އައްޑޫގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުން އިތުރުވެއްޖެ

އައްޑޫގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ބަލި އިތުރުވަމުންދާތީ އައްޑޫގައި ދިރިއުޅޭ ރައްޔިތުން އެ ކަމަށް ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެއެވެ. އެ ހޮސްޕިޓަލުން ބުނީ، ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ މި ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަައް އަޅަން ވަނީ އިލްތިމާސްކޮށްފައެވެ. ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސައި ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އެ ފަދަ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އިތުރުން، ކުޑަކުދިން ނުގެންދިއުން ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން އުރައި ނުހަދައި، އެ ކުދިންނާ ކައިރިނުވުން ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އެ ފަދަ ފަރާތަކަށް ރޯގާޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނައިރު، ބަލި މީހާއާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް އައުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި ބަލި މީހުންނަށް ޒިޔާރަތްކުރާއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި މާބަނޑު މީހުން ނުދިއުމަށް ވެސް އެދިފައިވެއެވެ. ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވެސް އެ ހޮސްޕިޓަލުން އެދުނެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކޮވިޑު-19ގެ ކޭސްތައް ވެސް މުޅި ރާއްޖޭގައި ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު އިންފްލުއެންޒާ ޖެހޭ މިންވަރު ވެސް، މި އަހަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރު އޭޕްރީލް މަހުގެ 20އާއި މެއި މަހުގެ 31 އާ ދެމެދު ރިޕޯޓުކޮށްފައިވާ އަދަދު 364އަށް އަރާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 45 ކޭހެވެ. އަރިދަސްފުސް ރޯގާ ޖެހިގެން އަހަރުގެ މިހާތަނަށް 156،962 ރިޕޯޓުކޮށްފައިވާއިރު، ޑެންގީގެ 116 ކޭހެއް މެއި މަހު ވަނީ ރިޕޯޓުކޮށްފައެވެ. ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދާއި ރ. އަތޮޅާއި ކ. އަތޮޅުގެ އިތުރުން އއ. އަތޮޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ