިން ކޯވަރެއް ދަމައިލަ އެވެ. ލައިގެންހުރި އަތް ކަނޑާފައިވާ ކަޅު ޓީޝާޓުކޮޅާއި ހުދުކުލައިގެ ސޯޓުގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައެއް ހާމަވާން އޮތް އިރުވެސް އޭސީގެ ފިނިން އޭނާއަށް މާ ބޮޑު އަސަރެއް ނުކުރާ ކަހަލަ އެވެ. އޭނާ އިންތިޒާރު ކުރަމުންދިޔައީ މައިޝާން އަންނާނެ އިރަކަށެވެ.
"ބޭބް.. އައިމް ބެކް" މައިޝާންގެ އަތުގައިވާ ކޮތަޅުތައް ދޮރާ އިންވެގެންހުރި މޭޒުމަތީގައި ބަހައްޓައިލަމުން ގޮވައިލި އެވެ. ސައިޑު ކަބަޑުމަތީ ބަހައްޓާފައިހުރި އަޅިކެނޑީގެ ތެރެއަށް ސިނގިރޭޓު ނިވައިލުމަށްފަހު ކިޔާރާ ކުޑަކޮށް ދުވެލާފައިގޮސް މައިޝާންގެ ގާތަށް ހުއްޓިލި އެވެ.
"ކޯއްޗެއް ގެނައީ؟" މައިޝާން ގެނައި ކޮތަޅުތައް ހާވަމުން ކިޔާރާ އަހައިލި އެވެ.
"ބޭބްގެ ފޭވްރިޓް. ބީފް ޝަވަރްމާ. ދެން ކޯކާއި ފެންވެސް ގެނައިން" ލައިގެންހުރި ގަމީސް ބައިލައި ކޮނޑެއްގައި އަޅުވައިލަމުން މައިޝާން ބުންޏެވެ.
"އޯ ބޭބް.. ޔޫ އަރ ދަ ބެސްޓް!" ކިޔާރާ ނިކަން އުފާވެލައިފައި ގޮސް މައިޝާންގެ ގައިގައި އޮޅުލައިގަންނަމުން މައިޝާންގެ ކޮލަށް ދޮނެއް ދިނެވެ.
"މިގަޑީގަތަ ކަނީ؟ އަހަރެން އަދި އެހާ ބަނޑުހައެއް ނޫން" މައިޝާން ބުންޏެވެ.
"ބަނޑުހައި ކޮށްލަންވީތަ؟" މައިޝާންއާ އިތުރަށް ގާތްވެލަމުން ކިޔާރާ އަހައިލި އެވެ.
"ޔެސް މޭމް" ކިޔާރާއެކު އެނދުމައްޗަށް ވެއްޓިގަންނަމުން މައިޝާން ބުންޏެވެ. އިސާހިތަކު ޓީވީން ޖަހާފައިހުރި ލަވައިގެ އަޑާއެކުވެ މުޅި ކޮޓަރިތެރެއަށް ފާއްދައިލީ ކިޔާރާގެ ހުނުމުގެ އަޑެވެ.
"ހްމްމް އަދި ހަނދާން ނެތިފައޭ މިހިރީ. މިއަދު ދިމާވި ވަރަށް ފާޑެއްގެ ކަމަކާ" މައިޝާން ބުންޏެވެ. ބައި ގަޑިއެއްހާއިރު ފަހުން އެ ދެމީހުން ކޮޓަރީގެ ތަޅުންމަތީގައި އިށީނދެ ތިބިއިރު އެ މީހުންގެ އަތުގައި މައިޝާން ގެނައި ކާއެއްޗެހި ހުއްޓެވެ.
"މިއަދު ގެ ކައިރިން ފެނުނު ފާޑެއްގެ ބޯ ބުޅި އަންހެންކުއްޖެއް. ހުތުރެކޭ ނުބުނެވޭނެ. ނެޑްއާ ވަރަށް ގާތްކޮށް ވާހަކަދައްކަން ހުއްޓާ ފެނުނީ.. ދެން އެހެން ހުރެފަ ނެޑް ބުނި ކޮންމެވެސް އެއްޗަކުން މީނަ ކުއްލިއަކަށް ރޯން ފަށައިފި. ހާދަ ގަދައަށޭ ރުއީ" މައިޝާން ބުންޏެވެ.
"ދަންނަ ކުއްޖެއްތަ؟" ބިންމަތީގައިހުރި ކޯކުފުޅި ނަގައި އަނގަޔަށް އަރިކޮށްލަމުން ކިޔާރާ އަހައިލީ އާދައިގެ ރާގެއްގަ އެވެ.
"ނޫން. އަހަރެންވެސް ކުޑަކޮށް ވާހަކަ ހޯދާލެވޭތޯ ގޮސްފަ މަސައްކަތް ކޮށްލިން.. އެކަމަކު އެކުއްޖާ މާ ބޮޑު އެއްޗެކޭ ނުބުނި. މައި ހޯދަން އައިސްފައޭ ބުނީ" މައިޝާން ޖަވާބު ދިނެވެ.
"މައި ހޯދަން؟ ހެއް. މައިޝާންއަށް ނޭނގޭ މައިގެ ރައްޓެއްސެއް ހުރޭތަ؟" ކިޔާރާ ފާޑަކަށް ހެވިފައި އިނދެ އަހައިލި އެވެ.
"ދެން އެ ހުރީތާ ދޯ؟ ފެމިލީ މީހަކަށްވެސް އެނގޭ ކުއްޖެއްހެން ހިއެއްނުވޭ.. ގެއަށް ވަންނާކަށްވެސް ނޫޅުނު ވިއްޔަ. އެކަމަކު ނެޑްއަށް އެ އެނގުނީތާ ދޯ.. އަހަރެންނަށް ހާދަ ހިއެއްނުވެޔޭ އެކަމަކު އެއީ ހަމައެކަނި ރައްޓެހިންހެން. ހާދަ ވަރަކަށޭ އެކުއްޖާ ރޮއެލާފަ ހުރީ.. ލޮލާ އެއްޗެހިވެސް ހުރީ ދުޅަވެފަ. އިޒޫއާއެކު ނެޑް ހުރިތަން ފެނިގެންހެން ހީވަނީ އެކުއްޖާއަށް އެ ވަރެއް އެވީ" މިފަހަރު މައިޝާން ބުނެލި ޖުމްލައާއެކު ކިޔާރާގެ ފުރިހަމަ ސަމާލުކަން އެ ވާހަކައަށް ދެވުނެވެ.
"ވެއިޓް؟ އަނެއްކާ ނަދާލްގެ ވަގު ބިޓެއްބާ؟ ލުކްސް ލައިކް ދަ ގުޑް ބޯއީ ހޭޒް އަ ޑަރޓީ ސީކްރެޓް.. ލޯބި އެކުއްޖާގެ ނަމެއް ނާހަންތަ؟" ކިޔާރާ އެއްސެވެ.
"ނޫން އެހިން.. ކޯއްޗެކޭ ތަ ބުނީ.. އާލާ.. އަލްޔާ… ނޫން.. އައިލީން. ޔެސް! އައިލީން އެކޯ ބުނީ." މައިޝާން ހަނދާންކޮށްލަމުން ބުންޏެވެ.
"މައިޝާން.. މައިއަށް ގުޅައިގެން ހޯދަބަލަ ތިއީ ކޮންރަށެއްގެ ނޫނީ މާލޭ ކޮން ގެއެއްގެ ކުއްޖެއްތޯ؟" ކިޔާރާ އަވަސްއަވަހަށް ބުންޏެވެ.
"އެ ކީއްކުރަން؟" މައިޝާނަކަށް ނުވިސްނުނެވެ.
"އެ ކީއްކުރަންހޭ؟ މައިގެ ރައްޓެއްސެއް.. ކުރިން ނުފެންނަ ރައްޓެއްސެއް.. އާއިލާއަށްވެސް ނޭނގޭ ރައްޓެއްސެއް… އެކަމަކު ނަދާލްއަށް އެނގޭ.. އިންފެކްޓް.. ނަދާލްއާ ވަރަށް "ގާތް" މައިގެ ރައްޓެއްސެއް ދޯ؟" މައިޝާންގެ ވާހަކައިން ދޭހަވި ކަންކަން ކިޔާރާ ހުލާސާ ކޮށްލި އެވެ. މައިޝާން އަދިވެސް އިނީ ކިޔާރާ ދައްކަން އުޅޭ ވާހަކައެއް ނޭނގިފަ އެވެ. "ދިސް ގަރލް ކުޑް ހޭވް ސަމް ޑަރޓް އަގައިންސްޓް ނަދާލް. ވީ ކުޑް ޔޫސް ހަރ އަގައިންސްޓް ހިމް.. މައިޝާންގެ އާއިލާގެ ކުރިމަތީގަ ނަދާލް އެ އަޅައިގެން އުޅޭ މައުސޫމުކަމުގެ މޫނުމަތި ނަގައި އެމީހުންގެ ވިސްނުން މައިޝާންއާ އެއްކޮޅަށް އަނބުރާލާނެ ކުޑަވެސް ފުރުސަތެއް އޮތިއްޔާ އަހަރުމެން ވާނެއެއްނު އެ ފުރުސަތުގެ ބޭނުން ހިފަން" ކިޔާރާ ބުންޏެވެ.
"އަހަރެންނަކަށް ނޭނގޭ ކިޔާ ތި ދައްކާ ވާހަކައެއް" މައިޝާންއަކަށް އަދިވެސް ނޭނގުނެވެ.
"މައިއަށް ގުޅާބަލަ.. މިހާރު ފްލައިޓް ޖައްސަފާނެ އެކޮޅުގަ. މައިޝާން ވިސްނާނެކަމެއް ނެތޭ.. އަހަރެން ބުނާގޮތަކަށް ކަންތައް ކުރީމަ ހުންނާނީ ބަރާބަރަށް" ކިޔާރާ ގޮތްދޫނުކުރުމުން މައިޝާން އެންމެފަހުން ފޯނު ނަގައި މައިރާގެ މެލޭޝިޔާ ނަންބަރަށް ފޭސްޓައިމް ކޯލެއް ކުރި އެވެ.
"ހާއި ދޮންބޭ. ޖަސްޓް ލޭންޑެޑް. ކާރުގަ މީނީ ގެއަށް ދާން" މައިޝާން ސުވާލެއްވެސް ކޮށްލުމުގެ ކުރިން މައިރާ ކިޔައިދިނެވެ.
"އޯކޭއި.. މައި.. މައި ހޯދަން މިއަދު ކުއްޖެއް އައި ގޭދޮށަށް.. އައިލީން ކިޔާ ކުއްޖެއް.. ކޮން ކުއްޖެއްތަ އެއީ؟" މައިޝާން ދިޔައީ ސީދާ މައުލޫއަށެވެ.
"އޯހް. ލީންތަ؟ މައި މި ފަހުން ދިޔައިމެއްނު ރަށެއް… އެ ރަށުން ދިމާވި ރައްޓެއްސެއް އައީ.. މާލެ އައިސްފަ ގެކައިރިއަށް އައިސްލީ ކަންނޭނގެ" މައިރާ ބުނި އަޑު އިވުނެވެ.
"އޯހް.. ނެޑް އާ ދެމީހުން ދިޔަ ޓްރިޕް ދޯ؟ އެހެންވެ ދޯ ނެޑްއާ ގާތީ" ކިޔާރާއަށް ބަލަންހުރެ މައިޝާން އާދައިގެ ގޮތަކަށް އަހައިލި އެވެ.
"ނެޑްއާ؟ އެހާ ގާތެއް ނުވާނެ.. މައި މެން މިކޮޅަށް ފުރަން އޮތް ރޭ ނެޑްއާ ލީންއާ ދިމާވި.. ކިހިނެއްވީ؟" މައިރާ އެއްސެވެ.
"ކަމެއްނުވޭ.. އެކުއްޖާ ނެޑްއާ ވާހަކަދެއްކިތަން ފެނުނީމަ އަހާލީ.. އޯކޭ ބާއްވަނީ އެނގޭ.. ޓެކް ކެއާރ ސިސް.. ލަވް ޔޫ" މައިޝާން ފޯނު ކަނޑައިލުމުގެ ކުރިން ބުންޏެވެ.
"ހެޕީ؟ ކިޔާ ބޭނުންވާ ވަރަށް މައުލޫމާތު ލިބިއްޖެ؟" މައިޝާން އެހެން އަހައިލުމުން ކިޔާރާ ހެވިފައި އިނދެ ބޯ ޖަހައިލި އެވެ. "ލީވް ދަ ރެސްޓް ޓު މީ. ކޮން ރަށަކަށޭތަ ބުނީ މައި މެން ދިޔައީ"
-----
އަނދިރިކަން ވެރިވެފައިވާ އެޕަރޓްމެންޓްގެ ސޯފާގައި އޮށޯވެލައިގެން އޮތް ނަދާލް ވަނީ ފުން ހިޔާލަކަށް ގެއްލިފަ އެވެ. މަސައްކަތުގެ ބުރަ ދުވަހަކަށް ފަހުގައި ފިނި ކޮޓަރީގެ ބޮޑު އެނދުގެ ބޯ ރަޖާ ދަށުގައި އަރާމުކަންމަތީ ނިދައިލަން ދިޔުމުގެ ވިސްނުމެއް އޭނާގެ ނެތް ކަހަލަ އެވެ. ގެއްލިފައިވާ އޭނާގެ ނިންޖާއި ގުޅިފައިވަނީ އައިލީންގެ ހިޔާލުތަކެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އައިލީންގެ ކަރުނަވީ ދެލޯ ކުލަވެގެންދާގޮތުން އޭނާހުރީ އެސްފިޔަ ޖަހައިލަންވެސް ބޭނުން ނުވެފަ އެވެ. އަންހެންކުދިންގެ "ކޫސަނި" ޝަކުވާއާއި ފެން ކަރުނަތަކަކީ ބޮލުގެ ރިހުމެއްކަމަށް ދެކިގެން އުޅޭ ނަދާލްގެ ހިތާއި ހަށިގަނޑަށް އައިލީންގެ ކަރުނައިން އުނދަގޫތަކެއް ކުރުވަން ފަށައިފި އެވެ. ފޯނު ހިފައިގެން އޭނާ ބެލްކަންޏަށް ނުކުމެލީ މެންދަމުގެ ހިމޭންކަމުން އެ ނުތަނަވަސް ހިތަށް ތަސައްލީއެއް ލިބޭތޯ އެވެ. ނަމަވެސް އެއީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަން އިހުސާސްވީ އޭނާގެ ނަޒަރު މަގުގެ އަނެއްފަރާތުގައިހުރި ދުވާރަށް ހުއްޓުމުންނެވެ. މެންދުރު އައިލީން އެ މަގާމެއްގައި ހުއްޓިހުރި މަގާމަށެވެ. ލައިގެންހުރި ދޫ ނިދާ ހަރުވާޅުގެ ޖީބުން ފޯނު ނަގައި އޭނާއަށް އައިލީންގެ ނަންބަރާ ދިމާލަށް އަތް ހިންގައިލެވުނީ ބޭ އިޚްތިޔާރުގަ އެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެ ހިޔާލު ދޫކޮށްލުމަށްފަހު ހިޔާލުތަކުން މިންޖުވެލުމަށްޓަކައި ފޭސްބުކް ހާވަން ފެށި އެވެ. އެއާއެކު އިޒްކާގެ ކޯލެއް އޭނާއަށް އަންނާކަށް މިނެޓެއްވެސް ނުނެގި އެވެ. ވަރުބަލިވެފައިވާ ފަދައަކުން ނަދާލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި މަޖުބޫރުވެފައިވާ މީހަކު ފަދައިން ފޯނު ނަގައި ކަންފަތުގައި ޖަހައިލި އެވެ.
"ހައި ބޭބް.. އޮންލައިންގަ އިން ތަން ފެނިގެން މި ގުޅާލީ" އިޒްކާގެ އަޑުގައިވަނީ އުފާވެރިކަމެވެ.
"އިޒޫ އަދިވެސް ނުނިދަންތަ؟" ނިއްކުރީގައި އެއްއަތުން ފިރުމައިލަމުން ނަދާލް އެއްސެވެ.
"ހްމްމް. އަދިވެސް މި އުޅެނީ ރާއްޖޭގެ ގަޑިއަށް ނުހޭނިގެން.. ބޭބް ކީއްކުރަނީ ނުނިދާ.. އިޒޫ ތިކޮޅަށް ދަންތަ؟" އިޒްކާ އަހައިލި އެވެ.
"މިގަޑީގަ؟ އިޒޫ ދެން މިގަޑީގަ އަންނާނެ ކަމެއް ނެތް. އަހަރެންވެސް ނިދަން މިއުޅެނީ" ނަދާލް އަވަސްއަވަހަށް ބުންޏެވެ. މިވަގުތު އިޒްކާއާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.
"އޭރުވެސް އެނގޭ ނެޑް ބުނާނީ ތިހެންކަން. އިޒޫ މާ ބޮޑަށް މިސްވާތީ އެހެން އެހުނީ.. ސޮރީ.. ހިނގާބަ އެކަމަކު މާދަމާ ކޮންމެވެސް ތާކަށް ދާން.. ބްރެކްފާސްޓް އަކަށްވިޔަސް" އިޒްކާ އެދުނެވެ.
"ހްމްމް. ދިހައެއް ޖަހާލާއިރު ސައިބޯންދަމާ ދޯ.. ސީ ޔޫ ޓުމޯރޯ ބޭބީ" ނަދާލް ފޯނު ކުރުކޮށްލުމަށް އަވަސްވެގަތެވެ.
-----
އެއްބަސްވެވިފައިވާ ގޮތުގެ މަތިން ޖެހިގެން އައި ދުވަހުގެ ނާސްތާ ކުރުމަށްޓަކައި ނަދާލް އިޒްކާ ގޮވައިގެން ނޭޕަލްސް ކިޗަން ރޫފްޓޮޕް ރެސްޓޯރެންޓަށް ދިޔަ އެވެ. އެމީހުންގެ އިސްތިގްބާލުގައި ތިބި މުވައްޒަފުންނަށް ބޯ ޖަހައިލުމަށްފަހު އިޒްކާ ބޭނުންވިފަދައިން ކުޑަކޮށް އަވީގެ އަސަރު ފޯރާ މޭޒެއް ހޯދައިލަމުން އިށީނެވެ. ބޭނުންވާ ހުރިހާ އެއްޗަކަށް އޯޑަރު ދީފައި ހަމަޖެހިލި ވަގުތު ޖެހިގެންހުރި މޭޒުން އިވުނު އަޑާއެކު ނަދާލްގެ ހަށިގަނޑު އެކީ ހުއްޓުމަކަށް އައެވެ. އަޅައިފައިވާ އަވިއައިނު ލޮލާ ވަކިކޮށްލަމުން އޭނާ ތަންކޮޅެއް ރަނގަޅަށް އެ މޭޒުގައިތިބި މީހުނަށް ބަލައިލި އެވެ.
"އެނީތިންގް އެލްސް މޭމް؟"
"އަ ޖިންޖަރ ޓީ.. ތެންކްޔޫ" ވެއިޓަރު އަހައިލި ސުވާލަށް ހިނިތުންވުމަކާއެކު ޖަވާބުދިނީ އައިލީން ނޫން އިތުރު މީހެއް ނޫނެވެ. އެ ރެސްޓޯރަންޓް ފަރުމާކުރެވިފައި ވަނީ ޖާގަ ދަތި ނުވާނޭހެން ވީހާވެސް ދުރުދުރުގައި މޭޒު ބެހެއްޓިފައިވާ ގޮތަކަށް ކަމުން އެތަނަށް ވަދެގެން އައި އިރު އައިލީން އެތަނުގައި އިންކަން ރޭކައިނުލީ އެވެ. ނަދާލްއަށް ބުމަ ގޮށްޖަހައިލަމުން އައިލީންއާއެކު ނާސްތާ ކުރުމަށް މޭޒުގެ އަނެއްފަރާތުގައި އިން ފިރިހެންމީހާއަށް ބަލައިލެވުނެވެ. އެއާއެކު އޭނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެއީ އޭނާ ދަންނަ މޫނެކެވެ. އަދި އޭނާ ނޫނަސް އެހެން ދިވެހި ވިޔަފާރިވެރިންނާވެސް ބީރަށްޓެހި މޫނެއް ނޫނެވެ.
"ސިސްމެން ކޮބާތަ؟" ރާހިލް ކޮފީތަށި ރަހަބަލާލައިފައި މޭޒުމަތީގައި ބެހެއްޓި ވަގުތު އައިލީން އަހައިލީ ރާހިލްގެ އަނބިމީހާގެ ވާހަކަ އެވެ. އައިލީން މާލޭގައި ކިޔަވަން އައިސްހުރީ އެ ދެމަފިރިންގެ ގޭގައިކަމުން އައިލީންއާއި އެމީހުންނާ ދެމެދު ވަނީ ރަނގަޅު ގުޅުމެއް އުފެދިފަ އެވެ. އޭރު އައިލީން އެ ގޭގައިހުރީ އެ ދެމަފިރިންގެ ލޯބި ދެކުދިންނަށް "ނޭނީ" އެއްގެ ގޮތުގަ އެވެ.
"ޒީ އެނގެއެއްނު؟ ޒީމެން މިފަހަރު ރިސޯޓަށް ދިޔައިރު އެމީހުންނާއެކު ދާން ކުދިން ރޯންފެށީމަ އެމީހުން ގޮވައިގެން ގޮސް ވީ. އަހަރެންނަށް ހަމަ ބިޒީކަމުން ނުދެވުނީ. ވީ ހޭވް އޯވަރ އަ ޑަޒަން އޮފް ނިއު ކްލަޔަންޓްސް ދިސް ސީޒަން.." ރާހިލް ދެފަރާތަށް ބޯ ހޫރައިލަމުން އުލުގައި ޖަހައިލި ދޮންކެޔޮފޮތި އަނގަޔަށްލި އެވެ.
"ދެން ބޭބެ އެކަނި ދޯ މި ދުވަސްކޮޅު ގޭގަ ތި އުޅެނީ؟" ހިތަށް ވެރިވެގެންދިޔަ މާޔޫސްކަން ފޮރުވައިލަމުން އައިލީން އެއްސެވެ. މާލެ އައިސް ގެސްޓްހައުސެއް ހިފައިގެން ހުންނަން ޖެހޭތީ ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އޭނާގެ އަތުގައިހުރި ފައިސާ ދަނީ ހުސްވަމުންނެވެ. ނަމަވެސް މަލާމާތާއި ފުރައްސާރައިން ވަށައިލެވިފައިވާ އެކަނިވެރި ދިރިއުޅުމެއް އުޅެން ރަށަށް ދިޔުމަކީވެސް އޭނާއަށް އޮތް ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް ޝާވިންގެ ތެދުވެރި ހިތުގައި އޭނާގެ މައްޗަށް އުފެދިފައިވާ ލޯބި ރައްދު ނުކުރެވޭނެކަން އެނގިހުރެ ޝާވިންއާ ކުރިމަތިލާން ރަށަށް ދިޔުމަކީ އޭނާއަށް ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން އޭނާ ގަސްތުކޮށްގެން ހުރީ ވަކި ގޮތެއް ފެންނަންދެން ރާހިލްމެންގާތު އެ ގޭގައި މަޑުކުރުމަށެވެ. ނަމަވެސް ރާހިލްގެ އަންހެނުން މާލޭގައި ނެތް ދަނޑިވަޅަކު އެގޭގައި ހުންނަން ދިޔުމުގެ ހިޔާލެއް އޭނާގެ ނެތެވެ.
"ސިސް ގުޅާފަ ބުނީމައޭ އެނގުނީ ލީން މިކޮޅަށް އައިކަންވެސް. ލީންއަށް ކޮންމެހެންވެސް ކެއުމެއް ދެއްޗޯ ބުނީ.. އެކަމަކު އަހަރެންގެ ބިޒީކަމުން ހަމައެކަނި ބްރޭކްފަސްޓްއަކަށް ދޯ އާދެވޭވަރު މި ވީ. އަހަހަ. ސޮރީ އެނގޭ" ރާހިލް މާފަށް އެދުނެވެ.
"އެއީ އެހާވަރު ކަމެއްނޫން.. ލީންއަށް އެނގެޔޭ ބޭބެ ބިޒީވާނެކަން. ލީންއަށް އަސްލު އޯކޭ މިހާ ފޭންސީ ތަނަކަށް ނުގެނަޔަ-" ތައުރީފާއެކު ރެސްޓޯރަންޓުގެ އެތަން މިތަނަށް ނަޒަރު ހިންގައިލި އައިލީންގެ ވާހަކަ މެދުކެނޑުނީ ޖެހިގެން ހުރި މޭޒުގައި ތިބި އިޒްކާއާއި ނަދާލް ފެނުމުންނެވެ. އިޒްކާ ދައްކަމުންދިޔަ ވާހަކައަށް ނަދާލް ދޭތެރެއަކުން ބޯ ޖަހައިލި ނަމަވެސް އަޅައިފައިވާ އަވިއައިނުގެ ތެރެއިން ނަދާލްގެ ނަޒަރު އައިލީންއަށް ހުއްޓެމުންދާހެން އައިލީންއަށް ހީވީ ކީއްވެކަމެއް ނޭނގުނެވެ. އިސާހިތަކު އައިލީންއަށް ލިބުނު ނުތަނަވަސްކަމުގައި އަތްފައިން ލޮނު ދާހިއްލަން ފަށައިފި އެވެ. ރާހިލްގެ އަޑުވެސް އޭނާއަށް އިވެމުންދިޔައީ ފަނޑުކޮށެވެ. ހަނދާނުން ފޮހެލަން ބޭނުންވިޔަސް ސިކުނޑީގައި ތަކުރާރުވާންފެށީ ނަދާލްއާއެކު އިއްޔެ މެންދުރު ދެކެވުނު ވާހަކަތަކެވެ. ފެންކަޅިވާން ފަށައިފިހެން ހީވުމާއެކު އައިލީންއަށް އަވަސްއަވަހާ އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ.
"ލީން؟" އައިލީންގެ ކުއްލި ހަރަކާތާއެކު ކުޑަކޮށް ސިއްސައިގެންދިޔަ ރާހިލްއަށް ގޮވައިލެވުނެވެ.
"މިއީ.. އެބަ އަންނަން.. ފާހަނަ" އައިލީން މާ ގިނަ ވާހަކަ ދެއްކުމަކާނުލައި ދަބަސް ހިފައިގެން އެތަނުން ދުރަށް ހިނގައިގަތެވެ. ރާހިލްގެ ކުރިމަތީގައި އެ ކަރުނަތައް ބޭޒާރުވާން އޭނާ ބޭނުން ނުވީ އެވެ.
އައިލީން ތެދުވެގެންދިޔަ ދިމާލަށް ބަލަން އިން ނަދާލް އެއްފަހަރު އިޒްކާއަށް އަނެއްފަހަރު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އެވެ. ނުތަނަވަސްކަމާއެކު ފައި ތަޅުވާލަތަޅުވާލައި އިން އިރު އޭނާ ވިސްނަމުން ދިޔައީ އިޒްކާގެ ގާތުން "ސަލާމަތްވެގެން" އައިލީންއާ ބައްދަލުކޮށްލަން ދެވޭނެ ގޮތަކާ މެދުގަ އެވެ. އެވަގުތު އެތަނުގެ ވެއިޓަރެއް އައިސް އޭނާ އޯޑަރުކުރި ކޮފީތަށި މޭޒުމަތީގައި ބަހައްޓައިލުމަކީ ނަދާލްގެ ނަސީބުކަމުގައި ވެދާނެ އެވެ. އަވަސް އަރުވާލައިގެން ކޮފީތަށީގައި ހިފަން އުޅޭކަމަށް ހެދިގަނެފައި އާވި އަރައަރައިހުރި ކޮފީތަށި ފައިމައްޗަށް ވައްޓައިލި އެވެ.
"އޯ.އެމް.ޖީ. ނެޑް؟ ކީއް ތިކުރީ؟ ދިލަ ނަގާތަ؟" ނަދާލްއާ އެކުއެކީގައި ކަހަލަ ގޮތަކަށް އިޒްކާއަށްވެސް އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ. އޭރު ނަދާލް ލައިގެންހުރި ބެއިޖްކުލައިގެ ފަޓުލޫނުގެ ފަލަމަސްގަނޑާ ދިމާވަނީ ކޮފީ ކުލައިން ފޭދިފަ އެވެ.
"ކުޑަކޮށް.. އެބަ އަންނަން އެނގޭ" ނަދާލް އެތަނުން ދުރަށް ހިނގައިގަތުމަށް މަސައްކަތްކުރި އެވެ.
"އަހަރެން ދަންތަ؟" އިޒްކާ އަހައިލި އެވެ.
"ނޯ އައިލް ބީ ޔޫސިންގް ދަ މެންސް ރޫމް" ނަދާލް އިންކާރުކުރި އެވެ. އަވަސް ފިޔަވަޅުތަކެއްގައި ފާހަނަތައް ހުރި ދިމާލަށް ދަމުން ރެސްޓޯރަންޓްގެ ކައުންޓަރާ ގާތަށް ޖެހިލައި އެތަނުގެ ދަށުން މެއިންޓަނަންސް މަސައްކަތައް ބޭނުންކުރާ ބޯޑެއް ނެގި އެވެ. ފިރިހެން ފާހަނަބަރީގެ ބޭރުގައި ބޯޑު ބަހައްޓައިލުމަށްފަހު އޭނާ ވަދެ ބަލައިލީ އެތަން ހުސްތޯ އެވެ. އެކަން ޔަގީންވުމުން ބޭރަށް ނުކުމެ ޖެހިގެންހުރި އަންހެނުންގެ ފާހަނައިން އައިލީން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ.
------
"ސިންކް... ޓެޕް.. މިރަރ.. ބޭގް..." މޫނުދޮންނަ ތަށީގެ ތުންފަތްމަތީ އަތް އަޅުވައިލައިގެންހުރެ އައިލީން އޭނާގެ ނަފްސު އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އަތުގައި ހަރުލާފައިވާ މަޑު ތުރުތުރަށް ލަސްކަމެއް އައުމުން އައިލީން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފެން އިސްކުރު ދޫކޮށްލި އެވެ. ދެއަތް ދޮވެލައި މޫނުގައި ކުޑަކޮށް ފެން ހާކައިލުމަށްފަހު ޓިޝޫއެއްގެ އެހީގައި ލޯކައިރިން ފޭދިފައިވި މަސްކަރާގެ އަސަރު ފޮހެލި އެވެ. އިސްޖަހައިގެންހުރެ ފާހަނައިން ނުކުތްވަގުތު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައި ޖެހިގެންހުރި ފިރިހެން ފާހަނައިގެ ތެރެއަށް ދަމައިގަތެވެ. ހަޅޭއްލަވައިގަތުމުގެ ފުރުސަތު ނުލިބޭނީސް އެމީހަކު އައިލީންގެ އަނގަމަތީގައި އަތް އެޅި އެވެ. ފާހަނައިގެ ދޮރު ލެއްޕުނު ވަގުތު ކުރިމަތީގައިހުރި ނަދާލް ފެނި އައިލީންއަށް ހައިރާންވެފައި ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ނަދާލްގެ އަތް ފޮޅައިލަމުން ދުރަށްދާން މަސައްކަތްކުރި އެވެ.
"ލޫނާ މަޑުކޮށްބަލަ" ނަދާލް ދެވަނަ ފަހަރަށްވެސް އައިލީންގެ އަތުގައި ހިފައި ގާތަށް ދަމައިލި އެވެ.
"ދޫކުރޭ! މިތާ ސްޓާފުންނަށް ގޮވާނަން" އައިލީން އިންޒާރު ދިނެވެ.
"ބައި އޯލް މީންސް.. ޕްލީޒް ޑޫ.. އަހަރެން ބަލާނަން އަހަރެންގެ ސްޓާފުން އަހަރެންނަށް ކުރަނީ ކީއްތޯ" ނަދާލް އެއް މިޔަކަނިން ހެވިފައިހުރެ ބުންޏެވެ. އައިލީންއަށް ނަދާލްގެ ވާހަކަ ނަގައިގަނެވުނު ހިނދު ނަދާލްގެ ގާތުން ސަލާމަތްވާން ކުރި މަސައްކަތް ހުއްޓައިލެވުނެވެ.
"އައިލީން" ނަދާލް މިފަހަރު ގޮވައިލީ ލަސްލަހުން މަޑުމަޑުންނެވެ.
"ދޫކުރާށޭ ބުނީމަ ދޫކުރާނީ! ގައިގަ ނާތްލާ!" އައިލީންގެ އަޑު ބާރުވާން ފެށުމުން ނަދާލް އަވަސް އަވަހަށް އައިލީންގެ ގައިން ދޫކޮށްލި އެވެ.
"އޯކޭ އޯކޭ އައި ޖަސްޓް ވޯންޓް ޓު ޓޯކް" އައިލީންގެ ގައިން ދޫކޮށްލުމަށްފަހު އަމާން ދޭ ފަދައަކުން ދެއަތް މައްޗަށް ހިއްލައިލަމުން ނަދާލް ބުންޏެވެ.
"އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެޔޭ ނަދާލްގެ ޑެފިނިޝަންގަ "ޓޯކް" އަކީ ކޮބާކަން! ތިއީ ހާދަ ހަޔާތްކުޑަ ފިރިހެނެކޭ!" ދަތްކުނޑި ވިކައިލައިގެންހުރެ އައިލީން ވާހަކަދެއްކި އެވެ.
"އަހަރުމެން ދެމީހުންގެ ދެމެދުގަ ކަމެއް ހިނގިއްޔާ ހިނގާފަ އޮންނާނީ އައިލީންގެ ރުހުމުގަ. ތި ފާޑަކަށް އަހަރެންނަކަށް ބްލޭމެއް ނުކުރެވޭނެ!" ނަދާލް ބުންޏެވެ. އައިލީން ވަކި އެއްޗެކޭ ނުބުނެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ނަދާލް މިފަހަރުވެސް އައިލީންގެ އަތުގައި ހިފެހެއްޓި އެވެ.
"އަހަރެންނަށް ލަސްވެޔޭ. ނަދާލް އެއްޗެކޭ ހިތަކަށްވެސް ނާރާދޯ އެކުއްޖާ އެތަނުގަ ބައިންދާފަ އައިސް ތިފާޑަށް އުޅޭކަށް. ޝޭމްލެސް" އައިލީންގެ ރުޅި ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.
"ޝޭމްލެސް އޭ؟ ރަނގަޅު ދޯ އަހަރެންނާ ދިމާލަށް ތިހެން ބުނަން.. އައިލީން ތި ހުރިހާ އެއްޗެއް ތި ކިޔަނީ އެތަނުގަ އެއިން ފިރިހެންމީހާ ގާތަށް ނުދެވިގެނެއްނު. އައިލީންއަށް ކުޑަމިނުން އެނގޭތަ އެއީ މީހެއްގެ ފިރިއެއްކަން؟ ދެކުދިންގެ ބައްޕައެއްކަން؟" އައިލީންގެ ވާހަކަ ހުރިގޮތުން ނަދާލްވެސް ރުޅި އަންނަން ފަށައިފި އެވެ.
"އަހަރެންނަށް ރާހިލް އެނގޭވަރާ ގާތަށްވެސް ނަދާލަކަށް ރާހިލްއެއް ނޭނގޭނެ!" އައިލީން އަނެއްކާވެސް ދަތްކުނޑި ވިކައިލި އެވެ.
"އޯހް! ސޯ މިފަހަރު އެނގިހުރެ ދޯ އެ ދޭތެރެއަށް ވަންނަން ތި އައީ! އާރ ޔޫ ޓްރައިންގް ޓު ސެޑިއުސް ހިމް ދަ ވޭ ޔޫ ސެޑިއުސްޑް މީ؟ ޕްލޭ އިނަސަންޓް އެންޑް ދެން ސްޓާޓް އެވްރީތިންގް؟ ޔޫ ކިސްޑް މީ ފަސްޓް! ހަނދާނެއް ނުވޭތަ؟ ހޯމްރެކަރ!" އައިލީންގެ ދުލުން ރާހިލްގެ ނަން އިވުން ވެގެންދިޔައީ ނަދާލް އައިސްފައިހުރި ރުޅީގެ އަލިފާނަށް ތެޔޮ އެޅުންފަދަ ކަމަކަށެވެ. އައިލީންއާ ދިމާލަށް މި ބުނެވުނީ ކީކޭކަން ރޭކައިލިއިރު މާ ބޮޑަށްވެސް ލަސްވެއްޖެ އެވެ.
ނަދާލްގެ ދުލުން އެ ރަހުމުކުޑަ ބަސްތައް އިވުމުގެ ކުރިން އައިލީންގެ ދެ ކަންފަތް ބީރުވިނަމަ ކޮންފަދަހޭ އޭނާގެ ހިތަށް އެރިއެވެ. ތިމާ ލޯބިވާ މީހާގެ ދުލުން އެފަދަ ތުހުމަތު ތަކެއް އިވުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ ހިންދިރުވައިލަން ދަތި މިންވަރަށް އައިލީންގެ ލަގޮނޑިއަށް ބާރުކުރަމުންދިޔަ އެވެ. އެ ތުހުމަތުތަކުގެ ކުރިމަތީގައި އޭނާގެ ނަފްސު ދިފާއުކުރަން ބޭނުންވިޔަސް އަޑު ބޭރުވާ ވަރަށްވުރެން ބޮޑަށް އަރުތެރެ ވަނީ ބެދިފަ އެވެ. އައިލީންއަށް އިސްޖަހައިލަން މަޖުބޫރުވި އެވެ.
-------------
ފޯނުގައިވާ ގަޑިއަށް ބަލައިލުމަށްފަހު އިޒްކާ އަނެއްކާވެސް ރެސްޓޯރަންޓުގެ ވަށައިގެން ހޯދައިލި އެވެ. ނަދާލް އައުން މާ ބޮޑަށްވެސް ލަސްވެއްޖެހެން ހީވުމުން ލަސް ފިޔަވަޅުތަކެއްގައި ފާހަނަބަރިއާ ދިމާލަށް ހިނގައިގަތެވެ. ފިރިހެން ފާހަނައިގެ ދޮރުގައި ޓަކި ޖަހައިލުމަށް ހިއްލައިލި އަތް ތިރިކޮށްލެވުނީ އެވަގުތު އެތެރެއިން އިވުނު ވާހަކަތަކެއްގެ ސަބަބުންނެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ