މިތުރާ ގަޔާވެލީ... 21

އިކާންމެން ދަތުރުކުރަމުންދިޔަ ކާރުގެ ފަހަތުން ދެ ސައިކަލު އައީ އެމީހުންނަށް ފާރަލަމުންކަން ފަޒާލްއަށް ޔަގީންވީ، ރޫބީ އުޅޭ ގޭ މަގަށް އެޅިފަހުންނެވެ. ރަސްފަންނުން ކާރު ނައްޓާލީއްސުރެ އެ ދެ ސައިކަލު ކާރުގެ ފަހަތުން އައިކަން ފަޒާލަށް އެނގެއެވެ. ދެ ސައިކަލުގައި ތިބި ދެމީހުންވެސް ތިބީ ހެލްމެޓް އަޅައިގެންނެވެ. މޫނެއް ނުފެނެއެވެ. ******** ރޫބީގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތީ ޔަޒްދާންގެ ނަމެވެ. އިކާނަށް ބަލައިލާފައި ރޫބީ ފޯނު ނަގަން އުޅުނެވެ. ވަގުތަކީ ފަޒާލް ކުއްލިއަކަށް ކާރުގެ ބުރަކި ޖެއްސި ވަގުތެވެ. ރޫބީގެ އަތުން ފޯނު ދޫވެގެން ތިރިއަށް ވެއްޓުނެވެ. ރިންގުގެ އަޑު ކެނޑި ހިމޭންވިއެވެ. "ބަލައިގެން...." ވެއްޓިފައި އޮތް ރޫބީގެ ފޯނު ފެނުމުން، އިކާން ކުޑަކޮށް ހިތްހަމަނުޖެހިގެން ފަޒާލާއި ދިމާއަށް އެއްޗެއް ބުނަން އުޅުނެވެ. ފަޒާލްގެ ނަޒަރު ހުއްޓިފައިވީ ފަހަތުން އައި ދެ ސައިކަލަށެވެ. ފަޒާލް ކާރު ހުއްޓުމާއި އެކީހެން ފަހަތުން އައި ދެ ސައިކަލުވެސް މަގުގެ އެއްފަރާތައް ހުއްޓިއެވެ. ދެ ސައިކަލުގެ ފަހަތުގައި ތިބި ދެ މީހުން ސައިކަލުން ފައިބައިގެން މަޑުމަޑުން ކާރާއި ދިމާއަށް ހިނގައިގަތް ތަން ފެނުނެވެ. "ހާދަ ދުރަކަށް ތި މަޑުކުރީ؟" ވަށައިގެން ނަޒަރު ހިންގާލަމުން އިކާން ބުނެލިއެވެ. "އަދި ކުޑަކޮށް ގެއާ ކައިރިކޮށްލަންވީނު.. މަގުގަ ޖާގަވެސް އެބަ އޮތެއްނު...." އިކާންގެ ޖުމުލަ ނުނިމެނީސް، ފަޒާލް ކުއްލިއަކަށް ކާރު ދުއްވައިލިއެވެ. ކާރުގެ ފަހަތުން އައި ދެމީހުން ދުވެފައި ގޮސް ސައިކަލަށް އެރިއެވެ. ފޯނު ނަގަން ގުދުވި ރޫބީ ވެއްޓުމުގެ ކުރިން އިކާނަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ލިބުނު ސިހުމުގައި ރޫބީއަށް އިނދެވުނީ އިކާން ލައިގެން އިން ޖީންސްގައި ހިފެހެއްޓިގޮތަށް ދޫކޮށްލަންވެސް ނޭނގިފައެވެ. އިކާން ހިތްހަމަނުޖެހިގެން ފަޒާލަށް ބަލައިލިއެވެ. "ކެއަރފުލް..." "ސޮރީ..." ފަޒާލް މާފަށް އެދުނެވެ. "ކޮންތާކަށް ތި ދަނީ؟..." ރޫބީގެ ގެ ހުރަސްކޮށް، މާ ދުރަށް ކާރު ދިޔުމުން، އިކާން އަހައިލިއެވެ. "ފަހުން އެކްސްޕްލެއިން ކޮށްދޭނަން..." ލޯގަނޑުން އިކާނަށް ބަލައިލަމުން ފަޒާލް ބުނެލިއެވެ. "ސްޕީޑް މަޑުކުރޭ!...." އިކާން އެދުނެވެ. "އައި ކާންޓް..." ފަޒާލް ބުނެލިއެވެ. "ކޮންމެސް ބަޔަކު އެބަ ފޮލޯކުރޭ!... މިވަގުތު އަހަރެން އިސްކުރާނީ އިކާންގެ ސޭފްޓީ... އަހަރެން މި ސިޗުއޭޝަން ހޭންޑަލްކުރިޔަދީ!..." ރޫބީ އިނީ ހޮޑުލަވާގޮތްވެފައެވެ. ބޮލަށް އެނބުރުން އަރާހެންވެސް ހީވިއެވެ. ގައިގެ ވަރު ދޫވެ، ދެކަންފަތް ބައްވިހެން ހީވިއެވެ. އިކާން އެއްޗެއް ކިޔާކަން އެނގުނު ނަމަވެސް، ކިޔާ އެއްޗެއް ސާފެއް ނުވިއެވެ. އިކާން ރޫބީގެ ދެކޮނޑުގައި ހިފައި ތަޅުވައިލި ކަން އެނގުނެވެ. ކުޑަކޮށް ދެލޯ މެރިފައި ރޫބީ ލޯ ހުޅުވައިލިއިރު، އިކާން އިނީ ރޫބީ މެޔާލައި ބޮނޑިކޮށްލައިގެންނެވެ. އޭރުވެސް ކާރު ދަތުރުކުރަމުން ދިޔައެވެ. އިކާންގެ ތަނަވަސް މޭގައި ބޮނޑިވެލުމުގެ ފުރުސަތު ލިބުމުން، ރޫބީގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. އިކާންގެ ގައިން ދުވަމުންދިޔަ ލުއި ސެންޓްގެ މީރުވަސް ރޫބީގެ ނޭފަތުގައި ހަރުލިއެވެ. އިކާން ބަލައިލާހެން ހީވެ، ރޫބީ އަވަހަށް ދެލޯ މަރައިލިއެވެ. މެރިފައިވާ ރޫބީގެ ދެލޮލަށް ބަލަން އިކާން އިރުކޮޅަކު އިނެވެ. ދިގު އެސްފިޔަތަކެކެވެ. ލޯމަރާލައިގެން އޮންނައިރުވެސް އެ ދެލޮލުގެ ޖާދޫގައި ޖެހޭހައި ވެއެވެ. ރޫބީގެ މޫނުން ކޮންމެ ގުނަވަނަކަށް އިކާންގެ ނަޒަރު ދަތުރުކޮށްލިއެވެ. ކުޑަކުޑަ ނޭފަތަކެވެ. ތުނި ތުންފަތެވެ. ކުރިން އިކާން ގަޔާވި ސިފައެއް އެ މޫނުގައި ނެތެވެ. އެކަމަކު، މިއަދު ރޫބީގެ ކިބައިގައި އިކާން ގަޔާނުވާ ސިފައެއް ނެތެވެ. އިކާން ރޫބީގެ ބުރުގާ ރަނގަޅުކޮށްލިއެވެ. ކަނދުރާއިން ފެންނަމުންދިޔަ ބައި ފޮރުވިއެވެ. ނިތްކުރިމަތިން ބޭރަށް ނުކުމެފައިވާ އިސްތަށިކޮޅުތައް ބުރުގާގެ ތެރެއަށް ލައްވާލަދިނެވެ. އިކާންގެ އެ އަމަލުން ރޫބީގެ ހިތް އިތުރަށް ފިދާކުރުވިއެވެ. އިކާންގެ ގަދަރު އުފުލުނެވެ. ބާރު ސްޕީޑުގައި ބުރިޖު ހުރަސްކުރި ފަޒާލަށް ހަމަޖެހުމެއް ލިބުނީ ވަކި ހިސާބަކުން ފަހަތުން އައި ސައިކަލުތައް ގެއްލުމުންނެވެ. މަޝްހޫރު ކާނި ހޮޓެލްގެ ކުރިމައްޗަށް ކާރު ހުއްޓާފައި، ފަޒާލް ކާރުން ފޭބިއެވެ. ވަށައިގެން ދަތުރުކުރަމުންދިޔަ އުޅަނދުތަކަށް ބެލުމަށްފަހު، ކަމެއް ގޯސްނުވާނެކަން ކަށަވަރު ކުރިއެވެ. ރޫބީ ކުޑަކުޑަކޮށް ލޯ ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ހޮޓަލަށް ބަލައިލިއެވެ. ހޮޓަލުގެ ތިރީބައިގައި ހުރި ކެފޭގައި ގިނަ ބަޔަކު ތިއްބެވެ. މުޅީންވެސް ފަތުރުވެރީންނެވެ. ދިވެއްސަކު ނެތެވެ. ލޯބިވެރީންގެ ދުވަހު ލޯބިވެރީންނަށް އެތަން ހާއްސަކޮށްފައި ހުއްޓެވެ. އެތަނުގައި އިކާނާއިއެކު ވަގުތު ހޭދަކުރާތަން ރޫބީއަށް ސިފަކުރެވުނެވެ. ދޮރުމަތީގައި ހުރި ގާޑުގެ ކައިރީގައި ވާހަކަތަކެއް ދެއްކުމަށްފަހު، ފަޒާލް އެނބުރި އައިސް ކާރަށް އެރިއެވެ. ރޫބީ އަވަހަށް ލޯ މަރައިލިއެވެ. ކަންތައް ވީގޮތުން ރޫބީ އޮތީ ލޯ ހުޅުވައިލަންވެސް ނުކެރިފައެވެ. "މިރޭ މިކޮޅުގަ މަޑުކޮށްލުން އެންމެ ރަނގަޅު ގޮތަކީ... ރޫމެއްވެސް ހަމަޖެހިއްޖެ..." ފަޒާލް ބުނެލިއެވެ. "މިއޮތީ އަހަރެންގެ އައިޑީކާޑު... އަހަރެންގެ ނަމުގަ ރޫމް ނަގާ...." "ދެން ފަޒާލް ތި ދަނީ ކޮންތާކަށް؟" ކާޑުގައި ހިފިއިރު، އިކާންގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ފަޒާލް ދާން އިކާން ބޭނުންނުވާ ކަހަލައެވެ. "މި އަންނަނީ ތަންކޮޅެއް ދުރުގަ ކާރު ޕާކުކޮށްލާފަ..." އިކާން ނުކުތުމަށް ކާރުގެ ދޮރު ހުޅުވާލަދެމުން ފަޒާލް ބުނެލިއެވެ. "އަހަރެން މިތަނަށް މި މަޑުކުރީ ވަރަށް ޔަގީންކޮށްފަ... ދެން އެކަމާ ނުވިސްނާ!" ******** ރޫބީގެ ގެ ކައިރީގައި ޔަޒްދާން ހިނގާތާ އެތައް އިރެއް ވީއެވެ. ރޫބީގެ ފޯނަށް ގުޅާގުޅާ ވަރުބަލިވެގެން ޔަޒްދާން ތިރިވިއެވެ. ދޮރުކައިރީގައި އިށީނެވެ. މަގުމަތިން ދާ މީހުންގެ ނަޒަރު ޔަޒްދާނަށް ހުއްޓެމުން ދިޔަޔަސް، އެއިން ކަމަކަށް ވިސްނާލެވޭ ވަރަށް އޭނާގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ. ފުލުހުންގެ އެހީތެރިކަމަށް އެދެން ޔަޒްދާންގެ ހިތް ތަކުރާރުކޮށް އެދުނެވެ. އެކަމަކު، ކަންތައްތައް ގޯސްވެދާނެތީ، އެކަން ކުރާކަށް ނުކެރުނެވެ. "ޔަޒްދާންބޭ؟'' ދާދި ކައިރިން އަންހެންކުއްޖެއްގެ އަޑު އިވުމުން، ޔަޒްދާން އިސްއުފުލައިލިއެވެ. އިބާ ފެނުމުން، ޔަޒްދާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެހެނަސް، އެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ސިއްރެއް ނުވިއެވެ. "ކިހިނެއްވެފަ މިތާ ތީނީ؟..." ވަށައިގެން ނަޒަރު ހިންގައިލަމުން އިބާ އަހައިލިއެވެ. ޔަޒްދާންގެ ހާލު ފެނި، އިބާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. "އިބާ މިތާ ކީއްތިކުރަނީ؟'' ޔަޒްދާން ކޮޅަށް ތެދުވަމުން ބުނެލިއެވެ. "އިބާ މިއައީ އިބާގެ ކިއުޓް ފަހަރި ކައިރިއަށް... ފަހަރި ގެއަށް ލާން އައިގޮތަށް ދޮންބެގެ ހަބަރެއްވެސް ނެތް... މިއައީ އެމީހުން ކުރާ ކަމެއް ބަލަން... ހިނގާބަލަ އިބާއާ އެކީ..." ޔަޒްދާންގެ އަތުގައި ހިފަމުން، އިބާ އެދުނެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައިގެން އިބާއާއިއެކު ޔަޒްދާން އެތެރެއަށް ވަނެވެ. ރޫބީ އުޅޭ ގޭގެ ދޮރުގައި ދެތިން ފަހަރަކު ޓަކި ޖެހުމުން، ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ނަޖާތެވެ. އިބާ ފެނުމުން ހިނިތުންވެލި ނަމަވެސް، ޔަޒްދާން ފެނުމާއިއެކު ވަގުތުން ނަޖާތުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އިބާއަށް އެކަން ފާހަގަވެގެން ޔަޒްދާނަށް ބަލައިލިއެވެ. ޔަޒްދާން ގަދަކަމުން ހިނިތުންވެލިއެވެ. "ތި ދެމީހުން... ދަންނަންދޯ؟" އިބާ އަހައިލީ ޔަޒްދާނަށާއި ނަޖާތަށް އެކަކު އަނެކަކަށް ޝަހާދަތް އިނގިލިން އިޝާރާތްކޮށްލާފައެވެ. "ނޫނޭ!.." ޔަޒްދާނަށްވުރެ ކުރިން ޖަވާބު ދިނީ ނަޖާތެވެ. "ކޮބާ ފަހަރިމެން..." އިބާ އުޅުނީ އެތެރެއަށް ވަންނާށެވެ. "ރޫބީ ނެތް ގެއަކު..." ނަޖާތު އަވަސް އަވަހަށް ބުނެލިއެވެ. "އޭނ؟..." އިބާގެ މޫނުން ފެނުނީ ހައިރާންކަމެވެ. "އެކަމަކު ހާދަ އިރެއް ވެއްޖެއޭ އެމީހުން އައިތާ..." ޔަޒްދާން ޝައްކުގެ ނަޒަރަކުން ނަޖާތުގެ މޫނަށް ބަލައިލިއެވެ. ނަޖާތަށް އެ މަންޒަރު ފެނުމުން، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް މޫނުން ފެނުނެވެ. "މިގެއަކަށް ނާދެ..." އެއްވެސް އަސަރެއް ނެތް ގޮތަކަށް ނަޖާތު ބުނެލިއެވެ. ޔަޒްދާން ދެލޯ ހަނިކޮށްލަމުން ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިބާ ފޯނެއްގައި ހުރެ، ދުރަށްޖެހިލުމުން، ޔަޒްދާން ނަޖާތުގެ ކައިރިއަށް ޖެހުނެވެ. "ރޫބީއަށް އެއްވެސް ކަމެއް ވެއްޖެއްޔާ، އައި ވިލް ކިލް ޔޫ..." ޔަޒްދާން ދަތްތަކަށް ބާރުކޮށްލިއެވެ. "އޭގެކުރިން ދޭ ވިލް ކިލް ޔޫ..." ނަޖާތުވެސް ވާހަކަ ދެއްކީ ދަތްތަކަށް ބާރުކޮށްލައިގެން ހުރެއެވެ. "ތިއުޅެނީ އަދި އަހަންނަކީ ކާކުކަން ނޭނގިގެން..." ޔަޒްދާން ކުރިއަށް ޖެހިލުމުން ނަޖާތު ޖެހިލީ ފަހަތަށެވެ. "ރޫބީއަށް ކަމެއް ވެއްޖެއްޔާ...." "ނަފުރަތަކީ ލޯބީގެ ފެށުން..." ނަޖާތާއި ޔަޒްދާނަށް ހަމަހޭވެރިކަންވީ އިބާގެ އަޑު އިވުމުންނެވެ. ޔަޒްދާން ނަޖާތާއި ދުރަށް ޖެހިލިއެވެ. ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ދެމީހުންގެ މޫނަށް ބަލަން ހުރި އިބާއަށް އެ ދެމެދުގައި ކަމެއް ހިނގައިފިކަން އެނގުނެވެ. "ހިނގާބަލަ ހުޅުމާލެއަށް ގެންގޮސްދޭން..." ޔަޒްދާންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އިބާ ބުނެލިއެވެ. "ދޮންބެމެން ވީ ހުޅުމާލޭގަޔޯ..." "ހުޅުމާލޭގައޭ؟" ނަޖާތަށާއި ޔަޒްދާނަށް އަހައިލެވުނީ އެއްކޮށެވެ. އިބާ ހައިރާންވެފައި ދެމީހުންގެ މޫނަށް ވަކިވަކީން ބަލައިލިއެވެ. އެއަށްފަހު ހީގަތެވެ. "ޓްވިންސްތަ ތީ؟ ސުވާލުވެސް ކުރަނީ އެއްފަހަރާ.." އިބާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ޔަޒްދާން އިބާއާއި އެކުގައި ދާން އެއްބަސްވެދާނެކަމަކަށް އިބާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ޔަޒްދާންގެ ހަރަކާތްތައް އަވަހެވެ. އިބާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ނަޖާތުގެ ކައިރިން ދުރަށް ގެންދިޔައެވެ. އޭނާ ނަޖާތަށް އިތުބާރެއް ނުކުރެއެވެ. ބޭރަށް ނުކުމެފައި، ޓެކްސީއެއް ހުއްޓުވީވެސް ޔަޒްދާނެވެ. ޔަޒްދާންމެން ޓެކްސީގައި ނައްޓާލި މަންޒަރު ބަލަން ހުރި ނަޖާތު ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ސައިކަލަށް އެރިއެވެ. "ފަޒާލް އެ ގުޅީ... އިބާ އެވަރަށް ގުޅާލީމޭ... އުނދަގޫވެގެން ގުޅާވަރު ކުރީމަ ނޫނީ އެމީހުން ނުގުޅާނެ..." ޔަޒްދާން ހާސްވެފައި އިންއިރުވެސް އިބާ އަނގަ ހުއްޓާނުލައެވެ. ******** ލިފްޓް މައްޗަށް އަރަމުންދިޔަ ވަރަކަށް ރޫބީ ފިނިވަމުން ދިޔައެވެ. އިކާންގެ ކައިރީގައި އިންނަން އުނދަގޫވާއިރު، އިކާނާއި އެއް ކޮޓަރިއެއްގައި މުޅި ރޭ ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ ރޫބީއެކޭ އެއްވަރަށް އިކާންވެސް ފިނިވަމުން ދިޔައެވެ. ތަފާތު ވަސްވާސްތަކުން ސިކުނޑި ފުރެން ފެށިއެވެ. "ސޮރީ... އިތުރު ރޫމެއް އެވެއިލެބަލް ނޫންވީމަ..." އިކާން ބުނެލިއެވެ. ހަގީގަތުގައި އިތުރު ރޫމެއް ހޯދަން މަސައްކަތް ކުރިއިރުވެސް، އިކާންގެ ހިތް އެގޮތް ބޭނުމެއް ނުވެއެވެ. އޭނާގެ ހިތް އެދުނީ ރޫބީއާއި އެއްކޮޓަރިއެއްގައި ވުމަށެވެ. ލިފްޓް ހުއްޓުނެވެ. ކުރިމަތީގައި ހުރި ދޮރު ފެނުމުންވެސް ރޫބީގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. ތަޅުގައި ކާޑު ޖައްސާލުމާއިއެކު ދޮރު ހުޅުވުނެވެ. ކޮޓަރިއަށް ފުރަތަމަ ވަނީ އިކާނެވެ. ވީހާވެސް ބޮޑަށް ދޮރު ހުޅުވައި، ދޮރުގައި ހިފަހައްޓައިގެން އިކާން ހުއްޓެވެ. ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގެ އެއްކޮޅުގައި ކިންގް ސައިޒުގެ ބޮޑު އެނދެއް ބަހައްޓާފައި ހުއްޓެވެ. އަނެއްކޮޅުގައި ސޯފާއަކާއި، ކޮފީ ޓޭބަލެއް ހުއްޓެވެ. އެނދުގައި އަޅާފައިވާ ހުދު ބެޑްޝީޓުގެ މަތީގައި ފިނިފެންމަލުގެ ފިޔައިން ހިތެއްގެ ބައްޓަމެއް ހަދާފައި އޮތެވެ. ބޯއަޅާ ބާލީހުގެ މެދުގައި ހިތެއްގެ ބައްޓަމަށް އޮތް ރަތްކުލައިގެ ބާލީހެއް ބާއްވާފައި އޮތެވެ. އެނދުގެ ދެފަރާތު ސައިޑް ޓޭބަލްގެ މަތީގައި، ބަހައްޓާފައިވާ އުއްބައްތިތަކުން، ތަނުގައި ހިފާލާފައިވީ މަސްތުކުރުވާ ޒާތުގެ ލުއިލުއި ވަހެކެވެ. ރޫބީ ވަނުމުން، އިކާން ދޮރު ލެއްޕިއެވެ. ތަޅުލިއެވެ. ކުރިއަށް ހިނގައިގަންނަންވެސް ނޭނގިފައި ރޫބީ ހުއްޓެވެ. އެނދު ފެނުމާއިއެކު، އިކާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ހާސްވެފައި ރޫބީއަށް ބަލައިލިއެވެ. އޭރު ރޫބީ ހުރީ ދެލޯ ބޮޑުކޮށްގެން އެނދަށް ބަލާށެވެ. އެ އެކަހެރި ބައްދަލުވުމުން، ރޫބީ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ވާކަށް އިކާން ބޭނުމެއް ނުވިއެވެ. "މި... މިތާ... މީހުންނަށް... ނޭނގުނީ ކަންނޭނގެ... އަހަރެމެން އަދި... މެރީ ނުކުރާކަން..." އިކާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފިނިފެންމަލުގެ ފިޔަތައް ނަގަން ފެށިއެވެ. ފިޔަތައް ނަގާފައި ޑަސްބިނަށް އެޅުމަށްފަހު، ބާލީސްވެސް ނަގާ ސޯފާމައްޗަށް ލިއެވެ. އިކާން އުޅުނުގޮތުން ރޫބީގެ ކައިރިއަށް ހިނި އައެވެ. ކުދިކުދި ކަންކަމުގައިވެސް އިކާން ރޫބީއަށް އިސްކަންދޭ މިންވަރާއި، ރޫބީއާއިމެދު ވިސްނާވަރު އެނގުމުން، ރޫބީގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ލިއްބައިދިނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ