ޖަލުގައި ހުންނެވި ރަނިލްގެ ހާލު ސީރިއަސްވެ އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ސިއްހީ ހާލުކޮޅު ސީރިއަސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ރަނިލް ހައްޔަރުކުރީ އިއްޔެއެވެ. ޖަލުގެ އޮފިޝަލަކު ވިދާޅުވީ ސިއްހީ ހާލުކޮޅު ދަށްވެ، ރަނިލް އެންމެ ފުރަތަމަ ގެންދިޔައީ މެގަޒިން ޖަލަށެވެ. ނަމަވެސް ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު މަތިވެފައިވާކަން އެނގުމުން އޭނާ ބެލި ޑޮކްޓަރުން ލަފާ ދިނީ ވެލިކާޑާ ޕްރިޒަން ހޮސްޕިޓަލަށް ބަދަލުކުރުމަށެވެ. މިއަދުގެ މެންދުރާ ހަމައަށް ވެސް ލޭގް ޕްރެޝަރު ދަށްނުވާ ކަމަށް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.އެހެންވެ، އަނެއްކާވެސް ރަނިލް ވަނީ ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް ބަދަލުކުރީ ހެދި ޓެސްޓުތަކުން ހާއްސަ ފަރުވާތަކަކަށް ބޭނުންވާތީ، ޖަލު ހޮސްޕިޓަލުން އެ ފަރުވާ ނުލިބޭތީއެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އާއި އިދިކޮޅު ލީޑަރު ސާޖިތު ޕްރޭމަދާސާ ހިމެނޭ ގޮތަށް ސިޔާސީ ބައެއް ބޭފުޅުން ވަނީ މިއަދު ހެނދުނު ވެލިކާޑާ ޕްރިޒަން ހޮސްޕިޓަލަށް ޒިޔާރަތްކޮށް ކުރީގެ ރައީސްއާ ބައްދަލު ކުރައްވާފައިކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. ރަނިލް އިއްޔެ ހައްޔަރު ކުރީ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު, 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށް ތުހުމަތުކޮށްފައެވެ. އެ ގޮތުން 56000 އެމެރިކާ ޑޮލަރު ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވެއެވެ. ރަނިލް އަކީ, 2022 ވަނަ އަހަރު, އެ ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ ކާރިސާއިން އެ ގައުމު ހަމައަކަށް އަޅުވައިދިން ކަމުގެ ކްރެޑިޓް ލިބޭ ރައީސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ