"މީޑިއާ ކޮންޓްރޯލް ބިލު" ޑްރާފްޓުކުރުމުގެ ކުރިން މަޝްވަރާ ވެސް ދިރާސާ ވެސް ނުކުރަތީ ބްރޯޑްކޮމުން ކަންބޮޑުވެއްޖެ

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް ހުށަހެޅުމުގެ ކުރިން އެ ކޮމިޝަނާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައި ނުވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ދިރާސާކުރަން ފޮނުވައިފައެވެ. އެއާއެކު އެ ކޮމިޓީއަށް މިއަދު ހެނދުނު ބްރޯޑްކޮމްގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ. ބްރޯޑްކޮމްގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮމިޝަންގެ ރައީސް ޞަފާ ޝަފީގު ވިދާޅުވީ، މި ބިލު އެކުލަވައިލުމުގައި ދިރާސާކުރަން ޖެހޭ ބައިވަރު ކަންކަން ހުރިކަމަށެވެ. އަދި މިހާރު މި ބިލު އެކުލަވައިލައިފައި އޮތް ގޮތް ބެލުމުން، ޑްރާފްޓުކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ. މުހިންމު ކަންކަން ފާހަގަކުރައްވަމުން ޞަފާ ވަނީ ދެ ކޮމިޝަން އެއްކޮށްލުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލާއިރު ބަދަލުކުރަން ޖެހެނީ ވަރަށް ބައިވަރު ގަވައިދުތަކާއި އުސޫލުތައްކަމަށް ވިދާޅުވިއެވެ. އެ ކަންކަމަކީ ވަރަށް ގިނަ މަޝްވަރާތައް ބޭނުންވާ ކަންކަން ކަމަށާއި، އަހަރު ދުވަހުން ވެސް ނިމޭވަރަށްވުރެ ބޮޑު މަސައްކަތެއްކަމަށް ޞަފާ ވިދާޅުވިއެވެ. މީގެ އިތުރުން ނޫސްވެރިންނަށް ތަމްރީން ހިންގަން ޕްރޮގްރާމްތައް ހިންގުމާއި، ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ބްރޯޑްކޮމުގެ މެންޑޭޓުގައި އޮންނަ ކަމެއް ނަމަވެސް ބަޖެޓު ކުޑަކަމުން މުސާރަ ދީފައި އިތުރަށް އެއް ކަމެއް ވެސް ނުވާކަމަށް ޞަފާ ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ބަޖެޓު ކުޑަކަމުން މީޑިއާއަށް ކޮށްދޭނެ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނީނދެ. ބަޖެޓުގައި އެއެއް ނެތް. މީގައި ވެސް އަޅުގަނޑުމެންނަށް އެ ކަން [ބަޖެޓު ކުޑަކަން] ފާހަގަވި،" ޞަފާ ވިދާޅުވިއެވެ. އެހެންކަމުން މި ހާލަތުގައި އޮއްވައި މިޑިއާ ކައުންސިލް ވެސް އެއްކޮށް ކޮމިޝަނެއް ހަދާއިރު ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓާ ގުޅޭ މާ ބޮޑު ވާހަކައެއް ބިލުގައި ނެތްކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބްރޯޑްކޮމް މެންބަރުން -- ފޮޓޯ: މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަން މެންބަރު ސަރާހަތު އިއްޒަތު ވަނީ ފިޔަވަޅު އެޅުމުގައި ކަނޑައަޅައިފައިވާ ގޮތްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރުމަށް އަދަދުތައް ކަނޑައެޅުމުގައި، ނޫސްވެރިންގެ އާމްދަނީއާ އެ ނޫން ވެސް މުހިންމު ކަންކަމަށް ރިއާޔަތްކުރަން ޖެހޭކަމަށް ވެސް ފާހަގަކުރެއްވިއެވެ. "ނޫސްވެރިންގެ ނިސްބަތުން ޖޫރިމަނާ ކުރަންޖެހޭ މިންވަރު ކަނޑައަޅަންވާނީ ކުއަންޓަޓޭޓިވް ރިސާޗެއް ހެދުމަށްފަހު. އެއީ އިގްތިޞާދީ އަދި މީޑިއާ ވޭރިއަބަލްތަކުގެ ކުއަންޓަޓޭވް ޑޭޓާ، ގާނޫނީ އަދި އިޖްތިމާއީ އުސޫލުތަކުގެ ކޮލިޓޭޓިވް އިންޕުޓް ކޮމްޕައިލްކޮށްލައިގެން ނޫސްވެރިންގެ މިނިވަންކަމަށް ބުރޫ ނާރާ ގޮތަށް މީޑިއާގެ ޒިންމާ އިތުރުވާ ނިސްބަތުން އިންސާފުވެރި އަދި ފައިދާހުރި ޖޫރިމަނާތަކެއް އެބަޖެހޭ ކެލިބަރޭޓްކުރަން،" ސަރާހަތު ވިދާޅުވިއެވެ. ހަމައެއާއެކު ކޮމިޝަނަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އިދާރާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކޮމިޝަނަކަށް ވުމާއެކު، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލައި، ވަކި ކޮމިޝަނެއް މި ދަނޑިވަޅުގައި ހަދައިފިނަމަ ބައިނަލްއަގްވާމީ އިދާރާތަކާއެކު ކުރަމުން އަންނަ މަސައްކަތްތައް ހުއްޓިދާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ. ކޮމިޝަންގެ މެންބަރުން، ވަނީ މި ބިލުގެ މަގްސަދަކީ މީޑިއާ ޒިންމާދާރު ކުރުމަށް މަސައްކަތް ކުރުންކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަދަ ބޮޑު ބިލެއް އެކުލަވައިލާއިރު، މަޝްވަރާއާއި ދިރާސާ މުހިންމު ކަމަށް ވިދާޅުވިއެެވެ. އަދި ޚިޔާލު ހޯދަންވާނީ ބިލު ޑްރާފްޓުކޮށް ނިންމައިފައި ނޫންކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި އޮތީ: މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ